ތަރައްްޤީ

އައްޑޫ ސިޓީ ހިތަދޫގައި އާ ސަހަރާއެއް ހަދަނީ


އައްޑޫ ސިޓީ ހިތަދޫގައި ފަންސާސް ހާސް އަކަފޫޓުގެ ބޮޑު ސަހަރާއެއް ހެދުމުގެ މަސައްކަތް ފަށައިފިއެވެ. މި މަސައްކަތް ފަށްޓަވައިދެއްވީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލީ ވަހީދެވެ. ސަހަރާގެ މަސައްކަތް ޢަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ އައްޑޫސިޓީގެ އެހެން ރަށްތަކާއި އަޅާ ބަލާއިރު ހިތަދޫއަކީ އާބާދިގެ ގޮތުން ބޮޑުރަށަކަށްވެފައި، ހިތަދޫގެ ސަހަރާތައް އަވަހަށް ފުރުމާއި، ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ދިމާވެފައިވާކަމަށެވެ. އެހެންކަމުން އަލަށް ހަދާ 50 ހާސް އަކަ ފޫޓްގެ ސަހަރާގެ މަސައްކަތް ނިމުމުން މި މައްސަލައަށް ޙައްލެއްލިބޭނެމަށެވެ. 

ސަރުކާރުގެ ވިސްނުންހުރިގޮތަކީ ބޮޑެތި އާބާދީތައް ތިބި ތަންތަނުގައި މިގޮތަށް ސަހަރާ ޤާއިމް ކުރެވެމުންދާއިރުގައި ދާއިމީގޮތެއްގައި ސަހަރާ ބޭނުންކުރުމުގެ ނިޒާމެއް ޤާއިމްކުރުންކަމަށް އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.

" މިހާރު ސަރުކާރުގެ ވިސްނުންހުރި ގޮތަކީ ބޮޑެތި އާބާދީތައް އަދި ބޮޑެތި ބިންތައް ހުރި ތަންތާގައި ނަމަވެސް މިގޮތަށް ސަހަރާ ޤާއިމްކުރެވިގެންދާއިރުގައި ހަމައެކަނި ލެވެލްކުރެވިފަ ހުންނަ ފަސްގަޑަކަށް ވުރެ ބޮޑަށް އެހެންގޮތަކަށް މިކަން ކުރެވި، ދާއިމީ ގޮތެއްގައި އެ ސަހަރާ ބޭނުންކުރެވިގެންދާނެ ގޮތެއް ހަމަޖައްސައިގެންދިއުން. އޭގެ މާނައަކީ މައްޔިތަކު މަރުވެގެން ވަޅުލާފަ ގިނަދުވަސްވީމާ، ކަށިތައް ވަކިގޮތަކަށް ނަގާފަ އިޙުތިރާމާއެކު ހަމައެތާގަ އެހެން މައްޔިތަކު ވަޅުލެވޭ ކަހަލަ ވަޅުތައް ތައްޔާރުކުރުމުގެ މަޝްވަރާކުރަމުން އަޅުގަޑުމެން މިހާރު މިދަނީ" ސްޓޭޓް މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.

ހައުސިން މިނިސްޓްރީއާ ހަވާލުކޮށްގެން ސަހަރާގެ މަސައްކަތް ކުރިއަށްގެންދިއުމަށް ރާވާފައިވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގައި ބިންސާފުކޮށް ފަސްގަނޑު ލެވެލްކުރުމާއެކު ވަށާ ފާރުރޭނުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދެވަނަ ފިޔަވަހީގައި ހިނަވާގެއަކާއި، މޯޗަރީއެއް ތައްޔާރުކުރުމުގެ މަސައްކަތްކުރާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ އާ ސަހަރާ ހަދަނީ ދިގުމުއްދަތަކަށް ބޭނުން ކުރެވޭ ގޮތަށް ކަމަށެވެ. އަދި  އެއީ މާލެއާއި ހުޅުމާލޭގަވެސް ހަދާ ފެންވަރުގެ ފަހުގެ ސަހަރާއެއް ކަމަށް އޭނާ ވިދާޅުވިއެވެ. 

"ސަހަރާގެ މަސައްކަތަށް ޚަރަދުކުރަން ޚާއްޞަ ބަޖެޓެއް ކަނޑައަޅާފައި ނުވޭ. އެހެންނަމަވެސް ސަހަރާގެ މަސައްކަތް ނިމެންދެން ކުރަންޖެހުނު ކޮންމެ ކަމަކަށް ޚަރަދު ކުރެވޭނެ،" އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.

ސްޓޭޓް މިނިސްޓަރ ވިދާޅުވީ އައްޑޫސިޓީގެ މީހުން ވަޅުލުމާއި ސަހަރާތައް ސިޓީ ކައުންސލިުން ބެލެހެއްޓި ދުވަސްވަރު އެކަންކުރަމުން އައިސްފައިވަނީ އެއްވެސް އިންތިޒާމެއްނެތި ކަމަށެވެ. އެހެންނަމަވެސް އިސްލާމިކް މިނިސްޓްރީގެ ދަށަށް މިކަން ބަދަލުކުރުމާއެކު، އެކަންކަން އިންތިޒާމްކޮށް ރައްޔިތުންނަށް ކަންކަން ފަސޭހަވާނެ އުޞޫލެއް ގެ ދަށުން ކަންކަން ކުރިޔަށްގެންދާކަމަށެވެ.

އައްޑޫސިޓީ ހިތަދޫއަކީ އާބާދީގޮތުން ބޮޑުރަށަކަށްވެފައި މިހާރު ހިތަދޫއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ މީހުން ވަޅުލުމަށްޓަކައި ސަހަރާގައި ޖާގަ ނެތުމުގެ މައްސަލައެވެ. ސަހަރާގެ ޖާގައިގެ ދަތިކަން ޙައްލުކުރުމަށްޓަކައި ހިތަދޫގައި މިހާރު މީހުން ވަޅުލަމުން އަންނަ ސަހަރާ ޖެހިގެންއޮތް ހުސްބިމުގައި އާ ސަހަރާއެއް ހެދުމަށް ސަރުކާރުން ނިންމީ 2017 ވަނަ އަހަރުއެވެ. ނަމަވެސް ދާއިމީކޮށް ދިގުމުއްދަތަކަށް މިކަމަށް ޙައްލެއްގެނައުމަށްޓަކައި މުޅިން އާ ޞަރަޙައްދެއްގައި ސަހަރާ ހެދުމުގެ މަސައްކަތް ކުރުމަށް ކަނޑައެޅިއެވެ. އެގޮތުން ހިތަދޫގެ މިހާރު އާ ސަހަރާ ހަދަނީ އެރަށު މަސްޖިދުލް ބާޤިއާ ހުންނަ މަގުގެ ފުއްޓަރާވީ ކޮޅުގައެވެ.