ޚަބަރު

ކޮންވެންޝަން ސެންޓަރު އަޅަން ނެގި ގޯތިތައް އަނބުރާ ދިނުމުގެ މަސައްކަތް އަންނަ ހަފްތާގައި ފަށަނީ


އެމްޑީޕީ ސަރުކާރުން އައްޑޫ ސިޓީގެ ރައްޔިތުންގެ އަތުން ނެގި ގޯތިތައް އަނބުރާ ހަވާލުކުރުމުގެ މަސައްކަތް އަންނަ ހަފްތާގައި ފަށާނެކަމަށް ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އައްޑޫ ސިޓީގެ ކޮންވެންޝަން ސެންޓަރ އެޅުމަށް އެ ސަރަހައްދުން އެމްޑީޕީ ސަރުކާރުން އައްޑޫ ސިޓީގެ ރައްޔިތުންގެ އަތުން ނެގި ގޯތިތައް އަނބުރާ ހަވާލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔަމީން ނިންމަވާފައިވާކަމަށެވެ.

މިނިސްޓަރ މުއިއްޒު ވަނީ، ކޮންވެންޝަން ސެންޓަރު ހުންނަ ސަރަހައްދު ވަށައިގެން 3000 އަކަފޫޓުގެ 700 ގޯތި ދޫކުރުމަށް ނިންމާ ބިން ވެސް ޕްލޭން ކޮށް ނިންމާފައިވާކަން ކުރިން ހާމަކުރައްވާފައެވެ.

ކޮންވެންޝަން ސެންޓަރ އެޅުމަށް ސަރަހައްދުގައިހުރި ގޯތިތައް އޭރުގެ ސަރުކާރުން އައްޑޫ ސިޓީގެ ރައްޔިތުންގެ އަތުން ނަގާފައިވަނީ 2011 ވަނަ އަހަރުގައެވެ. މި ގޯތިތައް ނަގާފައިވަނީ އެހެން ސަރަހައްދުތަކުން ގޯތި ދޭގޮތަށް ނުވަތަ ބަދަލު ދޭނެ ކަމަށްބުނެއެވެ. ނަމަވެސް ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވިއިރުވެސް މި ގޯތިތަކަށް ބަދަލު ދީފައެއްނުވެއެވެ. މި މައްސަލާގައި ބަދަލު ހޯދުމަށް ބައެއް މީހުން ކޯޓަށްވެސް ގޮސްފައިވެއެވެ.

2011 ވަނަ އަހަރު ސާކް ސަމިޓް ބޭއްވުމަށް ތިން ސަތޭކަ މިލިއަން ރުފިޔާ ޚަރަދުކުރައްވައިގެން އިމާރާތްކޮށްފައިވާ އައްޑޫ އިކުވަޓޯރިއަލް ކޮންވެންޝަން ސެންޓަރުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފުމަށް ނިންމާ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަނީ އެ ސެންޓަރު 100 އެނދުގެ ޓާޝިއަރީ ހޮސްޕޮޓަލެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް ނިންމާފައެވެ. މި މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާއިރު، މި ހޮސްޕިޓަލުގެ މަސައްކަތް ނިމި ޚިދުމަތްދެވެން ފެށުމުން ގިނަ އަދަދެއްގެ ބަޔަކަށް ސިއްޙީ ފަރުވާ ހޯދުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.