ޚަބަރު

ކޮންވެންޝަން ސެންޓަރު އަޅަން ނެގި ގޯތިތައް މާދަމާ ހަވާލުކުރަން ފަށަނީ


އައްޑޫ ކޮންވެންޝަން ސެންޓަރ އަޅަން އެސަރަޙައްދުން އެމްޑީޕީ ސަރުކާރުން ނެގި ގޯތިތައް އަނބުރާ ހަވާލުކުރަން މާދަމާ ފަށާނެކަމަށް މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ހައުސިންގ މިނިސްޓަރ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މާދަމާއިން ފެށިގެން އައްޑޫ ކޮންވެންޝަން ސެންޓަރ ސަރަޙައްދުން ނެގި ގޯތިތަކުގެ ބަދަލުގައި ހަމަ އެސަރަޙައްދުން ގޯތި ހާވަލުކުރާނެކަމަށާއި، އުއްމީދަކީ ޖުލައި 26 ގެ ކުރިން ހުރިހާ ފަރާތްތަކާ ގޯތި ހަވާލުކޮށް ނިންމުން ކަމަށެވެ.

ކޮންވެންޝަން ސެންޓަރ އަޅަން އެ ސަރަޙައްދުން ރައީސް ނަޝީދުގެ ސަރުކާރުން އައްޑޫ ސިޓީގެ ރައްޔިތުންގެ އަތުން ގޯތި ނަގާފައިވަނީ 2011 ވަނަ އަހަރުގައެވެ. އޭރު ގޯތިތައް ނަގާފައިވަނީ އެހެން ސަރަޙައްދުތަކުން ބަދަލުގައި ގޯތި ދޭގޮތަށް ނުވަތަ ނެގި ގޯއްޗަށް ބަދަލުދޭނެ ކަމަށްބުނެއެވެ. ނަމަވެސް ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާދެއްވިއިރުވެސް ގޯތިތަކަށް ބަދަލު ދީފައެއްނުވެއެވެ. އަދި މިސަރުކާރުންވަނީ އެގޯތިތަކުގެ ބަދަލުގައި އެސަރަޙައްދުން ގޯތި ދޫކުރުމަށް ނިންމާފައެވެ.

2011 ވަނަ އަހަރު ސާކް ސަމިޓް ބޭއްވުމަށް 300 މިލިއަން ރުފިޔާ ޚަރަދުކޮށްގެން އިމާރާތްކޮށްފައިވާ އައްޑޫ އިކުވަޓޯރިއަލް ކޮންވެންޝަން ސެންޓަރުގެ ބޭނުންނުހިފި، އެތަން ވީރާނާވަމުން ދަނިކޮށް، އެތަނުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފުމަށް ނިންމާ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުން ދަނީ އެތަން 100 އެނދުގެ ޓާޝިއަރީ ހޮސްޕޮޓަލެއްގެ ގޮތުގައި ތަރައްޤީ ކުރަމުންނެވެ. މި މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާއިރު، މި ހޮސްޕިޓަލުގެ މަސައްކަތް ވަރަށް އަވަހަށް ނިމި ޚިދުމަތް ދޭންފަށާނެއެވެ.