ސިޔާސީ އިދިކޮޅު ފަރާތްތަކުން ރާއްޖޭގައި ހިންގަމުންދާ ހަމަނުޖެހުންތަކުގެ އަސަރު ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދަށް ނުކުރާ ކަމަށް ޗައިނާގައި ހުންނަވާ ދިވެހި ސަފީރު މުޙައްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.
ޗައިނާގެ ބެއިޖިންގައި ހުންނަވާ، ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަަރވިއުއެއްގައި ސަފީރު ވިދާޅުވީ ރާއްޖޭގައި އިިދިކޮޅު ފަރާތްތަކުން ހިންގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ޗައިނާގެ ބައެއް ފަތުރުވެރިން ބުކިންތައް ކެންސަލް ކުރި ނަމަވެސް ކެންސަލް ކުރި ބުކިންސްތައް ވަރަށް މަދު ކަމަށެވެ. އަދި މިކަން މިއަހަރުގެ ޖެނުއަރީ މަހާއި ފެބްރުއަރީމަހު ރާއްޖެއަށް ޒިޔާރަތްކުރި ޗައިނާގެ ފަތުރުވެރިންގެ އަދަދަށް ބަލާލުމުންވެސް އެނގޭނެ ކަމަށް ސަފީރު ވިދާޅުވިއެވެ.
ސަފީރު ވިދާޅުވީ ޗައިނާގެ ރައްޔިތުންނަށް، ޙާއްސަކޮށް ޗައިނާގެ ޓުއަރ އެޖެންޓުންނަށް ރައްޖޭގައި ހިނގަމުންދާ ކަންތައްތަކާއި ރާއްޖޭގައި ފަތުރުވެރިކަން ކުރިއަށްދާގޮތް އެނގޭ ކަމަށެވެ.
" ޗައިނާގެ ރައްޔިތުންނަށް ޙާއްސަކޮށް ޓުރެވަލް އެޖެންޓުންނަށް އެނގޭ ރާއްޖޭގެ އަސްލު ހާލަތު، ރާއްޖެއަށްދާ ޓޫރިސްޓުންނަކީ މާލެއަށް އަންނާނެ ބައެއް ނޫން، ރާއްޖެއަށް ދާ ގޮތަށް އެއަރޕޯޓުން ސީދާ ރިސޯޓަށް ނޫނީ ގެސްޓު ހައުސްއަކަށްދާނީ، އެހެންވީމަ ގިނަ ފަރާތްތަކަކުންނެއް ކެންސަލްއެއް ނުކުރޭ، ދެން އަދި ރާއްޖެއަށް މި ހުންނަ ޕެކޭޖްތަކަކީ ވަރަށް އަގުބޮޑު ޕެކޭޖްތައް މި ޕެކޭޖްތައް ކެންސަލް ކުރާކަށް ރިސޯޓަށްވެސް، ގެސްޓްހައުސްއަށްވެސް އަދި ދަތުރުކުރާ ފަރާތަށްވެސް އެހާ ފައްސޭހައެއް ނުވާނެ، އެހެންވީމަ މިހުރިހާ ކަމެއް އެކުވެގެންހެން އަޅުގަނޑަށް ހީވަނީ އަދަދުތައް އެހާ ދަށަށް ނުދިޔައީ،" ފައިސަލް ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވީ ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަހަށް ބަލާއިރު، މިއަހަރުގެ އޮކްޓޫބަރުމަހު އަންނަ ޗައިނާގެ އެންމެ ބޮޑު ޗުއްޓީ އަންނަންވާއިރަށް ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގަމުންދާ ކަންކަންވެސް ރަނގަޅުވާނެކަމަށް ލަފާކުރެވޭކަމަށެވެ. އެހެންކަމުން ޗައިނާގެ އެންމެ ބޮޑު ޗުއްޓީ ނުވަތަ އެޤާއުމުގެ ނޭޝަނަލް ހޮލިޑޭއާ ދިމާކޮށް ރާއްޖެއަންނަ ފަތުރުވެރިންގެ އަދަދުވެސް އިތުރުވާނެކަމަށް ލާފުކެވޭކަމަށް ފައިސަލް ވިދާޅުވިއެވެ.
ރާއްޖެއަށް ޒިޔާރަތްކުރާ ޗައިނާގެ ފަތުރުވެރިންގެ ތެރެއިން ގެސްޓްހައުސްތަކަށްދާ ފަތުރުވެރިންގެ އަދަދު އިތުރުވަމުންދާކަން ސަފީރު ފައިސަލްްވަނީ ފާހަގަކުރައްވާފައެވެ.
ޗައިނާގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ރާވާފައިވާ ޙަރަކާތްތަކާ ގުޅޭގޮތުން ފައިސަލް ވިދާޅުވީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، އެމްއެމްޕީއާރުސީއާއި ގުޅިގެން ބައެއް ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ރާވާފައިވާކަމަށެވެ. އަދި ރާއްޖެ އިޝްތިހާރު ކުރުމަށް އެމްބަސީއިންވެސް ޗައިނާގައި ހަރަކާތްތަކެއް ކުރިއަށްގެންދިޔުމަށް ރާވާފައިވާ ކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފެބްރުއަރީމަހުގެ ނިޔަލަށް ޗައިނާއިން ރާއްޖެއަށް ފަންސާސްނުވަހާސް ތިންސަތޭކައަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ ހުސްވި އަހަރުގެ މި މުއްދަތާ އަޅާ ބަލާއިިރު %8 އިތުރު އަދަދެކެވެ.