ތަޢުލީމު

މޯލްޑިވްސް އިންޓަރނޭޝަލް އެޑިއުކޭޝަން އެންޑް ކެރިއަރގެ ތިންވަނަ އެކްސްޕޯ މާދަމާ ފަށަނީ


މޯލްޑިވްސް އިންޓަރނޭޝަލް އެޑިއުކޭޝަން އެންޑް ކެރިއަރގެ ތިންވަނަ އެކްސްޕޯ މާދަމާ ފަށާނެއެވެ. މި އެކްސްޕޯއަކީ އަސަރީ ސަރވިސްއާއި މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސަރވިސަސް، މެކްސްއާ ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.

މިމަހުގެ 29 ން 31 ގެ ނިޔަލަށް ދަރުބާރުގޭގައި ކުރިއަށްގެންދާ މި އެކްސްޕޯއަކީ ރާއްޖެއާއި ރާއްޖެއިން ބޭރުން ލިބެންހުންނަ ތަޢުލީމާއި ތަމްރީނާއި ޢިލްމު އުނގެނުމާ ގުޅޭ ތަފާތު މަޢުލޫމާތު ދަރިވަރުންނާއި ބެލެނިވެރިންނަށް ފޯރުކޮށްދިނުމަށް ބާއްވާ ފެއަރ އެކެވެ. އަސަރީ ސަރވިސްއިން ބުނީ މިފަހަރުގެ ފެއަރގައި ފަންސާހަށްވުރެ ގިނަ އިންސްޓިއުޓް ބައިވެރިވާކަމަށާއި ފަސްސަތޭކައަށްވުރެ ގިނަ ދާއިރާތަކުން މަތީ ތަޢުލީމު ޙާސިލްކުރުމުގެ ފުރުޞަތުތައް ލިބިގެންދާނެކަމަށެވެ. އަދި މިއަހަރުގެ ފެއރގައި އޭވިއޭޝަންއާއި ފެޝަން ޑިޒައިންގެ ދާއިރާއަށް އަމާޒުކޮށްގެން ހިންގާ ސެމިނަރތަކެއްގެ އިތުރުން މެޑިކަލް،އާރކިޓެކްޗަރ، ބިޒްނަސް،އެކައުންޓިންގެ އިތުރުން އެހެންދާއިރާތަކުންވެސް ޑިޕްލޮމާއާއި ޑިގްރީގެ އިތުރުން މާސްޓާސް ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތުވެސް ލިބިގެންދާނެކަމަށް އެފަރާތުން ބުނެއެވެ. ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އަސަރީ ސަރވިސްގެ މެނޭޖިން ޑިރެކްޓަރ ޢައިޝަތު މުޢީނާ ވިދާޅުވީ މި ފެއަރގެ ޒަރިއްޔާއިން މިއަހރުވެސް އިނާމްތަކެއް ލިބިގެންދާނެކަމަށެވެ.

އަދި މިފެއަރގައި ބައިވެރިވާ އިންސްޓިޓިއުޓްތަކުގެ ކޯސްތަކުން ޑިސްކައުންޓްލިބުންފަދަ ކަންތައްތައް ކުރިއަށްދާނެކަމަށްވެސް މުއީނާ ވިދާޅުވިއެވެ.

"މިފެއަރގައި ބައިވެރިވާ އިންސްޓްޓިއުޓްތަކުގެ ކޯސްތަކުން ޑިސްކައުންޓްސް ހަމަޖެހިފައި އެބަ އޮވޭ. އަދި ކޯސްފީ ނުވަތަ އެންރޯލްމެންޓްފީ އުނިކުރުމުގެ ބައިވެސް ފެއަރގެ ތެރެއިން ލިބިގެންދާނެ." ޢާއިޝަތު މުޢީނާ ވިދާޅުވިއެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކި ޤައުމުތަކުގައި ތަޢުލީމް ހާސިލްކުރުމަށް ބޭނުންވާ ދަރިވަރުންނަށް ކޮލެޖް ޔުނިވަރސިޓީތަކުގެ އިސްފަރާތްތަކާ ބައްދަލުކޮށް، މުހިންމު މަޢުލޫމާތުތަކެއް ލިބުމުގެ އިތުރަށް ކޯސްތަކުގައި ބައިވެރިވުމަށް އެޕްލިކޭޝަން ފޯމު ފުރިހަމަކުރުމާއި އެޕްލިކޭޝަނާއެކު ލިޔުންތައް ވެރިފައިކޮށް ޕްރޮސެސްކުރުމުގެ ފުރުޞަތުވެސް ލިބިގެންދާނެކަމަށް އަސަރީ ސަރވިސްއިން ބުނެއެވެ.

މޯލްޑިވްސް އިންޓަރނޭޝަލް އެޑިއުކޭޝަން އެންޑް ކެރިއަރގެ ތިންވަނަ އެކްސްޕޯ މާދަމާ ފަށާއިރު އެކްސްޕޯ ކުރިއަށްދާނީ ކޮންމެ ދުވަހަކު ހަވީރު ތިނަކުން ރޭގަނޑު ދިހައަކަށެވެ.