ކުރިއަށް އޮތް ރިޔާސީ އިންޚާބުގައި ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ރަނިންމޭޓަކަށް ހަމަޖެއްސެވި ކީރިތި ޤުރްއާން ހިތުދަސް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދަށް ރާއްޖޭގެ ބައެއް ދީނީ ޢިލްމްވެރިން މަރުޙަވާ ދަންނަވައިފިއެވެ.
އެގޮތުން މަޝްހޫރު ދީނީ ޢިލްމުވެރިޔާ އައްޝައިޚް އަލީ ޒާހިރުބިން ސަޢީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޑރ.ޝަހީމަށް މަރުޙަބާ ދަންނަވާކަމަށާ، ޝަހީމަކީ ޤާބިލް ކުޅަދާނެ ބޭފުޅެއްކަމަށެވެ.
މީގެ އިތުރުން މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަޙްމަދު ސަމީރުވެސް ވަނީ ޑރ.ޝަހީމަށް ތާއިދުކުރައްވައި، މަރުޙަބާދަންނަވާފައެވެ. ޝައިޚް ސަމީރު ވިދާޅުވީ ރައީސުލް ޖުމްހޫރިއްޔާގެ ރަނިންމޭޓަކަށް ޑރ.ޝަހީމުގެ ނަން ހުށައެޅުމުން ޑރ.ޝަހީމް ސަމީރާ ބައްދަލުކުރައްވައި އެކަމާ މަޝްވަރާކުރެއްވިކަމަށާ، އެ ފުރުސަތަކީ ދީނާ ވަޠަނަށް ޚިދުމަތްކުރެއްވުމަށް ޑރ.ޝަހީމަށް ލިބިވަޑައިގެންފައިވާ ފުރުޞަތެއްކަމުން އުފުރުސަތުގެ ބޭނުން ހިއްޕެވުމަށް ލަފާދެއްވާފައިވާނެކަމަށެވެ.
އަދި އިސްލާމްދީނާއި މުސްލިމުންނަށް ޚިދުމަތްކުރުމުގެ ހެޔޮތަޢުފީޤުދެއްވާ ސާބިތުކަމާއެކު ކުރިއަށްދިޔުމަށް އެދިވަޑައިގެންނެވިއެވެ. ރާއްޖޭގެ ދީނީ ޢިލްމުވެރިން ޑރ.ޝަހީމަށް ތާޢިދުކުރަމުންދާއިރު ޕީޕީއެމްގެ ނާއިބް ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ ވަނީ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސައީދަށް ރާއްޖޭގެ ގިނަ އިލްމުވެރިންތަކެއްގެ އެންޑޯސްމަންޓް ލިބިވަޑައިގެންފައިވާކަން ފާހަގަކުރައްވާފައެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރގެ މަޤާމުގައި ހުންނެވި ޑރ.ޝަހީމަކީ ކުރިން އިސްލާމިކް މިނިސްޓަރުކަންވެސް ކުރައްވާފައިވާ ބޭފުޅެެކެވެ. ޑރ.ޝަހީމަކީ ރާއްޖޭގެ އެންމެ މަޝްހޫރު ދީނީ އިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.