ކުޅިވަރު

ޓީސީއާއި މާޒިޔާ އެޓޭކިންގ މެޗަކަށް


ޓީސީއަކީ މާޒިޔާއާއި ވަރަށް އެއްގޮތް ފުޓްބޯޅައެއް ކުޅޭ ޓީމެއްކަމަށާއި، ޓީސީ އަތުން މޮޅުވުން ފަސޭހަ ނުވާނެކަމަށް މާޒިޔާގެ ކޯޗު އިސްމާއިލް މެހެފޫޒް (އިންމަ) ބުނެފިއެވެ.

ނޫސްވެރިންނާއި ވާހަކަދައްކަމުން މާޒިޔާގެ ކޯޗު ބުނީ މިއަދުގެ މެޗަކީ ދެ ޓީމަށްވެސް މުހިންމު މެޗެއްކަމަށާއި، މިދިޔަ ސީޒަންގައިވެސް ދެ ޓީމަށްވެސް ނަތީޖާ ނެރެން އެންމެ އުނދަގޫވި އެއް ދެޓީމް ވާދަކުރި މެޗުތައް ކަމަށެވެ. އޭނާ ބުނީ ފޯވާޑް ލައިނުގައި ތިބި ކުޅުންތެރިން މިދިޔަ މެޗުގައި ދެއްކި މޮޅު ކުޅުން މި މެޗުގައިވެސް ފެންނާނެކަމަށް އުއްމީދުކުރާކަމަށާއި، ހުރިހާ ކުޅުންތެރިންވެސް ތިބީ ރަނގަޅު ފޯމެއްގައިކަމަށެވެ. މިއަދުގެ މެޗަކީ ޓީސީގައި މި ދިޔަ ސީޒަންގައި މޮޅު ކުޅުމެއް ދެއްކި ނާއިޒް ހަސަންއާއި ކޯނޭ އެ ކުލަބު ދޫކޮށް މާޒިޔާއަށް ބަދަލުވި ފަހުން ޓީސީއާއި ދެކޮޅަށް ކުޅޭ ފުރަތަމަ މެޗެވެ.

"މާޒިޔާއަށް މުހިންމު މެޗެއް މިއީ. ޓީމްގެ އެޓޭކިންގއާއި މެދު ވަރަށް ހިތްހަމަޖެހޭ. އަޅުގަނޑު ގަބޫލުކުރަން ޓީސީގެ ޑިފެންސްލައިން ވެސް ވަރަށް ވަރުގަދަކޮށް އޮތީ. އެކަމަކު މާޒިޔާގެ އެޓޭކިން ޕްލޭޔަރުންނަށް އިތުބާރު އެބައޮތް ނަތީޖާ ނެރޭނެކަމުގެ" އިންމަ ބުންޏެވެ.

ޓީސީގެ ކޯޗު މުޙައްމަދު ނިޒާމް ބުނީ އުނދަގޫ މޮޅަކަށްފަހު މި މެޗަކީވެސް ޓީސީން ވަރަށް ސީރިއަސްކޮށް ނަގާނެ މެޗެއްކަމަށެވެ. އޭނާ ބުނީ މެޗު ފެށިގެން ނިމެންދެން ކުޅުންތެރިން ދަނޑުމަތީގައި 100 ޕަސެންޓް ދޭނެކަމަށާއި، މި މެޗު ހުރިހާ ގޮތަކުންވެސް ތަފާތުވާނެކަމަށެވެ. ދެ ޓީމަށް ބަލާއިރުވެސް އެޓޭކިންގ ރަނގަޅު ކުޅުންތެރިން އެބަތިބިކަމަށާއި، އެޓޭކިންގ ކުޅުމެއް ފެންނާނެ މެޗަކަށް މި މެޗު ވާނެކަމަށް ކޯޗު ބުންޏެވެ.

މި މެޗަށް ނިކުންނައިރު ލީގު ތާވަލްގެ އެއްވަނައިގައި އޮތީ މާޒިޔާއެވެ. ޓީސީ އޮތީ ކުޅުނު ފަސް މެޗުން ލިބުނު ލިބުނު ހަތް ޕޮއިންޓާއިއެކު ތާވަލްގެ ތިންވަނާގައެވެ.