ކުޅިވަރު

އަޝްފާގުގެ ކޮންޓްރެކްޓް އުވާލަދޭން އޭނާ އެފްއޭއެމުގައި އެދެފި


ނިއުރޭޑިއަންޓްގެ ކެޕްޓަން އަލީ އަޝްފާގު އެކުލަބާއިއެކު ހަދާފައިވާ ކޮންޓްރެކްޓް އުވާލަދޭން އެފްއޭއެމްގައި އެދެފިއެވެ.
މި ސީޒަންގައި ނިއުރޭޑިއަންޓަށް މުހިންމު ގިނަ ގޯލްތަކެއް ޖަހާދީފައިވާ އަޝްފާގު ކޮންޓްރެކްޓް އުވާލަން އެފްއޭއެމަށް ހުށަހަޅާފައިވާކަން އެފްއޭއެމުން ޔަގީންކޮށެއް ނުދެއެވެ. އަޝްފާގުވެސް ފޯނަށް ޖަވާބުނުދޭތީ މިކަން ޔަގީންނުކުރެވެއެވެ. އެހެންނަމަވެސް އަޝްފާގު އެފްއޭއެމުގައި ކޮންޓްރެކްޓް އުވާލަދޭން އެދިފައިވާކަމަށް އިތުބާރުހުރި ގޮތަކަށްވަނީ ޕީއެސްއެމް ސްޕޯޓްސްއަށް މައުލޫމާތު ލިބިފައެވެ.

އެފްއޭއެމުން ބުނީ ކުޅުންތެރިއަކު ކޮންޓްރެކްޓެއް އުވާލަދޭން ހުށަހަޅައިފިނަމަ އެކަން ބަލައި އެކަމާއިމެދު ގޮތެއް ނިންމަނީ ޕްލޭޔާސް ޑިސްޕިއުޓް ކޮމިޓީންކަމަށް. އަދި އެކަމާއި ގުޅޭ މައުލޫމާތުވެސް މީޑިޔާއާއި ހިއްސާކުރާނީ އެ ކޮމިޓީންކަމަށެވެ.

ނިއުގެ ކެޕްޓަން އަޝްފާގު އެކުލަބު ދޫކޮށް ޓީސީ ސްޕޯޓްސް ކުލަބަށް ބަދަލުވެދާނެކަމަށް މިހާރުވަނީ އަޑުފެތުރިފައެވެ. ޕްރިމިއަރ ލީގަށް ޓީސީ ވަރުގަދަ ކުރާނެކަމަށާއި، އެކުލަބާއި އިތުރު ކުޅުންތެރިން ގުޅުން ގާތްކަމަށެވެ.