މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް މިދިޔަ މަހު ދައުލަތަށް އެއްބިލިޔަން ރުފިޔާގެ ޢާމްދަނީއެއް ލިބެއްޖެއެވެ.
ދައުލަތުގެ ޓެކްސް އިދާރާ މީރާއިން ޢާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ލިބުނު އެއް ބިލިއަން ރުފިޔާއަކީ އެ މަހު ލިބޭނެ ކަމަށް ލަފާކުރި މިންވަރަށް ވުރެ %10.6 އިތުރު ޢަދަދެކެވެ. ނަމަވެސް އެއީ މިދިޔަ އަހަރުގެ މެއި މަހު ލިބުނު ޢަދަދަށް ވުރެ 14.6 ޕަސެންޓް ދަށް ޢަދަދެކެވެ.
ޢާމްދަނީ އިތުރުވީ މިދިޔަ މަހުގެ ނިޔަލަށް ބޭންކް ޕްރޮފިޓް ޓެކްސް ދެއްކުމަށް ހުޅުވާލާފައި އޮތް ނަމަވެސް، ސުންގަޑީގެ ކުރިން ބައެއް ބޭންކުތަކުން އެ ޓެކްސް ދައްކާފައިވާތީ ކަމަށް މީރާއިން ބުނެއެވެ.
މީރާގެ ތަފާސް ހިސާބުތައް ދައްކާގޮތުން ޢާމްދަނީގެ އެންމެ ބޮޑު އިންސައްތައެއް ޙިއްސާ ކުރަނީ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) އިންނެވެ. މިގޮތުން ޖީއެސްޓީގެ ގޮތުގައި %58.2 ޢާމްދަނީއެއް ލިބިފައިވާއިރު %15.4 ޙިއްސާކުރަނީ އެހެނިހެން ގޮތްގޮތުން މީރާއަށް ލިބިފައިވާ ޢާމްދަނީއަށެވެ.
މީގެ އިތުރުން ބޭންކް ޕްރޮފިޓް ޓެކްހުގެ ގޮތުގައި %9.4 ލިބިފައިވާއިރު %6.1 ޙިއްސާކުރަނީ ގްރީން ޓެކުހަށެވެ. އަދި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ %5.5 ޙިއްސާވާއިރު އެއަރޕޯޓް ސަރވިސް ޗާރޖްގެ ގޮތުގައި %5.5 ޙިއްސާވެއެވެ.
މީރާ އިން ބުނީ މިދިޔަ މަހު ލިބުނު އެއް ބިލިއަން ރުފިޔާގެ ތެރެއިން 589 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބުނީ އެމެރިކާ ޑޮލަރުންނެވެ. އެއީ 38.22 މިލިއަން ޑޮލަރެވެ.
މިދިޔަ މަހު މީރާއަށް ލިބުނު ޢާމްދަނީ ލަފާކުރި ވަރަށް ވުރެ އިތުރުވިއިރު، މިއަހަރުގެ ފުރަތަމަ ތިން މަހު އެކަނި ވެސް މީރާ މެދުވެރިކޮށް 4.99 ބިލިއަން ރުފިޔާ ދައުލަތަށް ވަނީ ލިބިފައެވެ.