ކުޅިވަރު

ސެންޓްރަލް ޒޯނަށް ތައްޔާރުވާން ޤައުމީ ވޮލީ ޓީމް ތައިލެންޑަށް ހިނގައްޖެ


ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަށް ތައްޔާރުވުމަށް ދިވެހި ޤައުމީ ފިރިހެން ވޮލީޓީމް ތައިލެންޑަށް ހިނގައްޖެ. މިމަހުގެ ނަވާރައިގައި ފެށުމަށް ހަމަޖެހިފައިވާ ސެންޓްރަލް ޒޯން ވޮލީ މުބާރާތަށް ޤައުމީ ޓީމް ތައްޔާރީތައް ފަށާފައިވަނީ މީގެ ތިން މަސް ކުރިން. ސާދަ ކުޅުންތެރިންނާއެކު ޓީމް ރޭ ތައިލެންޑަށް ފުރުމުގެ ކުރިން ޕީއެސްއެމް ސްޕޯޓްސްއަށް މައުލޫމާތުދެމުން ޤައުމީ ފިރިހެން ވޮލީ ޓީމްގެ މެނޭޖަރ އަލީ ލަތީފް ބުނީ ތައިލެންޑްގައި މި ކުރާ ތަމްރީންތަކުގައި ފަސް މެޗު ނުވަތަ ހަ މެޗު ކުޅުމަށް ހަމަޖެހިފައިވާކަމަށް. ތައިލެންޑްގެ 19 އަހަރުން ދަށާއި، 23 އަހަރުން ދަށުގެ ޤައުމީ ޓީމާއިއެކު ދެ މެޗެއް ކުޅުމުގެ އިތުރުން އެ ޤައުމުގެ ދެ ތިން ކުލަބަކާއެކުވެސް މެޗު ކުޅޭނެކަމަށް ލަތީފް ބުނި. ލަތީފް ބުނީ ހުރިހާ އިންތިޒާމެއް ހަމަޖައްސައިދީފައިވަނީ އޭވީސީންކަމަށާއި، މުބާރާތަށް ތައްޔާރުވާން މިއީ ވަރަށް ރަނގަޅު ދަތުރަކަށްވާނެކަމަށް.

"ތައިލެންޑަށް ދާގޮތަށް ހަމަ ތަމްރީންތައް ފަށާނެ، ހެނދުނާއި ހަވީރު އޮންނާނެ ޓްރެއިނިންގ. ދެން މިހާރު ފަސް މެޗު ހަމަޖެހިފައި އޮތީ، އަދިވެސް އިތުރު މެޗެއް ހަމަޖެހޭތޯ މި ބަލަނީ. ދެ ދުވަހުން އެއް ދުވަހު މެޗެއް ކުޅޭނެ. މިބަލަނީ ވަރުގަދަ ތަމްރީންތަކެއް ހެދޭނެކަމަށް."

އޭވީސީ ސެންޓްރަލް ޒޯން މުބާރާތް މި މަހުގެ ނަވާރައިން ސައްބީހަށް އޮންނާނީ ބަނގްލަދޭޝްގައި.