ރަމަޟާންމަހުގެ ރޭތައް އިޙްޔާކޮށް ދިރުވުމަށްޓަކައި ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ އިޙްޔާ ފޯރަމަކީ ރާއްޖޭގެ ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި ދީނާބެހޭ މަޢުލޫމާތު މުއްސަނދިކުރުމުގެ މަޤްޞަދުގައި ކުރިއަސްގެންދާ ޚާއްސަ މަސައްކަތެކެވެ. އެހެން އަހަރުތަކާ އެއްގޮތަށް މިއަހަރުގެ ފޯރަމްތަކަށްވެސް ގިނަ ޢަދަދެއްގެ ޢާއްމުންގެ ތަރްޙީބް ލިބޭކަންވެސް ފާހަގަކުރެވެއެވެ.
ރަމަޟާން މަހުގެ ރޭތައް އިޙްޔާކުރުމުގެ ޕްރޮގްރާމަކީ ދީނީ ގޮތުން ރައްޔިތުންނަށް ކަންކަން އޮޅުންފިލުވައިދިނުމަށް ރާއްޖޭގައި ހިންގާ އެންމެ ޚާއްޞަ ޕްރޮގްރާމެކެވެ. މިއީ 1980 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހު އިސްލާމިކް މިނިސްޓްރީން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އެގޮތުން މިއަހަރުގެ ރަމަޟާން މަހުގައިވެސް ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހުގެރޭ އަދި ބުރާސްފަތި ދުވަހުގެ ރޭ އިޙްޔާ ފޯރަމްތައް ވަނީ ކުރިއަށްގެންގޮސްފައެވެ.
އިޙްޔާ ފޯރަމަކީ ރާއްޖޭގެ ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި ދީނާބެހޭ މަޢުލޫމާތު މުއްސަނދިކުރުމުގެ މަޤްޞަދުގައި އިސްލާމިކް މިނިސްޓްރީން އިންތިޒާމްކޮށްގެން ކޮންމެ ރަމަޟާންމހު ކުރިއަށްގެންދާ ޚާއްސަ ހަރަކާތެކެވެ. ވޭތުވެދިޔަ އަހަރުތަކާއެއްގޮތަށް މިއަހަރުގެ ފޯރަމްތަކަށްވެސް ޢާއްމުންގެ ތަރްޙީބު ލިބިފައިވާކަން ފާހަގަކުރެވެއެވެ. ބޭރުގެ ޢިލްމުވެރިން ގެނެސްގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް މިހާރު ގެންދަނީ ދިވެހި ޢިލްމުވެރިން ވަކި މަޢުޟޫއަކަށް މަޝްވަރާ ކުރާ ޕެނަލެއްގެ އިތުރުން ޚާއްސަ ޕްރެޒެންޓޭޝަންތަކުގެ އަލީގައެވެ.
މިބަދަލާއެކު ޢާއްމުން ފޫހިނުވެ މަޝްވަރާކުރާ މަޢުޟޫއާ ބެހޭގޮތުން ވީހާވެސް ގިނަ މަޢުލޫމާތު ޢަންމުނަށް ލިބިގެންދެއެވެ. މިއަހަރުގެ އިޙްޔާފޯރަމްތަކުގެ ޕްރެޒެންޓޭޝަންތަކުގެ އެހީގައި ކުރިއަށްގެންދިޔައިރު ރާއްޖޭގައި ތިބި ޤާބިލް ޢިލްމުވެރިން ވަނީ ބައިވެރިވެވަޑައިގެން ތަޤްރީރުކުރައްވާފައެވެ. ރާއްޖޭގެ ޢިލްމުވެރިންގެ އިތުރުން ދުނިޔޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ އިސްމާޢީލް އިބްނު މޫސާ މެންކް ނުވަތަ މަޝްޙޫރު ނަމުން ނަމަ މުފްތީ މެންކްވެސް ވަނީ ރާއްޖެ ވަޑައިގެން ދިވެހިންނަށް ދަރުސް ދެއްވާފައެވެ.
މީގެ އިތުރުން މުފްތީ ވާނީ މާލޭގެ އިތުރުން އައްޑޫ ސިޓީއަށް ވަޑައިގެން އެ ސިޓީގައި އުޅޭ ރައްޔިތުންނަށްވެސް ދަރުސްދެއްވާފައެވެ. މިހުރިހާ ޢިލްމުވެރިންވެސް ވަނީ އެރެއަކަށް ކަނޑައަޅާފައިވާ މަޢުޟޫތަކަށް ވަރަށް ތަފްސީލްކޮށް ވާހަކަ ދައްކާފައެވެ. ފޯރަމްތައް އަޑުއެހުމަށް ދާ ޢާއްމުންގެ ތެރޭގައި ގިނަޢަދަދެއްގެ ސްކޫލްކުދިންނާއި އެކި ޢުމުރުފުރާގެ މީހުން ހިމެނެއެވެ.
ރަމަޟާންމަހުގެ ކޮންމެ ހަފްތާއެއްގެ ދެ ރެއެއްގައި ގެނެސްދޭ އިޙްޔާ ފޯރަމްގައި މަޝްވަރާކުރާ މައުޟޫތަކަކީ، މިހާރުގެ ދިވެހި މުޖުތަކަމަޢުގެ ޙާލަތަށް ރިއާޔަތް ކޮށްފައިވާ މައުޟޫޢުތަކެކެވެ. އަދި މިއަހަރުވެސް އިޙްޔާފޯރަމްގައި ބައިވެރިވުމަށް އިސްލާމިކް މިނިސްޓްރީއަށް ވަޑައިގެންނެވިއެވެ. ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތްތަކަށް ފައިސާގެ އިނާމާއި ރިޔާޟުއްޞާލިޙީން އަދި ފިޤްހުއްސުންނާ، މި ދެ ފޮތް ހަދިޔާކުރިއެވެ. އިޙްޔާ ފޯރަމްގެ ހުރިހާ ޖަލްސާތަކެއް ފީއެސް.އެމްގެ ޓީވީއެމް އަދި މުންނާރު ޓީވީން ވަގުތުން ބެލުންތެރިންނަށް ގެނެސްދިނެވެ. އަދި ޕީއެސްއެމްގެ ދީނީ ރޭޑިއޯޗެނަލް ދީނުގެ އަޑުންވެސް ވަނީ މޮ ފޯރަމްތައް ދުރަށް ފޮނުވާފައެވެ.