ޚަބަރު

ދީނީ މިނިވަންކަމަށް ރާއްޖޭގައި ޖާގައެއް ނޯންނާނެ -ޑިފެންސް މިިނިސްޓަރ


"
"މި ސަރުކާރުގެ އިސްނެންގެވުމާއިއެކު 2016 ވަނަ އަހަރު ވަނީ ކައުންޓަރ ޓެރަރިޒަމް ސެންޓަރެއް އުފައްދާ ޓެރަރިޒަމާއި ހައްދުފަހަނައަޅާ ދިއުމާ ދެކޮޅަށް މިސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން. އެގޮތުން މިހާތަނަށްވެސް ވަނީ ގިނަ ކާމިޔާބީތަކެއް ހޯދާފަ.
ޢާދަމް ޝަރީފް އުމަރު

ރާއްޖެގައި އިސްލާމުދީން ކުރިއަރުވަން މަސައްކަތް ކުރާތީ ގޮންޖެހުންތަކާ ކުރިމަތިވިނަމަވެސް ރާއްޖޭގައި ދީނީ މިނިވަންކަމަށް އެއްވެސް ޖާގައެއް ނޯންނާނެކަމަށް ޑިފެންސް މިނިސްޓަރ ޢާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ޓެރަރިޒަމާއި ދެކޮޅަށް މަސައްކަތްކުރުމުގަ އާއި ރައްކާތެރިކަމާއި އަމަންއަމާންކަން ޤާއިމްކުރުމުގައި މެދުމިންގަނޑުގެ ފިކުރު ފުޅަކުރުމާއި ބެހޭގޮތުން ބާއްވާ މަތީފެންވަރުގެ ސެމިނަރ ފެށެމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ޢާދަމް ޝަރީފް އުމަރު ވިދާޅުވީ ދީނީ ޚިޔާލުތަފާތުވުންތަކާ ހެދި ދުނިޔޭގެ އެކި ހިސާބުތަކުގައި ބައެއް ފަރާތްތަކުން މުސްލިމުން ބަދުނާމުކުރަމުންދާކަމަށެވެ. އެހެންނަމަވެސް ރާއްޖެ ދެމި އޮންނާނީ އިސްލާމުދީނުގެ މެދުމިނުގެ އުސޫލްތައް ކުރިއަރުވައި އަމާންކަމާއި ސުލްހަވެރިކަން ކުރިއަރުވާ ޤައުމެއްގެ ގޮތުގައިކަމަށްވެސް އާދަމު ޝަރީފު ވިދާޅުވިއެވެ.

ޓެރަރިޒަމާއި ދީނީ ހައްދުފަހަނައަޅައި ދިއުމާއި ދެކޮޅަށް މި ސަރުކާރުން ޚާއްސަކޮށް ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ބެއްލެވުމުގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރައްވާކަން ޑިފެންސް މިނިސްޓަރ ޢާދަމް ޝަރީފް އުމަރު ފާހަގަކުރެއްވިއެވެ. މި މަސައްކަތުގެ ދަށުން ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރެއް 2016 ވަނަ އަހަރު އުފައްދާ މި މަރުކަޒުން ގިނަ ކާމީޔާބީތަކެއް ހާސިލުކޮށްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މި ސަރުކާރުގެ އިސްނެންގެވުމާއިއެކު 2016 ވަނަ އަހަރު ވަނީ ކައުންޓަރ ޓެރަރިޒަމް ސެންޓަރެއް އުފައްދާ ޓެރަރިޒަމާއި ހައްދުފަހަނައަޅާ ދިއުމާ ދެކޮޅަށް މިސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން. އެގޮތުން މިހާތަނަށްވެސް ވަނީ ގިނަ ކާމިޔާބީތަކެއް ހޯދާފަ. "ޢާދަމް ޝަރީފް ވިދާޅުވިއެވެ.

ޑިފެންސް މިނިސްޓަރ ޢާދަމް ޝަރީފް ވިދާޅުވީ މިއަދު ދުނިޔޭގެ އެކިކަންކޮޅުތަކަށް ބަލާލިނަމަވެސް ފެންނަނީ ޓެރަރިޒަމްގެ ހަމަލާތަކާއި ހައްދުފަނައަޅާދިޔުމުގެ މަންޒަރުތައްކަމަށެވެ. އެހެންކަމުން މިފަދަ ޢަމަލުތައް މަދުކޮށް ހުއްޓުވުމަށްޓަކައި ލިބިފައި ހުރި ވަސީލަތްތައް ބޭނުންކޮށްގެން އެންމެން އެކުގައި މަސައްކަތްކުރުމަށް ޑިފެންސް މިނިސްޓަރ އިލްތިމާސްކުރެއްވިއެވެ.