ސިޔާސީ

މަަޖިލިސް މެންބަރުންނަށާއި ފަނޑިޔާރުންނަށް ވޯޓު ނުލެވޭ މާއްދާ ބާތިލް ކޮށްފި





 


ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީއަށް ވަކީލަކު އިންތިޚާބު ކުރެއްވުމަށް ބާއްވާ އިންތިޚާބުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ފަނޑިޔާރުންނަށް ވޯޓް ނުލެއްވޭނެ ކަމަށް ކަނޑައަޅާފައި އޮތް މާއްދާ ސުޕްރީމް ކޯޓުން ބާތިލް ކުރައްވައިފިއެވެ.


 
ބަންޑާރަ ނައިބުގެ އޮފީހުން މިމަހުގެ އެއްވަނަ ދުވަހު ގެޒެޓް ކުރައްވައި ޢަމަލު ކުރައްވަން ފައްޓަވާފައިވާ "ޖުޑިޝަލް ސާވިސް ކޮމިޝަނުގެ މެންބަރު ކަމަށް ޤާނޫނީ ވަކީލަކު އިންތިޚާބު ކުރެއްވުމުގައި ޢަމަލު ކުރައްވާނެ ގޮތުގެ އުސޫލު"ގައި ވިދާޅުވެފައިވަނީ، ރާއްޖޭގައި ވަކީލުކަން  ކުރެއްވުމުގެ ހުއްދަ ލިބި ވަޑައިގެންފައިވާ ވަކީލުންގެ ތެރެއިން ފަނޑިޔާރުން ނަށާއި، މަޖިލީހުގެ މެންބަރުކަން ކުރައްވާ ފަރާތް ތަކަށް އެ އިންތިހާބުގައި ވޯޓު ނުދެއްވޭނެ ކަމަށެވެ.


 
ނަމަވެސް ސުޕްރީމް ކޯޓުން ނެރުއްވާފައިވާ އަމުރުގައި ވިދާޅުވެފައިވަނީ ރާއްޖޭގައި ވަކާލާތު ކުރެއްވުމުގެ ހުއްދަ ލިބިވަޑައިގެންފައިވާ ޤާނޫނީ ވަކީލުން އެކި ނަންނަމުގައި އެކި ހައިސިއްޔަތުން ވަޒީފާ އަދާ ކުރެއްވުމަކީ އެމީހެއްގެ ކިބައިން ޤާނޫނީ ވަކީލު ކަމުގެ ސިފަ ގެއްލިގެން ދާންޖެހޭ ސަބަބެއް ނޫންކަމަށެވެ. އަދި ކޮންމެ މަޤާމެއްގައި ހުރިކަމުގައިވީ ނަމަވެސް އެ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ގެއްލިގެން ނުދާނެ ގޮތެއްގެ މަތިން އެ އިންތިޚާބުގެ ކަންކަން އިންތިޒާމްކޮށް އެއިންތިޚާބެއް ބާއްވަންޖެހޭ ތާރީޚުގައި ބާއްވާ ނިންމުމަށް ޤާނޫނު އަސާސީގެ ސަތޭކަ ސާޅީސް ހަތަރު ވަނަ މާއްދާގެ ށަވިއަންޏަށް ރިޢާޔަތްކުރައްވައި ދައުލަތުގެ ކަމާބެހޭ ފަރާތް ތަކަށް އަންގައި އަމުރުކުރާ ކަމަށެވެ.


 
 


ޖޭއެސްސީއަށް ވަކީލަކު އައްޔަން ކުރެއްވުމުގެ އިންތިޚާބު އޮންނާނީ އަންނަ މަހުގެ ތޭރަވަނަ ދުވަހުއެވެ. އެ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓްރީ މިހާރު ވަނީ އާންމު ކުރައްވާފައެވެ.