ޚަބަރު

ރާއްޖެގެ ފަތުރުވެރިކަން ޗައިނާގައި އިތުރަށް އިސްތިހާރު ކުރަނީ


ޗައިނާގައި ރާއްޖެ އިތުރަށް އިސްތިހާރުކޮށް، ޗައިނާގެ ރައްޔިތުންނަށް ރާއްޖޭގެ ފަތުރުވެރިކަމާ ގުޅޭ މަޢުލޫމާތުތައް ދިނުމަށް މިއަހަރުގެތެރޭގައި އިތުރު މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާކަމަށް ޗައިނާގައި ހުންނަވާ ދިވެހި ސަފީރު މުޙައްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ޗައިނާގެ ބެއިޖިންގައި ކުރިއަށްދާ ކޮޓުމް ފެއަރގެ ތެރެއިން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ސަފީރު ފައިސަލް ވިދާޅުވީ މިއަހަރުގެ ފެބްރުއަރީމަހު ރާއްޖޭގައި ހިނގާދިޔަ ކަންތައްތަކާއި ގުޅިގެން ޗައިނާގެ ޓުއަރ އޮޕަރޭޓަރުންނާއި ޗައިނާގެ ރައްޔިތުންގެ ހިތުގައި ރާއްޖެއާއި މެދު ވަރަށް ގިނަ ސުވާލުތަކެއް އުފެދިފައިވާ ކަމަށެވެ. އެގޮތުން ރާއްޖެއަކީ އަމާންތަނެއްތޯއާއި ރާއްޖެއަށް ޗުއްޓީ ހޭދަކުރަން ދެވޭނެތޯ ފަދަ ސުވާލުތައް ކުރަމުންދާ ކަމަށް ފައިސަލް ވިދާޅުވިއެވެ.

އެހެންކަމުން ޗައިނާގެ ރައްޔިތުންނަށް ރާއްޖޭގެ ފަތުރުވެރިކަން އޮންނަ ގޮތް ކިޔާދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ފައިސަލް ވިދާޅުވިއެވެ. އެގޮތުން ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އަންނަ ފަތުރުވެރިން މާލެއަށް އަންނަން ނުޖެހޭނެ ކަމާއި އެއަރޕޯޓުން ސީދާ ރިސޯޓްތަކަށް ދެވޭނެ އިންތިޒާމްތައްފަދަ ކަންކަން ހަމަޖެހިފައިވާކަމުގެ މަޢުލޫމާތު ފަތުރުވެރިންނަށް ދިނުން މިވަތުގު ވަރަށް މުޙިއްމު ކަމަށް ފައިސަލް ވިދާޅުވިއެވެ.
ސަފީރު ވިދާޅުވި މި މެސެޖް ޗައިނާގެ ރައްޔިތުންނަށް ދިނުމުގެ ގޮތުން ޗައިނާގައި ހުންނަ ދިވެހި އެމްބަސީން މިއަހަރުގެތެރޭގައި ގިނަ މަސައްކަތް ތަކެއް ކުރުމަށް ރާވާފައިވާ ކަމަށް ފައިސަލް ވިދާޅުވިއެވެ.

"ޗައިނާގެ ޓުއަރ އޮޕަރޭޓަރުންނާއި އެކިއެކި ފަރާތްތަކުން ބާއްވާ ރޯޑް ޝޯވްތަކުގައި އެމްބަސީން ބައިވެރިވަމުން މިދަނީ، އޭގެ އިތުރުން އެމްބަސީންވެސް ބައެއް ކުދި ކުދި ހަރަކާތްތައް ބާއްވާނަން މި މެސެޖް ދިނުމަށްޓަކައި، ހަމަ އެއާ އެކު އެކީ ގަ އަޅުގަނޑުމެން ބައެއް މީޑިއާ ތަކަށްވެސް އިންޓަރވިއުތައް ދެމުން މިދަނީ ރާއްޖޭގެ ހާލަތު ބަދަލުވަމުންދާ ގޮތް ހުރިހާ ފަރާތްތަކަށް އަންގާ ދެމުން މިދަނީ" ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ އަހަރު ނިމޭއިރު ޗައިނާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އެއް ހަމައެއްގައި ހިފެހެއްޓޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

"މިދިޔަ ދެތިން މަހު ކުދިކުދި ތަފާތުތައް ހުރި މިދިޔަ އަހަރާއި އަޅާ ބަލާއިރު އެހެން ނަމަވެސް، ސްޓެޑީ ލެވަލް އެއްގައި ޗައިނާއިން ފަތުރުވެރިންގެ އަދަދުވެސް ދަނީ އިތުރުވަމުން، އަޅުގަނޑަށް ހީވަނީ އަހަރު ނިމޭއިރު، އެތަންކޮޅު ގެއިން ކުރެވޭނެ ކަމަށް ލަފާކުރެވޭ، ހާއްސަކޮށް މި ކުރިއަށް އަންނަ ނޭޝަނަލް ހޮލިޑޭ އާއި ނިއު އިޔަރ އަދި ކުރިސްމަސް ޕީރިއެޑްގައި ގެއްލުންތައް ރިކަވަރ ކުރެވޭނެ ހެން ހީވޭ" ފައިސަލް ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފެބްރުއަރީމަހުގެ ނިޔަލަށް ޗައިނާއިން ރާއްޖެއަށް ފަންސާސްނުވަހާސް ތިންސަތޭކައަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ ހުސްވި އަހަރުގެ މި މުއްދަތާ އަޅާ ބަލާއިިރު %8 އިތުރު އަދަދެކެވެ.