އައްޑޫސިޓީގައި މާރާމާރީތައް އާންމުވަމުންދާތީ އެކަމަށް ފިޔަވަޅު އެޅުމުގެ ގޮތުން ފުލުހުން ހާއްސަ އޮފަރޭޝަނެއް ފަށައިފިއެވެ.
މި އޮޕަރޭޝަނަކީ އައްޑޫ ސިޓީ އަދި ހާއްސަކޮށް ހިތަދޫގެ ޒުވާނުންގެ މެދުގަ ގްރޫޕް މަރާމާރީތަކާއި އެހެނިހެން ބާވަތްތަކުގެ ކުށްތައް ރަށުތެރޭ އިތުރުވަމުންދާތީ، އޭގެ ސަބަބުން އާންމު ރައްޔިތުންނަަށް ކަންބޮޑުވެދާނެތީ އޭގެކުރިން ރަށުތެރޭގެ އަމާންކަން ކަށަވަރު ކުރުމަށް ފެއްޓުނު އޮޕްރޭޝަނެއްކަމަށް ފުލުހުންގެ ސައުތް ޑިވިޝަން ކޮމާންޑަރ އަޙުމަދު ސާމީ ވިދާޅުވިއެވެ. ސާމީ ވިދާޅުވީ މި އޮޕަރޭޝަނުގެ މައިގަނޑު އަމާޒަކަށްވާނީ ގްރޫޕް މާރާމާރީތައް ހުއްޓުވުމާއި މުޖްތަމައު ތެރޭގަ އެހެނިހެން ކުއްތައް އިތުރުވިޔަ ނުދިނުންކަމަށާއި، މިފަދަ މައްސަލަތަކުގައި ޝާމިލް ވެފައިވާ މީހުން ހޯދައި މިކަމަށް އެޅެންއޮތް ފިޔަވަޅެއް އެޅުންކަމަށް ސާމީ ވިދާޅުވިއެވެ.
މި އޮޕްރޭޝަން ރަސްމީކޮށްފަށާފައިވަނީ ރޭގެވަގުތެއްގައެވެ. މި މާރާމާރީތައް ކޮންޓްރޯލްކުރުމަަސްޓަކައި މީގެ ކުރިންވެސް މާލެއިން އެސްއޯގެ ހާއްސަ ޓީމެއް އައިސް މި އޮޕަރޭޝަން ކުރިއަށްގެންދެވުނެވެ. އަދި އެކަމުގެ ނަތީޖާވެސް ވަރަށް ރަގަޅުކަމަށް ސައުތް ޑިވިޝަން ކޮމާންޑަރ އަޙުމަދު ސާމީ ވިދާޅުވިއެވެ.
މި އޮޕަރޭޝަންގެތެރެއިން ރޫޓީން ޑިއުޓީގައިި މަސައްކަތްކުރަމުންދާ ފުލުހުންގެ އިތުރަަށް މިފަދަ ކަންކަމުގައި ތަޖުރިބާ އަދި ތަމްރީން ލިބިފައިވާ ފުލުހުންގެ ޓީމެއް އެކުލަވާލައިގެން މަސައްކަތް ކުރިއަށްގެންދާކަމަށް ފުލުހުން ބުނެއެވެ. މި އޮޕަރޭޝަނަށްފަހު އެދެވިގެންވާ ނަތީޖާއެއް ނުނެރެވިއްޖެއްޔާ އައްޑުގެ އިތުރުންް ފުވައްމުލަކްސިޓީ ޕޮލިސް ސްޓޭޝަންގެ ފުލުހުންގެ ޓީމެއްވެސް މި އޮޕަރޭޝަންގައި ހަރަކާތްތެރިވާނެކަމަށް ފުލުހުން ބުނެއެވެ.
މި އޮޕަރޭޝަންގެ ދަށުން ގުރޫޕްތައް ޖަމާވާ ތަންތަން ބަލައި ފާސްކޮށް މައްސަލަތަކާއި ގުޅޭ އެއްޗެހި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ނައްތާލުމުގެ މަސައްކަތްކުރެވިގެންދާނެއެވެ. އަދި ގްރޫޕް މާރާމާރީގެ މައްސަލަތަކުގަ އުޅޭ މީހުން ޕްރޮސެކިއުޝަނަށް ފޮނުވައި އޭގެ ތެރޭގަ ކުޑަ ކުދިން ޝާމިލްވާނަމަ އެކުދިންގެ ބެލެނިވެރިންނާއި މަޝްވަރާކޮށް ފިޔަވަޅު އެޅިގެންދާނެކަމަށްވެސް ހިތަދޫ ޕޮލިސް ސްޓޭޝަނުން ބުނެއެވެ. އަދި ފުލުހުންގެ މި އޮޕަރޭޝަން ހުއްޓާލާނީ މިހާރު ހިގަމުންދާ މާރާމާރީތައް ހުއްޓި އެކަމުގައި ޝާމިލްވާ މީހުންނަށް ފިޔަވަޅުއަޅައި އާންމު ރައްޔިތުންނާއި ހަމަޔަށް ގެނެވެމުންކަމަށް ފުލުހުންގެ ސައުތް ޑިވިޝަން ކޮމާންޑަރ އަޙުމަދު ސާމީ ވިދާޅުވިއެވެ.
މި މަސައްކަތްކުރަމުންދާއިރު، މަގުތަކުގައި ދުއްވާ އުޅަަދުފަހަރުތައް ގަވާއިދާއި އެއްގޮތައް ހުރިތޯ ބަލައި ދުއްވަންހުރި ފަރާތުގެ އަތުގައި ލައިސަންސްއޮތްތޯ ޗެކްކޮށް ބަލައި ފާސްކުރެވޭނެކަމަށް ފުލުހުން ބުނެއެވެ. އަދި ކުރިއަށްއޮތްތާ ޒުވާނުންނަށް އަމާޒްކޮށްގެން ޒުވާނުން ކުއްތަކަށް އަރައިގަތުން މަދު ކުރުމަަށް އެވެއަނަސް ޕްރޮގްރާމެއް ވަރަށް އަވަހަށް ފަށާނެކަމަށް ހިތަދޫ ޕޮލިސް ޓޭޝަނުން ބުނެއެވެ.
ސައުތް ޑިވިޝަން ކޮމާންޑަރ އަޙުމަދު ސާމީ ވިދާޅުވީ ފުލުހުންގެ އަމާޒަކީ އައްޑޫސިޓީ ރަށުތެރޭގެ އަމާންކަން ގާއިމްކުރުންކަމަށާއި މި މަސައްކަތުގައި އާންމު ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ. އަދި މީގެ ކުރިންވެސް މިފަދަ ކަންކަމުގަ އައްޑޫސިޓީގެ ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުން އަންނަކަމަށް އޭނާ ފާހަގަކޮށްފައިވެއެވެ.