އޭޝިޔާ ބައްރުގެ ޤައުމުތަކުގެ މީޑިޔާގެ އިސްވެރިންގެ ބައްދަލުވުން، "މީޑިޔާ ލީޑާސް ސަމިޓް ފޮރ އޭޝިޔާ" ނިމިއްޖެއެވެ.
47 ޤައުމަކުން އަށްޑިހައަށްވުރެ ގިނަ މީޑިއާ ކުންފުނިތަކުގެ އިސްވެރިންނާއިއެކު ބޭއްވި މިބައްދަލުވުމުގައި އޭޝިއާގެ ޤައުމުތަށް ކުރިއެރުވުމަށް މީޑިއާތަކުން އަދާ ކުރާ ދައުރު ފުޅާކޮށް ކުރިއެރުވުމާއިބެހޭ ގޮތުން މަޝްވަރާކުރިއެވެ. މި ބައްދަލުވުމުގައި ރާއްޖެ ތަމްސީލްކުރެއްވީ ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްގެ ޗީފް އޮޕަރޭޓިންގ އޮފިސަރ މުޙައްމަދު ސަޢީދުއެވެ.
""މިއަހަރުގެ ސަމިޓުގައި ދުނިޔޭގެ އެކި ހިސާބުތަކުން ވަރަށް ގިނަ ޤައުމުތަކުން އެބަ ބައިވެރިވޭ. ޗައިނާއިން ވަރަށް ބޮޑު ސަމާލުކަމެއް ދޭ އޭޝިއާގެ މީޑިއާ ކުރިއެރުވުމަށް. އެހެން ވީމަ މި ސަމިޓުގައި ބައިވެރިވުމުން ޕީއެސްއެމްއަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް އަޅުގަނޑު ޤަބޫލްކުރަނީ"މުޙައްމަދު ސަޢީދު
ޗައިނާގެ ހައިނާން ޕްރޮވިންސްގެ އެމްޖީއެމް ގްރޭންޑް ހޮޓެލްގައި ބޭއްވި "މީޑިއާ ލީޑާސް ސަމިޓު ފޮރ އޭޝިއާ' އަކީ މިމަހުގެ 10 އަކުން 11އަށް ހައިނާން ޕްރޮވިންސްގައި ބާއްވާ ބުއާއޯ ފޯރަމާއި ގުޅުވައިގެން ބާއްވާ ބައްދަލުވުމެކެވެ. މިއަހަރުގެ ބައްދަލުވުމުގައި އޭޝިއާ ސަރަހައްދުގެ މީޑިއާތައް ގުޅިގެން އެކި ދާއިރާތަކުން ކުރި އެރުން ހޯދޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރިއެވެ. މިއަހަރުގެ ސަމިޓުގައި އެފްރިކާ އަދި އެމެރިކާއަށް ނިސްބަތްވާ ބައެއް މީޑިއާ ކުންފުނިތަކުންވެސް ބައިވެރިވެއެވެ.
މި ސަމިޓުގެ ތެރެއިން ޕީއެސްއެމް ނިއުސްއާ ވާހަކަ ދައްކަވަމުން ޕީއެސްއެމްގެ ޗީފް އޮޕަރޭޓިންގ އޮފިސަރ މުޙައްމަދު ސަޢީދު ވަނީ ޗައިނާއިން އޭޝިއާ ސަރަޙައްދުގެ ޤައުމުތަކުގެ މީޑިއާ ކުރިއެރުވުމަށް ޚާއްޞަ އިސްކަމެއް ދެއްވާ ކަން ފާހަގަކުރައްވާފައެވެ. އަދި މި ސަމިޓުގައި ޕީއެސްއެމްގެ ފަރާތުން ބައިވެރިވުމުން ޕީއެސްއެމްއަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް އުއްމީދު ކުރާކަމަށް ސަޢީދު ވިދާޅުވިއެވެ.
" މިއަހަރުގެ ސަމިޓުގައި ދުނިޔޭގެ އެކި ހިސާބުތަކުން ވަރަށް ގިނަ ޤައުމުތަކުން އެބަ ބައިވެރިވޭ. ޗައިނާއިން ވަރަށް ބޮޑު ސަމާލުކަމެއް ދޭ އޭޝިއާގެ މީޑިއާ ކުރިއެރުވުމަށް. އެހެން ވީމަ މި ސަމިޓުގައި ބައިވެރިވުމުން ޕީއެސްއެމްއަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް އަޅުގަނޑު ޤަބޫލްކުރަނީ" ސަޢީދު ވިދާޅުވިއެވެ.
މީޑިއާ ލީޑާސް ސަމިޓް ފޮރ އޭޝިއާގައި ވަނީ ތަފާތު އެކި މައުޟޫޢުތަކަށް ބައިވެރިންގެ މެދުގައި މަޝްވަރާކޮށްފައެވެ. އަދި ސަމިޓުގެ ބައިވެރިން މިއަހަރުގެ ބުއާއޯ ފޯރަމްގައިވެސް ބައިވެރިވާނެއެވެ. މިއަހަރުގެ ބުއާއޯ ފޯރަމްގައި ޗައިނާގެ ރައީސް ޝީ ޖިންގޕިންގ ބައިވެރިވަޑައިގަންނަވާނެއެވެ. އަދި މިއަހަރުގެ ފޯރަމްގައި ޕާކިސްތާންގެ ބޮޑު ވަޒީރު ޝާހިދު ޙަގަން އައްބާސީ އަދި ފިލިޕިންސްގެ ރައީސް ރޮޑްރިގޯ ޑުތާރޭ ފަދަ ޤައުމުތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނަވާނެއެވެ.