ކުޅިވަރު

ސިޓީ ސިއްސުވާލުމަށްފަހު ކްލޮޕްގެ ފާޑުކިއުން ޕްރިމިއަރ ލީގު ޝެޑިއުލްއަށް!


މެންޗެސްޓަރ ސިޓީ ސިއްސުވާލުމަށްފަހު ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ޕްރިމިއަރ ލީގުގެ ޝެޑިއުލްއާއިމެދު ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގައި 3-0 ން ސިޓީ ބަލިކުރުމަށްފަހު ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ ސިޓީ އަތުން މޮޅުވުމަކީ ހުރިހާ ގޮތަކުންވެސް ޓީމަށް ހެޔޮ އަސަރުތަކެއް ކުރާނެކަމެއްކަމަށެވެ. މި މެޗުގައި އެންމެ ބޮޑަށް ފާހަގަވީ ޓީމްގެ ޑިފެންސްލައިންކަމަށާއި، ލިވަޕޫލްގެ ޑިފެންޑަރުންނަށް ފާޑުކިޔާ މީހުންނަށް ރަނގަޅު ރައްދެއް ދެވިއްޖެކަމަށް ކްލޮޕް ބުންޏެވެ.
ރޭގެ މެޗަށްފަހު ލިވަޕޫލް ޕްރިމިއަރ ލީގުގައި އަންނަ ހޮނިހިރު ދުވަހުގެ ހަވީރު ނިކުންނާނީ އެވަޓަންއާއި ދެކޮޅަށެވެ. ކްލޮޕް ބުނީ ލިވަޕޫލްގެ ވާދަވެރި އެވަޓަންއާއި ދެކޮޅަށް އެންމެ ދެ ދުވަހުގެ ރެސްޓަކަށްފަހު ކުޅެން ޖެހުމަކީ އުނދަގުލަކަށްވެދާނެކަމަށެވެ. އޭނާ ބުނީ ޗެމްޕިއަންސް ލީގުގައި ކުޅޭ ޓީމްތަކަށް ލީގުގައި ލުއި ގޮތްތަކެއް ހަމަޖައްސައިދޭންވާނެކަމަށާއި، ސަބަބަކީ ލިވަޕޫލް މި ތަމްސީލްކުރަނީ އިނގިރޭސި ލީގުކަމަށެވެ. އޭނާ ބުނީ ހޮނިހިރު ދުވަހުގެ މެޗަށްފަހު އަނެއްކާވެސް އަންނަ އަންގާރަ ދުވަހު ޗެމްޕިއަންސް ލީގުގައި އެޓީމް ވާދަކުރަން ޖެހޭއިރު އިނގިރޭސި އެފްއޭއިން މިކަމަށް ވިސްނުން މުހިންމުކަމަށެވެ.

ރޭގެ މެޗުގައި ލިވަޕޫލްގެ ލަނޑުތައް ޖަހައިދިނީ މުހައްމަދު ސަލާ، އޮކްސްލޭޑް ޗެމްބަލައިންގެ އިތުރުން ސަދިއޯ މާނޭއެވެ. މެޗުގެ ފަހު ހާފުގައި ފޯވާޑް ސަލާއަށް އަނިޔާވެ ވަނީ ބަދަލުކުރަން ޖެހިފައެވެ. ކްލޮޕް ބުނީ ސަލާގެ އަނިޔާއާއި މެދު އެއްޗެއް ބުނަން އިނގޭނީ މިއަދު ހަދާ ސްކޭންތަކަށްފަހުކަމަށެވެ.