ޚަބަރު

އިންޓަރނެޓް ނެތަސް ދަރިވަރުންނަށް ޓެބްލެޓުން ފިލާވަޅުތައް ހެދޭނެ - އެޑިއުކޭޝަން


ދަރިވަރުން ޓެބްލެޓް ބޭނުންކުރަން ފަށާއިރު ފުރަތަމަ އިސްކަންދީފައިވަނީ އިންޓަރނެޓް ނެތް ތަނެއްގައިވެސް އޮފްލައިންކޮށް ދަރިވަރުންނަށް އެއްވެސް ދައްޗެއް ދިމާނުވެ މަސައްކަތްކުރެވޭނެ ގޮތަށްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ. އެ މިނިސްޓްރީން ބުނީ އިންޓަރނެޓް ގޭގައި ނެތްނަމަވެސް ދަރިވަރުންނާއި ހަވާލުކުރާ މަސައްކަތްތައް ޓެބްލެޓް ބޭނުންކޮށްގެން ކުރެވޭނެކަމަށެވެ.

ތަޢުލީމުގެ ތެރެއިން ސައިންސާއި ޓެކްނޮލޮޖީގެ އެހީގައި ކިޔަވައިދިނުމުގެ ވައްޓަފާޅި ބަދަލުކޮށް އިންފޮރމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ އެހީގައި ދަރިވަރުންނަށް އޭގެ މަންފާ ކުރާނެގޮތަށް ތަޢުލީމީ ދާއިރާ ބަދަލު ކުރުމަށް ހިންގާ މި ޕްރޮޖެކްޓްގެ ދަށުން ޓީޗަރުންނަށް ދޭންޖެހޭ ޓެބްލެޓްތައް މިހާރު ވަނީ ހަވާލުކޮށް ނިމިފައެވެ. އެގޮތުން 8 ހާހަށްވުރެ ގިނަ ޓެބްލެޓް ޓީޗަރުންނާއި ހަވާލުކޮށްފައިވާއިރު ގާތްގަނޑަކަށް 63000 ޓެބްލެޓް ދަރިވަރުންނަށް މިހާރު ދަނީ ހަވާލުކުރަމުންނެވެ.

ސްކޫލުތައް ޑިޖިޓަލައިޒްކުރުމަށް ދަރިވަރުންނާއި މުދައްރިސުންނަށް 70 ހާހަށްވުރެ ގިނަ ޓެބްލެޓް ބެހުމަށް ހަމަޖެހިފައިވެއެވެ. ކިޔަވައިދިނުމުގައި އިންފޮރމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީއާއެކު ޓެބްލެޓް ބޭނުންކުރަންފަށާއިރު، މި ތަކެތި ބޭނުންކުރުމަށް ޓީޗަރުންނަށް ދޭންޖެހޭ ތަމުރީނުތައް ވަނީ ދީ ނިމަފައެވެ. މީގެ އިތުރުން ބެލެނިވެރިން ތަމުރީން ކުރުމަށްވެސް ޚާއްސަ ޕްރޮގްރާމްތަކެއް އަންނަނީ ހިންގަމުންނެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ދަރިވަރުން ޓެބްލެޓް ބޭނުންކުރަން ފަށާއިރު ފުރަތަމަ އިސްކަންދީފައިވާނީ ވީހާވެސް ބޮޑަށް އޮފްލައިންކޮށް މަސައްކަތްކުރެވޭނެ ގޮތަށްކަމަށްށެވެ. މިގޮތުން ގޫގުލްކޮށް ކުރަންޖެހޭ މަސައްކަތްތައްވެސް އޮފްލައިންކޮށް ސޭވްކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާކަމަށެވެ. އަދި ކަނެކްޝަން ލިބުމުން އެ މަސައްކަތްތައް ސަބްމިޓްކުރެވޭނެކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޝަފީއު ވިދާޅުވީ ދަރިވަރުން ޓެބްލެޓް ބޭނުންކުރަން ފަށާއިރު ފުރަތަމަ އިސްކަންދީފައިވަނީ އިންޓަރނެޓް ނެތްނަމަވެސް އޮފްލައިންކޮށްވެސް ދަރިވަރުންނަށް އެއްވެސް ދައްޗެއް ދިމާނުވެ މަސައްކަތްކުރެވޭނެ ގޮތަށްކަމަށެވެ. އެގޮތުން ދަރިވަރުން ކިޔަވަން ބޭނުންކުރާ ޓެކްސްޓް ފޮތްތަކުގައި ހުންނަ ފިލާވަޅުތައް އަބަދުވެސް ޓެބްލެޓްއިން ފެންނަން ހުންނާނެކަމަށާއި އެފިލާވަޅުތައް ކިޔުމަށް ކޮންމެހެން އިންޓަރނެޓް ބޭނުމެއްނުވާނެކަމަށްވެސް ޝަފީއު ވިދާޅުވިއެވެ.

މިހާރުވެސް ރާއްޖޭގެ ބައެއް އަމިއްލަ ސްކޫލްތަކުގައި ދަރިވަރުންގެ އަމިއްލަ ޓެބްލެޓްތައް ބޭނުންކޮށްގެން ކިޔަވަމުންދާކަން ފާހަގަކުރައްވަމުން ޝަފީއު ވިދާޅުވީ އެ ސްކޫލްތަކުގައިވެސް ކިޔަވައިދެމުންދަނީ ވަރަށް ފަރުވާތެރިކަމާއެކު އެކި މަރުޙަލާތަކަށް ބަހާލައިގެންކަމަށެވެ.

"މަސައްކަތްތައް ރާވާފައި ހުންނާނީ އެކަމުގެ ސަބަބުން ދަރިވަރުންނަށް އެއްވެސްކަހަލަ އުނދަގޫތަކެއް ކުރިމަތިނުވާނެގޮތަކަށް. ޓެބްލެޓްތައް ބޭނުންކުރަންފަށާއިރު ފުރަތަމަ ކުރިއަށްގެންދާނެ ކަންތައްތައް އޮފްލައިންކޮށް ކުރިއަށްގެންދެވޭނެ އިންތިޒާމްތައް ވާނީ ހަމަޖައްސާފަ. ޓެކްނޮލަޖީގެ ތެރެއަށް ދަރިވަރުންނާ މުދައްރިސުން އަހުލުވެރިވުމުން ޓެބްލެޓް ތައް ގިނައިން ބޭނުން ކުރަން ފަށާނެ."އަޙްމަދު ޝަފީއު ވިދާޅުވިއެވެ.

ޓެބްލެޓްތައް ބޭނުންކުރަން ފަށާއިރު ގޫގުލް ކްލާސްރޫމް އެޕްލިކޭޝަން ބޭނުންކުރުމަށް ނިންމާފައިވާއިރު މުސްތަޤުބަލުގައި އިތުރު ސޮފްޓްވެއަރއެއް ބޭނުންވެއްޖެނަމަ އަމިއްލަ ސޮފްޓްވެއަރއެއް އުފައްދާނެކަމަށްވެސް އެޑިއުކޭޝަން މނިސްޓްރީން ވަނީ ބުނެފައެވެ.

ސްކޫލްތަކުގައި ބޭނުންކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ގެނެސްފައިވަނީ " ހުވާވޭ " ބްރޭންޑުގެ މީޑިއާ ޕެޑް ޓީ 3 ޓެބްލެޓެވެ. 8 އިންޗީގޭ އެޗްޑީ ސްކްރީނެއް ހިމެނޭ މި ޓެބްލެޓަކީ ސްކޫލްގައި އުގަންނައިދިނުމަށް އެންމެ އެކަށޭނެ ޓެބްލެޓްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.