ރަމަޟާންމަހު ހިފްޒުކޮށް ތަރާވީޙު ނަމާދުކުރުމަށް ރާއްޖެއިން ބޭރުން ގެންނަ ޙާފިޒުން ލައްވައި އެހެނިހެން މަސައްކަތްކުރުވުމަކީ މަނާކަމެއްކަމުގައި ކަނޑައަޅައި ބޭރުން އިމާމުން ގެނައުމުގެ އާ އުސޫލް ޢާއްމުކޮށްފިއެވެ.
އަލަށް އެކުލަވާލި އުސޫލުގައި ބުނެފައިވަނީ ޙިފުޒުކޮށް އިމާމުވެ ތަރާވީޙު ނަމާދުކުރުމަށް ހަމަޖެއްސޭނީ ރަށުގެ އާބާދީގެ ބޮޑުކުޑަމިނަށް ބެލުމަށްފަހު ކަމަށެވެ. އަދި އެއުސޫލްގައި ކަނޑައަޅާފައިވާ ވަރަށްވުރެ ގިނައިން ހާފިޒުންގެ ނަން ހުށަހަޅައިފިނަމަ ހާފިޒުން ކަނޑައަޅާނީ ތަރުޖިބާއާއި އެމީހެއްގެ ކިޔެވުމުގެ ފެންވަރަށް ބަލައިގެންކަމަށްވެސް އާ އުސޫލުގައި ކަނޑައަޅާފައިވެއެވެ.
މި އުސޫލްގައިވާގޮތުން ތަރާވީޙް ނަމާދުކުރުމާއި ރޯދަމާހާ ގުޅުވައިގެން ބާއްވާ ޤުރުޢާން މުބާރާތްތަކުގައި ފަނޑިޔާރުކަންކުރުމާއި އިމާމުވެ ނަމާދުކުރުމާއި ދަރުސްފަދަ ޕްރޮގްރާމްތައް ފިޔަވައި އެހެނިހެން މަސައްކަތްތައް ކުރުމަކީ މަނާކަމެކެވެ.
ހިފްޒްކޮށް އމާމުވެ ތަރާވީޙު ނަމާދުކުރުމަށް ރާއްޖެއިން ބޭރުން ގެންނަ ޙާފިޒުންނަށް އެލަވަންސް ދެނީ ކޮންމެ ރެއަކަށް ދުއިސައްތަ ރުފިޔާ މަގުންނެވެ.
އިސްލާމިކް މިނިސްޓްރީން އެކުލަވާލާފައިވާ އުސޫލުގައިވާގޮތުން ހިފުޒުކޮށް އިމާމުވެ ތަރާވީސް ނަމާދު ކުރުމަށް ރާއްޖެއިން ބޭރުން މީހަކު ގެންނަނަމަ އެމީހަކު ރާއްޖެ ގެނައުމުގެ ކުރިން ޕާސްޕޯޓްގެ ކޮޕީއާއި ހާފިޒުކަމުގެ ސެޓިފިކެޓް އިސްލާމިކް މިނިސްޓްރީއަށް ހުށަހަޅައިގެން ހުއްދަ ހޯދައި ޚާއްސަ ވީސާއެއް ހޯދަން ޖެހެއެވެ.
އަލަށް އެކުލަވާލި އުސޫލާ ޚިލާފުވެއްޖެނަމަ ފިޔަވަޅު އަޅާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނޭ އެގޮތުން ވިސާ ކެންސަލްކުރުމާއި ފަސްހާސް ރުފިޔާއާއި ދިހަހާސް ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރާނެކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެފައެވެެ.