ޚަބަރު

ކޮންވެންޝަން ސެންޓަރު އަޅަން ނެގި ގޯތިތައް އަނބުރާ ހަވާލުކުރަނީ


އައްޑޫ ކޮންވެންޝަން ސެންޓަރ އަޅަން އެޞަރަޙައްދުން އެމްޑީޕީ ސަރުކާރުން ނެގި ގޯތިތައް އަނބުރާ ޙަވާލުކުރުން މިއަދު ރަސްމީކޮށް ފަށާނެކަމަށް ހައުސިންގއިން ބުނެފިއެވެ.

މިކަމަށްޓަކައި މިއަދު ހަވީރު ކޮންވެންޝަން ސެންޓަރު ޞަރަހައްދުގައި ބާއްވާ ޙަފުލާ ޝަރަފުވެރިކޮށްދެއްވާނީ ހައުސިންގް މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެކްޒެކެޓިވް އަބްދުﷲ ޒިޔާދެވެ. މި މަސައްކަތް ފެއްޓެވުމުގެ ގޮތުން ބާއްވާ ރަސްމިއްޔާތުގައި ގޯތިތައް ދޫކުރުމާއި ބެހޭގޮތުން މައުލޫމާތު ހިއްސާކުރުމަށް ހަމަޖެހިފައިވާކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ. ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ހައުސިންގް މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެކްޒެކެޓިވް އަބްދުﷲ ޒިޔާދް ވިދާޅުވީ، ގޯތި ދޫކުރުމަށް ލިސްޓު ފައިނަލްކުރެވި 750 އެއްހާ ގޯތިނެގިފައިވާކަމަށާއި، އެހެންކަމުން މިއަދު ފުރަތަމަ ގޯތި ޙަވާލުކުރާނެކަމަށެވެ.

" ގޯތިތައް ނެގިފަހުރި މީހުންގެ އިހްސާސަތައް މިނިސްޓްރީއާއި ހަމަޔަށް އަންނަމުންދާ މިންވަރަކުން މިކަމަށް ގެނެވޭނެ ޙައްލެއް ބަލައި، ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރެވިގެންދިޔަ. އެގޮތުން ރައީސުލް ޖުމްހޫރިއްޔާ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގަ ކޮމިޓީއެއް އެކުލަވާލައި، މިކަން ކުރިއަށް ގެންދަވާނެ އުޞޫލެއް ޤާއިމްކުރެވިގެންދިޔަ. އޭގެ ނަތީޖާއެއްގެ ގޮތުން ގޯތި ދޫކުރާ ލިސްޓް ފައިނަލްކުރެވި 750 ގޯތިމިވަނީ ނެގިފަ. އެގޮތުން މިއަދު ދޫކުރަނީ ފުރަތަމަ ލޮޓް" ހައުސިންގ މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެކްޒެކެޓިވް އަބްދުﷲ ޒިޔާދް ވިދާޅުވިއެވެ.

ތިންސަތޭކަ ހަތްދިހައެއްހާ ޑޮކިއުމެންޓް ހައުސިންގެ މިނިސްޓްރީއަށް ހުށަހެޅިފައިވާއިރު، ގޯތިތައް ދޫކުރުމުގައި އިސްކަންދޭނީ އެންމެ ފުރަތަމަ މިކަމަށް ހުށަހެޅި ފަރާތްތަކުގެ އިތުރުން ކޯޓު މަރުޙަލާއަށް ބަލައި އޭގެ ހައްޤުވެރި ފަރާތްތަކަށްކަަމަށާއި ގޯތިތައް ދޫކުރުމަށްޓަކައި ސާރވޭކޮށް ބިންތައް ކަނޑައަޅައި މިހާރު ބްލޮކްތަކެއް ކަނޑައަޅާފައިކަމަށް ހައުސިންގް މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެކްޒެކެޓިވް އަބްދުﷲ ޒިޔާދް ވިދާޅުވިއެވެ.

"އަޅުގަނަޑުމެންނަށް 370 ވަރަކަށް ޑޮކިއުމެންޓްސް ވަނީ ލިބިފަ. އަޅުގަނޑުމެން ފުރަތަމަ ގޯތިތައް ދޫކުރަނީ ފުރަތަމަ ހުށަހެޅި މީހުންގެ ލިސްޓްތަކަށް ބަލައި އަދި ކޯޓް މަރުހަލާއާއި އެހެންގޮތްގޮތުން ބަލައި ގޯތިތައް ހައްގުވާ ފަރާތަތަކަށް މިއަދު ގޯތި ދޫކުރެވިގެންދަނީ. މިދިޔަ ތިން އަހަރުތެރޭގަ ޗަކަ ބިންތަކާއި، އެހެން ބިންތައް ވަކިކޮށް ސާރވޭގެ މަސައްކަތްކުރެވި މިހާރުވަނީ ބްލޮކްތަކެއް ކަނޑައަޅާފަ. އެގޮތުން މިއަދު ކަނޑައަޅާ ފުރަތަމަ ބްލޮކްގެ ގޯތިތައް ދިނުމުގެ އުސޫލު ކަނޑައެޅި ދޫކުރެވިގެންމިދަނީ" ހައުސިންގް މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެކްޒެކެޓިވް އަބްދުﷲ ޒިޔާދް ވިދާޅުވިއެވެ.

ކޮންވެންޝަން ސެންޓަރ އަޅަން އެ ސަރަޙައްދުން ރައީސް ނަޝީދުގެ ސަރުކާރުން އައްޑޫ ސިޓީގެ ރައްޔިތުންގެ އަތުން ގޯތި ނަގާފައިވަނީ 2011 ވަނަ އަހަރު، އެހެން ސަރަޙައްދުތަކުން ބަދަލުގައި ގޯތި ދޭގޮތަށް ނުވަތަ ނެގި ގޯއްޗަށް ބަދަލުދޭނެކަމަށްބުނެއެވެ. ނަމަވެސް ރައީސް ނަޝީދު ވެރިކަމުން އިސްތިޢުފާދެއްވިއިރުވެސް ގޯތިތަކަށް ބަދަލު ދީފައެއްނުވެއެވެ. ނަމަވެސް މި މިސަރުކާރުންވަނީ އެގޯތިތަކުގެ އޭގެ ޙައްޤުވެރިފަރާތައް ދޫކުރުމަށް ނިންމާފައެވެ.