ޚަބަރު

"ނޫރުލް މުބީން" ޤުރުއާން މުބާރާތުގެ އޮޑިޝަން މާދަމާ ފަށަނީ


ރާއްޖޭގައި ބާއްވާ ފުރަތަމަ ބައިނަލްއަޤްވާމީ ޤުރުޢާން މުބާރާތުގައި ރާއްޖެ ތަމުސީލުކުރާނެ ބައިވެރިއަކު ހޯދަން ބާއްވާ އޮޑިޝަން މާދާމާ ފަށަން ނިންމައިފިއެވެ.

ކީރިތި ޤުރުއާނާބެހޭ މަރުކަޒުގައި މާދަމާ އޮޑިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ ދެ ދަނފަޅިއަކަށް ބަހާލައިގެންނެވެ. އެގޮތުން ހެނދުނާއި ރޭގަނޑު މުބާރާތުގެ އޮޑިޝަން ކުރިއަށްދާނެ ކަމަށް ކީރިތި ޤުރުއާނާބެހޭ މަރުކަޒުން ބުނެއެވެ. އޮޑިޝަން ކުރިއަށްދާނީ މާދަމާއިން ފެށިގެން މިމަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށެވެ. މި މުބާރާތުގެ އޮޑިޝަންގައި ރައްޖޭގެ އެކި ސަރަޙައްދުތަކުން 33 މީހުން ވަނީ ބައިވެރިވެފައެވެ.

"އައްނޫރުލް މުބީން"ގެ ނަމުގައި ބާއްވާ ބައިނަލްއަޤުވާމީ ޤުރުއާން މުބާރާތަކީ ރަޢީސުލްޖުމްހޫރިއްޔާ ޢަބްދުއްﷲ ޔާމިން ޢަބްދުލްޤައްޔޫމްގެ ދަޢުވަތަކަށް ބާއްވާ މުބާރާތެކެވެ. މިމުބާރާތުގައި ރާއްޖެ ހިމެނޭހެން 11 ޤައުމަކުން ބައިވެރިވާނެއެވެ. އޭގެތެރޭގައި އިންޑޮނޭޝިއާއި ސްރީލަންކާއާއި ޔޫއޭއީއާއި ތުރުކީވިލާތާއި މިސްރާއި ޕާކިސްތާނާއި މެލޭޝިއާއާއި ސަޢުދީއަރަބިއްޔާއާއި ސޫދާނާއި ބަންގްލަދޭޝް ހިމެނެއެވެ. މުބާރާތުގައި ބައިވެރިވާނީ މިއިން ކޮންމެ ޤައުމަކުންވެސް އެއް ފަރާތެވެ.

ނޫރުލް މުބީން މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 11ން 17 ގެ ނިޔަލަށެވެ. މިމުބާރާތް އިންތިޒާމް ކުރަނީ އިސްލާމިކް މިނިސްޓްރީއާއި ކީރިތި ޤުރުޢާނާއިބެހޭ މަރުކަޒާއި ޕީއެސްއެމް ގުޅިގެންނެވެ.