ކުޅިވަރު

ބޮޑު ތަފާތަކުން ގްރީން ސްޓްރީޓްސް ބަލިކޮށް ނިއު އެނބުރި އެއްވަނައަށް


ބޮޑު ތަފާތަކުން ގްރީން ސްޓްރީޓްސް ބަލިކޮށް ނިއުރޭޑިއަންޓް މާލޭ ލީގު ތާވަލްގެ އެއްވަނައަށް ޖެހިލައިފިއެވެ. މިއަދު ހަވީރު ލީގުގައި ކުޅުނު މެޗު ނިއުރޭޑިއަންޓުން ކާމިޔާބުކުރީ ހަ ލަނޑު އެއް ލަނޑުން. މި މެޗުގައި ނިއުގެ ފުރަތަމަ ލަނޑު މެޗުގެ ހަތްވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަލީ އަޝްފާގުއެވެ. އަދި އޭގެ ފަސް މިނެޓު ފަހުން ނިއުގެ ބިދޭސީ ފޯވާޑް ގުއިލެމް މާޓީ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްދީ ލީޑު ފުޅާކޮށްފައެވެ.

މިއަދުގެ މެޗަށް ކްލަބް ގްރީން ސްޓްރީޓްސް ނިކުތީ، ސަސްޕެންޝަނުގެ ސަބަބުން ޑިފެންޑަރ ސައިފް އަދި ޔޫކްރޭނުގެ މިޑްފިލްޑަރ ސޮބުލް އިލިއާއާއި ނުލައެވެ. މެޗުގެ ނަވާރަ ވަނަ މިނެޓުގައި ނިއުގެ ފަހަތުން ހެދި ގޯހެއްގެ ފައިދާ ނަގާ ފޮވާޑް ރޮލާންޑް ރަސެލް ވަނީ ގްރީން ސްޓްރީޓްސް އިން މި މެޗުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު އެޓީމަށް ޖަހައިދީފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ކަންޑޭލާގެ އެހީތެރިކަމާއެކު ގުއިލެމް މާޓީ ނިއުގެ ތިން ވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިންއިރު، ނިއުގެ ހަތަރު ވަނަ ލަނޑު ކައުންޓަރ އެޓޭކެއްގައި ކާމިޔާބުކުރީ އަލީ އަޝްފާގުއެވެ. ނިއުގެ ފަސް ވަނަ ލަނޑު އަލީ އަޝްފާގުގެ އެހީތެރިކަމާއެކު ކާމިޔާބުކޮށްދިނީ، އަލީ ފާސިރުއެވެ. ނިއުގެ ހަވަނަ ލަނޑަކީ މެޗުގެ އިތުރުގެ ވަގުތުގައި ހަމްޒާ މުހައްމަދު ކާމިޔާބުކޮށްދިން ލަނޑެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ކްލަބް ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ބުނީ ނިއުގެ ފަރާތުން ފެނުނީ ވަރަށް އޯގަނައިޒް ގޭމެއް ކަމަށެވެ. އަދި ގްރީން ސްޓްރީޓްސްގެ ފަރާތުން ފެނުނީ ވަރަށް އާދާއިގެ ކުޅުމެއް ކަމަށާއި، ގްރީންގެ ކުޅުންތެރިން ތިބެނީ ނިއުގެ ކުޅުންތެރިން އޮފްސައިޑް ވޭތޯ ނުވެތޯ ބަލަން ކަމަށެވެ.
"މި މެޗުގައި ނިއުގެ ފަރާތުން ފެނިގެން ދިޔައީ ވަރަށް އޯގަނައިޒް ކުޅުމެއް. ގްރީންގެ ކުޅުންތެރިން އެތިބެނީ އޮފްސައިޑް ވޭތޯ ނުވޭތޯ ބަލަން. އެހެން ތިއްބާ ނިއުއިން ލަނޑުތަށް އެ ޖެހީ. މިހާ ތަފާތު ބޮޑުކޮށް ބަލިވީމާ ކުޅުންތެރިންގެ ކޮންފިޑެންސަށްވެސް އަސަރުކުރާނެ." ސުޒޭން ބުނިއެވެ.

ނިއުގެ ކޯޗު އޮސްކާ ބްރުޒޮން ބުނީ، މި މެޗުގައި ނިއުގެ ފަރާތުން ދެއްކި ކުޅުމާއި ދޭތެރޭ ވަރަށް ހިތްހަމަޖޭހޭކަމަށާއި، ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔަ ކުޅުން ފާހަގަކުރާކަމަށެވެ. އޮސްކާ ބުނީ މިދިޔަ އަހަރު ނިއުއަށް ކާމިޔާބުނުކުރެވުނީ ހަމައެކަނި މާލޭ ލީގު ކަމަށާއި، އެހެންކަމުން މި އަހަރު މާލޭ ލީގު ކާމިޔާބުކުރަން ވަރަށް މަސައްކަތް ކުރާނެކަމަށެވެ.

"ޖުމްލަކޮށް ބަލާނަމަ ވަރަށް ހިތްހަމަޖެހޭ މެޗުގައި ފެނިގެންދިޔަ ކުޅުމާއި ދޭތެރޭ. ކުޅުންތެރިންގެ ފަރާތުންވެސް ހިތްހަމަޖެހޭ ފެންވަރުގެ ކުޅުމެއް ފެނިގެންދިޔަ. މިދިޔަ އަހަރުގެ ސީޒަނުގައި ނިއުއަށް ކާމިޔާބުނުކުރެވި ދިޔައީ ހަމައެކަނި މާލޭ ލީގު. އެހެންވީމާ މިއަހަރުގެ މާލޭ ލީގު ކާމިޔާބުކުރަން ހާއްސަ ސަމާލުކަމެއް ދޭނަން." ނިއުގެ ކޯޗު އޮސްކާ ބްރުޒޮން ބުނިއެވެ.

މި މެޗުން މޮޅުވެ ތާވަލްގެ އެއްވަނައަށް ނިއުރޭޑިއަންޓް ޖެހިލީ ކުޅުނު ފަސް މެޗުން ތޭރަ ޕޮއިންޓް ހޯދާއިގެންނެވެ. އޭގަރަ ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގައި އޮތީ ކްލަބް އީގަލްސްއެވެ.