ޚަބަރު

ކޮންވެންޝަން ސެންޓަރު އަޅަން ނެގި ގޯތިތައް އަނބުރާ ހަވާލުކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފި


ރައީސް ނަޝީދުގެ ސަރުކާރުން އައްޑޫސިޓީ ކޮންވެންޝަން ސެންޓަރު އަޅަން ނެގި ގޯތިތައް އޭގެ ޙައްޤުވެރި ފަރާތްތަކާއި ހަވާލުކުރުމުގެ މަސައްކަތް ސަރުކާރުން މިއަދު ރަސްމީކޮށް ފަށައިފިއެވެ.

އައްޑޫ ކޮންވެންޝަން ސެންޓަރު ޞަރަޙައްދުގައި ސަރުކާރުން މިއަދު ބޭއްވި ރަސްމިއްޔާތުގައި، ފުރަތަމަ ފިޔަވަހީގެ ތިރީސް ގޯތީގެ ވަގުތީ ރަޖިސްޓްރީ އޭގެ ވެރިފަރާތްތަކާއި ވަނީ ޙަވާލުކޮށްފައެވެ. މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރަރ ސްޓްރަކްޗަރ އިން މަޢުލޫމާތުދޭގޮތުގައި، ގޯތީގެ ދާއިމީ ރަޖިސްޓްރީ ހަވާލުކުރާނީ އެގޯތިތަކަށް ކިޔާނެ ނަން ފާސްކުރުމަށްފަހުކަމަށެވެ.

ގޯތީގެ ރަޖިސްޓްރީ ހަވާލުކުރުމަށްފަހު ގޯތިތައް ދޫކުރުމަށް ސަރުކާރުން ގެންގުޅުއްވާ އުޞޫލުތަކާބެހޭ މަޢުލޫމާތު ޢާންމުންނާއި ހިއްސާކޮށްފައިވެއެވެ. ގޯތީގެ ވަގުތީ ލިޔުން ގޯތީގެ ވެރިފަރާތާއި ޙަވާލުކޮށްދެއްވީ ހައުސިންގ މިނިސްޓްރީގެ ފަރާތުން މި ރަސްމިއްޔާތުގައި ބައިވެރިވަޑައިގެންނެވި އެމިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޙަސަން ޒަރީރުގެ އިތުރުން އެމިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެކްޒެކެޓިވް އަބްދުﷲ ޒިޔާދެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހައުސިންގް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ހަސަން ޒަރީރު ވިދާޅުވީ މި ހިސާބަކީ މީގެ އެއް ހަފްތާގެ ދުވަސްކުރިން ޖަންގައްޔެއްކަަމަށައި، ނަމަވެސް އައްޑޫގެ ހައުސިންގް މިނިސްޓްރީގެއާއި އެހެނިހެން މުއައްސަސާތަކުން ކުރެއްވި މަސައްކަތުން މަސައްކަތް އަވަހަށް ނިންމައި ގޯތިތައް ހަވާލްކުރުމުގެ މަސައްކަތް ފެށިފައިވާކަަމަށެވެ.

"އަޅުގަނޑުމެން މި މަސައްކަތްފެށީ ގޯތިތައް ހޯދުމަށް ހުށަހެޅިފަރަތުގެ ލިޔުންތަކަށާއި، ކޯޓް މަރުހަލާ ނިންމާފަހުރި ބައެއް މައްސަލަތަކަށާއި އަދި ރަޖިސްޓްރީ ހެދުމުގެ މައްސަލައަށް ފުރުތަމަ ހައްލެއް ގެނައުމަށްޓަކައި. އެގޮތުން އެގިވަޑައިގަންނަވާނެ މި ސަރަހައްދާއި މި ހިސާބަކީ މީގެ އެއް ހަފްތާގެ ދުވަސްކުރިން ޖަންގައްޔެއް. އެހެންކަމުން ހައުސިންގް މިނިސްޓްރީއާއި، ޕަބްލިކްވޯކްސްއާއި އަދި އެހެނިހެން ރިސޯސްތަކެއް ބޭނުންކޮށްގެން އަޅުގަނޑުމެން މިދިޔައި 24 ގަޑިއިރު މަސައްކަތްކުރަމުން މި މަސައްކަތް އަވަހަށް ނިންމައި ތިބެފުޅުންނަށް ގޯތިތައް ހަވާލްކުރުމަށްޓަކައި"

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހައުސިންގ މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެކްޒެކެޓިވް އަބްދުﷲ ޒިޔާދު ވިދާޅުވީ ގޯތިތައް ހަވާލުކުރުމާއި ބެހޭގޮތުން ސަރުކާރުން އައްޑޫސިޓީ ކައުންސިލާއި މަޝްވަރާކުރިކަމަށެވެ. އެހެންނަމަވެސް އެކަމަށް އެދެވިގެންވާ އެއްބާރުލުމެއް ނުލިބުމުން،އެކަން ޙައްލުކުރުމަށް ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ކުރެއްވި މަސައްކަތުން ގޯތީގެ ޙައްޤުވެރި ފަރާތްތަކަށް ގޯތި އަނބުރާ ލިބުމުގެ މަގު ފަހިވެގެންދިޔަކަމަށެވެ.

" ނެގިފަހުރި ގޯތިތަކާ ބެހޭގޮތުން އަޅުގަނޑު ކައުންސިލްގެ ބައެއް ބޭފުޅުންނާ ވާހަކަ ދެއްކިން. އެބޭފުޅުންގެ ވިސްނުމެއް ނެތް ރައްޔިތުންނަށް މި ގޯތި ހަވާލު ކުރަން. މި ރިޔާސީ ދައުރު ނިމުމުގެ ކުރިން މިކަމަށް ޙައްލެއް ހޯދަން އެބަޖެހޭކަން އަޅުގަނޑު ތަކުރާރްކޮށް މިނިސްޓަރަށާއި އަދިވެސް އަޅުގަނޑުމެންގެ ބޭފުޅުންނަށް ހަނދާން ކޮށްދެމުން ދިޔައީ. އެގޮތުގެ މަތިން އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެންގެ މިނިސްޓަރުގެވެސް ވަރަށް ބުރަ މަސައްކަތްތަކާ އެއްކޮށް ރައީސުލް ޖުމްހޫރިއްޔާ މި ނެންގެވި ޑިޒިޝަންގެ ސަބަބުން އިރާދަ ކުރެއްވީއްޔާ މި ރިޔާސީ ދައުރު ނިމުމުގެ ކުރިން މި ރައްޔިތުންނަށް ތި ލިބެންވާ ހުރިހާ ގޯއްޗެއް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ހަވާލު ކުރާނަން." ހައުސިންގ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޙަސަން ޒަރީރު ވިދާޅުވިއެވެ.

ކޮންވެންޝަން ސެންޓަރު އަޅަން ރައީސް ނަޝީދުގެ ސަރުކާރުން އައްޑޫ ސިޓީގެ އެ ސަރަޙައްދުގެ ރައްޔިތުންގެ އަތުން ގޯތި ނަގާފައިވަނީ 2011 ވަނަ އަހަރުގައެވެ. އެހެން ސަރަޙައްދުތަކުން ބަދަލުގައި ގޯތި ދޭގޮތަށް ނުވަތަ ނެގި ގޯއްޗަށް ބަދަލުދޭނެކަމަށްބުނެ ގޯތި ނެގި ނަމަވެސް ރައީސް ނަޝީދު ވެރިކަމުން އިސްތިޢުފާދެއްވިއިރުވެސް ބަދަލު ދީފައެއްނުވެއެވެ.