ރަމަޟާންމަހުގެ ރޭތައް އިޙްޔާކޮށް ދިރުވުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އިންތިޒާމް ކޮށްގެން ބާއްވާ އިޙްޔާ ޕްރޮގްރާމްގެ 2 ވަނަ ފޯރަމް ބާއްވައިފިއެވެ.
މިފޯރަމް އަމާޒުކޮށްފައިވަނީ "ޖިހާދު" މި މަޢުޟޫޢަށެވެ. މި މަޢުޟޫޢަށް އިންސާފުކޮށްދެއްވީ ފަޟީލަތުލް އުސްތާޛުއްޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމާއި އަލްއުސްތާޛް އިބްރާހީމް ރަޝީދު މޫސާއެވެ.
މި މަޢުޟޫއަށް ވާހަކަފުޅުދައްކަވަމުން ފަޟީލަތުލް އުސްތާޛުއްޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމް ވަނީ ކީރިތި ރަސޫލާ ހިޖުރައަށް ވަޑައިގަތުމުގެ ކުރިން ޖިހާދުގެ ޢިޒުނަ ލިބިވަޑައިގަންނަވަންދެން 13 އަހަރުވަންދެން ހުންނެވިކަން ފާހަގަކުރައްވާފައެވެ. ހިޖުރައިގެފަހުން މުސްލިމުން އުއްމަތުގެ ދިފާޢުގައި އެކަލޭގެފާނު ކުރެއްވި ޖިހާދުތަކަކީ މާތްﷲ އިޒްނަ ދެއްވައިގެން ކުރައްވި ޖިހާދުތަކެއްކަން ޝައިޚް ފާހަގަކުރެއްވިއެވެ.
ޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމް ވިދާޅުވީ ރަމަޟާންމަހަކީ ނަފުސް ޠާހިރުކުރުމަށް ލިބޭ ރަނުގެ ފުރުޞަތެއްކަމަށާއި އެ މަހަކީ މުސްލިމުންގެ ކާމިޔާބީގެ މައްސަރުކަން އޭނާ ފާހަގަކުރެއްވިއެވެ.
އިސްލާމްދީން އިސްކަންދެނީ ސުލްޙަ މަސަލަސްކަމަށްކަން ފާހަގަކުރައްވަމުން އަލްއުސްތާޛް އިބްރާހީމް ރަޝީދު މޫސާ ވިދާޅުވީ ކޮންމެ ކަމެއްގައިވެސް ހަނގުރާމަނުކޮށް ސުލްޙަ ޤާއިމްކުރުމަށް މަސައްކަތް ކުރަންޖެހޭކަމަށެވެ. މިގޮތުން އިބްރާހީމް ރަޝީދު މޫސާވަނީ އިސްލާމީ އުއްމަތުގައި ކުރެވުނު ހަނގުރާމަތަކުގެ މައްޗަށް އަލި އަޅުވާލައްވައި ވާހަހަކަފުޅު ދައްކަވާފައެވެ. އިބްރާހީމް ރަޝީދު މޫސާ ވިދާޅުވީ އިސްލާމްދީނަކީ ހަނގުރާމައަށް ގޮވާލާ ދީނެއް ނޫންކަމަށާއި ކުރިން ކޮށްފައިވާ ހަނގުރާމަތަކަކީ ދީނުގެ ރައްކާތެރިކަމަށް ކޮށްފައިވާ ހަނަގުރާމަތަކެއްކަމަށެވެ. އަދި މުސްލިމުންގެ ހަނގުރާމައަކީ ހުޅަނގުގެ ހަނގުރާމައާއި ތަފާތު ހަނގުރާމައެއްކަމަށާއި އިސްލާމްދީނަކީ އަޚްލާގީ ދީނެއްކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
އެހެން އަހަރުތަކުގެ ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމުގެ ފޯރަމްތަކާ އެއްގޮތަށް މިއަހަރުގެ މި ފޯރަމްގައިވެސްވަނީ މިފޯރަމްގައި ބައިވެރިވި މީހުންގެ މެދުގައި ނެގި ގުރުއަތުން ހޮވުނު ފަރާތްތަކަށް ފައިސާގެ އިނާމާއި ރިޔާޟުއްޞާލިޙީން އަދި ފިޤްހުއްސުންނަ މި ދެ ފޮތް ހަދިޔާކޮށްފައެވެ.