ކުޅިވަރު

ރޯމާއިން ބައިކޮޅަށް ޖެހި ގޯލްތަކާއެކު ފުރަތަމަ ލެގު ބާސާއަށް


ރޯމާއިން ބައިކޮޅަށް ޖެހި ގޯލްތަކާއިއެކު ކިތަންމެ ގިނަ ބަޔަކު ބާސާއަށް މަލާމާތްކުރިއަސް އެޓީމަށް ރޭގެ މެޗުން މޮޅެއް ހައްޤުކަމަށް ބާސެލޯނާގެ އާނެސްޓޯ ވަލްވާޑޭ ބުނެފިއެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާރ ފައިނަލްގެ ފުރަތަމަ ލެގުގައި ރޭ ރޯމާ އަތުން ބާސެލޯނާ މޮޅުވީ ހަތަރެއް އެކަކުންނެވެ. މެޗުގައި ބާސާއިން ޖެހި ހަތަރު ގޯލުގެ ތެރެއިން ފުރަތަމަ ދެ ގޯލަކީ ރޯމާގެ ޑިރޮސީ އަދި މަނޮލާސް އަތުން ބައިކޮޅަށް ވަތް ދެ ލަނޑެވެ. ބާސާގެ އަނެއް ދެ ލަނޑު ޖެރާޑް ޕީކޭ އަދި ލުއިސް ސުއަރޭޒް ޖެހިއިރު ރޯމާގެ ހަމައެކަނި ލަނޑު ޖަހައިދިނީ އެޑިން ޒެކޯއެވެ.
ބާސެލޯނާގެ ކޯޗު ވަލްވާޑޭ ބުނީ ބާސާއަށް ރޭގެ މެޗުން މޮޅު ހައްޤުކަމަށާއި، ބައިކޮޅަށް ރޯމާއިން ގަސްތުގައި ގޯލު ނުޖަހާކަމަށެވެ. އެއްވެސް ޓީމެއް މެޗަކުން ބަލިވާން ބައިކޮޅަށް ލަނޑު ނުޖަހާނެކަމަށާއި، ބާސެލޯނާއިން ހަތަރު ގޯލު ހައްޤުވާވަރަށް ހަމަލާތައްވެސް އުފެއްދިކަމަށް ކޯޗު ބުންޏެވެ.
ރޭގެ މެޗަށްފަހު ރޯމާގެ ކޯޗު ފްރެންސެސްކޯ ބުނީ ބާސާގެ ސަޕޯޓަރުންގެ ކުރިމަތީގައި ރޯމާއިން ދެއްކި ކުޅުމާއިމެދު ހިތްހަމަޖެހޭކަމަށެވެ. ތިން ގޯލުގެ ތަފާތުން ބަލިވުމަކީ އެންމެ އިންސާފުވެރި ނަތީޖާ ނޫންކަމަށާއި، އެންމެ ފަހު ވަގުތާއި ހަމައަށްވެސް ކުޅުންތެރިން ވަރަށް މަސައްކަތްކުރިކަމަށެވެ. އަދި މިއީ އޭނާ ކަންބޮޑުވާ ނަތީޖާއެއް ނޫންކަމަށާއި، އަމިއްލަ ދަނޑުގައި މި ނަތީޖާ އަނބުރާލެވޭނެކަމަށްވެސް ރޯމާގެ ކޯޗު ބުންޏެވެ. ފްރެންސެސްކޯ ބުނީ އަމިއްލަ ދަނޑު މި ސީޒަންގައި ރޯމާގެ ފޯމު ރަނގަޅުވުމަކީ ދެވަނަ ލެގަށް އޮތް އިތުބާރެއްކަމަށެވެ.