ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެއާއި ޗައިނާގެ ގުޅުން ބަދަހިކުރުމަށް ބާއްވާ "ފޯރަމް ފޯރ ކޯޕަރޭޝަން އޮން ޓޫރިޒަމް ބިޓްވީން ޗައިނާ އެންޑް މޯލްޑިވްސް" ފަށައިފިއެވެ.
"ފޯރަމް ފޯރ ކޯޕަރޭޝަން އޮން ޓޫރިޒަމް ބިޓްވީން ޗައިނާ އެންޑް މޯލްޑިވްސް"ގެ ނަމުގައި ފެށި މިފޯރަމަކީ ޓޫރިޒަމް މިނިސްޓްރީ އާއި ޗައިނާގެ މިނިސްޓްރީ އޮފް ކަލްޗަރ އެންޑް ޓޫރިޒަމް އަދި ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީ ގުޅިގެން ބާއްވާ ފޯރަމެކެވެ.
ކުރުނބާ މޯލްޑިވްސް ރިސޯޓުގައި ފެށި މި ބަދަލުވުމުގައި ބައިވެރިވަނީ ފަތުރުވެރިކަމުގެ ދާއިރާގެ ބޭފުޅުންނެވެ. އެގޮތުން ޗައިނާ ޓޫރިޒަމް މިނިސްޓްރީ އާއި ފަތުރުވެރިކަމުގެ ދާއިރާގެ އިސްބޭފުޅުން ބައިވެރިވެއެވެ. މިފޯރަމްގައި ފަތުރުވެރިކަމާ ގުޅުން ހުރި ފަރާތްތަކުން ރާއްޖެއާއި ޗައިނާއާ ދެމެދު މިދާއިރާއިން އިތުރަށް ގުޅުން ބަދަހިކޮށް މި ދާއިރާގައި ހުރި އިންވެސްޓްމަންޓް ފުރުޞަތުތަކާއި ބެހޭގޮތުން މަޝްވަރާކުރާނެއެވެ.
ފޯރަމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ ޒަމާނުއްސުރެ ޗައިނާއާއި ރާއްޖެއާއި ދެމެދު އުފެދިފައިވާ އެކުވެރިކަމުގެ މި ގުޅުން ހަރުދަނާވަމުންދާކަމަށެވެ. އަދި ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށް ޗައިނާއިން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށާއި ރާއްޖެއަށް އަންނަމުންދާ ތަރައްޤީގެވެސް އެންމެ ގާތް އެކުވެރިޔަކީ ޗައިނާކަން މިނިސްޓަރ ޒަމީރު ފާހަގަކުރެއްވިއެވެ. ޚާއްސަކޮށް ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްއާއި ވެލާނާ އިންޓަރނޭޝަނަލް އެރޕޯޓާއި ހިޔާ މަޝްރޫއު ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ޒަމީރު ވިދާޅުވީ ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ އެއްޤައުމަކަށް ވުމާއެކު އިތުރު އެއަރލައިންތަކެއްގެ ޚިދުމަށް ފެށުމަށް މަޝްވަރާކުރަމުންދާކަމަށެވެ. މިގޮތުން ޗައިނާގެ އޭވިއޭޝަން ކުންފުންޏަކާއެކު ޑައިރެކްޓް ފްލައިޓްތައް ފެށުމުގެ މަޝްވަރާތައް ކުރަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަ ސަފީރު ޒާންގް ލީޒޯންގް ވިދާޅުވީ ރާއްޖެއާއި ޗައިނާއާއި ދެމުދު އުފެދިފައިވާ ވަރުގަދަ ގުޅުމުގެ ނިޝާން ދައްކުވައިދޭ ޗައިނާ މޯލްޑިވްސް ފްރޭންޑްޝިޕް ބްރިޖްގެ މަސައްކަތް މި މަސްތެރޭގައި ނިންމާ މި އަ އަހަރުގެ މެދުތެރޭގައި ރަސްމީކޮށް ހުޅުވާނެކަމަށެވެ. މީގެ އިތުރުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ރަންވޭ އަޕްގްރޭޑްކުރުމުގެ މަސައްކަތްވެސް ގާތްގަނޑަކަށް ނިމިފައިވާކަމަށާއި ޓެސްޓް ފްލައިޓްތައް އަންނަމަހުގެ ފަހުކޮޅު ޖެއްސުމަށް ހަމަޖެހިފައިވާކަމަށެވެ. މީގެ އިތުރުންވެސް އެޑިއުކޭޝަން ސްކޮލަރޝިޕްތަކާއި ކޮންމެ އަހަރު އެކި ދާއިރާތަކުން އެތައް ބަޔަކު ތަމުރީނު ކުރުމުގެ ފުރުޞަތު ދެމުންދާކަން ފާހަގަކުރެއްވިއެވެ.
މި ފޯރަމްގައި ޗައިނާގެ ވަފުދުގައި ފަތުރުވެރިކަމާ ގުޅުންހުރި ދާއިރާތަކުގެ 100 ބައިވެރިންނާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ 60 މީހުން ބައިވެރިވެއެވެ.