ރާއްޖޭގައި އޮތް ސިޔާސީ ހަލަބޮލިކަމާއި އަމިއްލަ އެދުމާއި ވެރިކަމުގެ ދަހިވެތިކަމުގައި ޣައިރު ޤާނޫނީ ޢަމަލުތައް ހިންގާ ފަރާތްތަކުގެ ކިބައިން މި ޤައުމު ދިފާޢުކޮށް ސަލާމަތް ކުރަން ޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހި ސިފައިންގެ ޚިދުމަތަށް 126 އަހަރު ފުރުމާ ގުޅިގެން ދެއްވި ޚިޠާބުގައެވެ.
ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެއްވި ޚިޠާބުގައި ވިދާޅުވެފައިވަނީ މާތްވެގެންވާ އިސްލާމުދީނާއި މި ލޮބުވެތި ވަތަނަށްޓަކައި އަމިއްލަ ނަފުސާއި ފުރާނައިން ޤުރުބާންވުމަށްވުރެ މަތިވެރި ޤައުމީ ހިދުމަތެއް ނޯންނާނެކަމަށެވެ.
މާތްﷲ ގަންދީ ހުވާކޮށްގެން ޤައުމީ ޚިދުމަތުގެ އެންމެ ކުރީ ސަފުގައި ސިފައިން ސާބިތުވެ ތިބެނީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އާއި ދިވެހި ރައްޔިތުންނާއި ޤައުމުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤްލާލު ދިފާޢުކޮށް ރައްކާތެރިކުރުމުގެ ވަރުގަދަ ޢަޒުމުގައިކަން ފާހަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެކަން ދިވެހި ސިފައިން ސަބިތުކަމާއެކު ކުރަމުންދާކަމަށެވެ. އަދި ރާއްޖެއަކީ ސައްތައިންސައްތަ އިސްލާމީ އަދި މިނިވަން ޤައުމުކަށް ވުމާއެކު މަދާމާގެ ޖީލަށް މިޤައުމު މިގޮތުގައި ގެންގޮސްދިނުމަށް ރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން ކުރަމުންދާ މަސައްކަތްތަކަކީ އަގުހުރި އިޚުލާޞްތެރި މަސައްކަތްތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިއަދު ދިވެހި ދަޢުލަތް ދިފާޢުކުރަން ޖެހިފައިވަނީ ހަމައެކަނި ބޭރުގެ ދުޝްމަނުންނާއި ބޭރުގެ ޢަދާވާތްތެރިންގެ ކިބައިން އެކަނި ނޫންކަމަށާއި ރާއްޖޭގައި އޮތް ސިޔާސީ ހަލަބޮލިކަމާއި އަމިއްލަ އެދުމާއި ވެރިކަމުގެ ދަހިވެތިކަމުގައި ޣައިރު ޤާނޫނީ ޢަމަލުތައް ހިންގާ ފަރާތްތަކުގެ ކިބައިންވެސް ޤައުމު ދިފާޢުކޮށް ސަލާމަތް ކުރަންޖެހޭކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ހިތާބުގައި ވިދާޅުވެފައިވެއެވެ.
ދަޢުލަތުގެ މުހިއްމު ބާރުތަކުގެ ބޭނުން ނާޖާއިޒްގޮތުގައި ހިފައިގެން ދަޢުލަތާ ދެކޮޅަށް ތެދުވާ ތެދުވުންތައް އިތުރުވަމުން އަންނަކޮށް ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މިކަމުގައ ކުރިން ވެރިކަން ކުރެއްވި ބޭފުޅުންނާއި ދަޢުލަތުގެ ޝަރަފުވެރި މަޤާމުގައި ތިބޭ އިއްޒައްޔެތެރިން ޝާމިލްވާކަމަށާއި އެކަމާ ދިވެހި ރައްޔިތުން ވިސްނަންޖެހޭކަމަށެވެ. އަދި ދަޢުލަތުގެ އިސް މަޤާމްތަކުގައި ތިއްބަވާ ބޭފުޅުންނާއި ދަޢުލަތުގެ ޝަރަފުވެރި ޢިއްޒައްތެރިންގެ ގޮތުގައި ތިއްބަވާ ބައެއް ބޭފުޅޫންވެސް އަމިއްލަ އެދުމާއި މާއްދިއްޔަތަށްޓަކައި އެބޭފުޅުންގެ ޝަޚްސިއްޔަތު ޤުރުބާން ކުރައްވަމުން ގެންދަވާކަންވެސް ރައީސް ހިތާބުގައިވަނީ ފާހަގަކުރައްވާފައެވެ.
މިގޮތުން މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާކަމާއި ސިފައިންގެ އެންމެމަތީ ވެރިޔާކަން ކުރައްވާފައިވާ ބައެއް ބޭފުޅުން ދިވެހި ދަޢުލާތާ ދެކޮޅަށް ނުކުމެވަޑައިގެން ބޭރުގެ އަސްކަރީ ބާރުތައް މި ޤައުމަށް އެރުމަށް ތަކުރާރުކޮށް ގޮވާލައްވަމުން ގެންދަވާކަމަށާއި އެކަމަށް އެދިވަޑައިގެން ބޭރުގެ ފަރާތްތަކުގެ އާދޭސް ކުރައްވައްވަމުން ގެންދަވުމަކީ އެކަމާމެދު ހުރިހާ ދިވެހި ރައްޔިތުން ވިސްނަންޖެހޭކަމެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދުނިޔޭގެ ޤައުމުތަކުގެ ކުރިމަތީގައި ރާއްޖެއާއި ދިވެހިން ފަޟީޙަތްކޮށް މާތްވެގެންވާ އިސްލާމްދީން ނޫން އެހެން ދީންތައްވެސް އޮންނަންވާނެކަމަށް ގަދައަޅައި ވަކާލާތުކުރާ ބޭރުގެ ފަރާތްތަކާ ގުޅިގެން ކުރަމުންގެންދާ މަސައްކަތްތަކަކީ ޤައުމިއްޔަތުގެ ބިންގާ ކަމުގައިވާ އިސްލާމްދީނަށް ދެއްވުމުން ގެންދަވާ ވަރުގަދަ ހަމަލާތަކެއްކަމަށެވެ.އަދި އެކެއް ފެބްރުއަރީގައި ސްޕްރީމްކޯޓުން ނެރުނު އަމުރަކީ ޤައުމަށް ކުރިމަތިވި ނުރައްކާތެރި ހަމަލާއެއްކަމަށް ވިދާޅުވެ އެދުވަހު ދިވެހި ސިފައިން ދެއްކި ހިތްވަރަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ތަޢުރީފު ކުރައްވާފައެވެ.
މިހާތަނަށް ޤައުމު ކުރިމަތިލާންޖެހުނު ކޮންމެ ޚުޠޫރަތްތެރި ދަނޑިވަޅެއްގައި ސިފައިން ދެއްކި ވަފާތެރިކަމާއި އިޚުލާސްތެރިކަން ފާހަގަކޮށް ދިވެހި އަސްކަރިއްޔާއަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް ވަނީ ޝުކުރު އަދާކުރައްވާފައެވެ.