ޚަބަރު

އިނގުރައިދުއާއި މާބައިދޫ ބަނދަރުގެ މަސައްކަތުގެ ބޮޑުބައި ނިމިއްޖެ


ރ.އިނގުރައިދޫ އާއި ލ.މާބައިދޫ ބަނދަރު ހެދުމުގެ މަޝްރޫޢުގެ ބޮޑުބައެއް ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީން ބުނެފިއެވެ.

މިގޮތުން ރ.އިނގުރައިދޫ ބަނދަރުގެ %90 މަސައްކަތް ނިމިފައިވާއިރު ލ.މާބައިދޫ ބަނދަރުގެ %79 މަސައްކަތް ވަނީ ނިންމާފައިކަން އެފަރާތުން ހާމަކުރެއެވެ. އެމްޓީސީސީން ބުނީ އިނގުރައިދޫ ބަނދަރު ހެދުމުގެ މަސައްކަތް ކުރިއަށްދަނީ ޝެޑިއުލާ އެއްގޮތަށް ކަމަށާއި މިހާރު ކުރިއަށްދާ ގޮތުން މަސައްކަތް ނިންމަން އޮތް ތާރީޚަށް ނިންމާލެވޭނެކަމަށެވެ. މި ރަށު ބަނދަރު ހެނދުމަށް ހަވާލުކޮށްފައިވަނީ އަންނަ ޖުލައިމަހު ނިންމުމަށެވެ.

އެ ރަށު ފަޅުގައި ތިލަކޮށް ހުރި ސަރަހައްދުތައް ފުންކޮށް މިހާރު ނިންމާފައިވާއިރު ޖެޓީ ހެދުމުގެ މަސައްކަތުގެ %81 މަސައްކަތް ނިންމާފައިވާކަމަށްވެސް އެމްޓީސީސީން ބުނެއެވެ. އަދި ބަނދަރު ސަރަޙައްދުގައި ގާ އެތުރުމުގެ މަސައްކަތުގެ %25 މަސައްކަތްވެސް ވަނީ ނިންމާފައެވެ.

އިނގުރައިދޫގައި ސަރުކާރުން ހަދާ ބަނދަރަކީ 46 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ހަދާ ބަނދަރެކެވެ.

ލ.މާބައިދޫ ބަނދަރުގެ %79 މަސައްކަތް ނިންމާފައިވާއިރު މި މަޝްރޫއުގެ ދަށުން އެރަށު ހުޅަނގު ފަރާތުގައި 210 މީޓަރު ދިގު އަދި 78 މީޓަރު ފުޅާ ބަނދަރެއް ހަދަންވަނީ ހަވާލުކޮށްފައެވެ. 275 މީޓަރުގެ ބޭރުތޮށްޓެއްލުމަށް ހަވާލުކޮށްފައިވާއިރު މިމަޝްރޫޢުގެދަށުން އެތަނުގައި ރިވެޓްމަންޓް ޖެހުމަށްވެސް ހަމަޖެހިފައިވެއެވެ.

އެމްޓސީސީން ބުނީ މިހާރު ކުރިއަށްދަނީ ފަޅު ފުން ކުރުމުގެ މަސައްކަތް ކަމަށާއި އެ މަސައްކަތުގެ %30 މަސައްކަތް ނިމިފައިވާކަމަށެވެ. އަދި ބޭރު ތޮށީގެ %70 މަސައްކަތް ނިމިފައިވާކަމަށްވެސް އެކުންފުނިން ބުނެއެވެ. ލ.މާބައިދޫގައި ހަދާ ބަނދަރަކީ 45ވުރެ ގިނަ މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހަދާ ބަނދަރެކެވެ.