ޚަބަރު

ޝައްވާލުމަހުގެ ހަނދު ސާބިތުކުރުން މިމަހުގެ 13 ވަނަ ދުވަހު


މިއަހަރުގެ ޝައްވާލުމަހުގެ ހަނދު ސާބިތުކުރުން މިމަހުގެ 13 ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސައިފިއެވެ.

އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުގެ ޝައްވާލް މަހުގެ ހަނދު ސާބިތު ކުރުމަށްޓަކައި މިއަހަރުގެ ޝައްވާލް މަހުގެ ހަނދު ދުށްމީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރުމަށް ހަމަޖެހިފައިވަނީ މާލޭގައިނަމަ މާލޭގެ ކޯޓެއްގެ ޤާޟީއެއްގެ ކުރިމަތީގައި ކަމަށާއި އަތޮޅު ތަކުގައިނަމަ އެރަށެއްގެ މެޖިސްޓްރޭޓްކޯޓުގެ މެޖިސްޓްރޭޓުގެ ކުރި މަތީގައި ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނެއެވެ.

މިއަހަރުގެ ޝައްވާލް މަހުގެ ހަނދު ދުށްމީހަކު ނުވަތަ ބަޔަކު ވީހާ އަވަހަކަށް މާލޭގައިނަމަ ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނަށް ރަށްރަށުގައިނަމަ އެރަށެއްގައި ކަމާބެހޭ އިދާރާއަށް އެންގުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނެއެވެ.

ހެކިބަސް އަދާކުރުމަށްޓަކައި އައުމާއި، ދިއުމުގެ ޓެކްސީ ޚަރަދު އެޑިޕާޓުމެންޓުން ދޭނެކަމަށްވެސް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނެއެވެ. މެޖިސްޓްރޭޓެއް ނެތް ރަށެއްގައިނަމަ ހަނދު ސާބިތުކުރުމަށް ހެކިބަސް ދޭނީ އެރަށެއްގެ ކައުންސިލްގެ އިދާރާ ނުވަތަ އެރަށެއްގެ އަވަށު އޮފީސް ހިންގުމާ ހަވާލުވެހުންނެވި އިސް ވެރިއެއްގެ ކުރިމަތީގައި ކަމަށްވެސް ޑީޖޭއޭއިން ބުނެއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންބުނީ ޝައްވާލް މަހުގެ ހަނދުގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން މި މަހުގެ 13 ވާ ބުދަ ދުވަހުގެ ހަވީރު 5:30 އިން ފެށިގެން ޑީޖޭއޭއާ، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި، ސިޓީކައުންސިލް އިދާރާ ތަކާއި، އަތޮޅުކައުންސިލް އިދާރާތައް އަދި ރަށުކައުންސިލް އިދާރާތަކާއި އެރަށެއްގެ އަވަށުއޮފީސްތައް ހުޅުވިފައި ހުންނާނެކަމަށެވެ.

ޖޫން މަހުގެ 13 ވަނަ ދުވަހަކީ ރަމަޟާން މަހުގެ 29 ވަނަ ދުވަހަށް ވާއިރު ކަލަންޑަރުގައިވާގޮތުން މިމަހުގެ 14 ވަނަ ދުވަހަކީ ރަމަޟާން މަހުގެ 30 ވަނަ ދުވަހެވެ.