ކުޅިވަރު

3 އަހަރަށްފަހު ލަބާން ކުޅުނު ފުރަތަމަ މެޗުން ގްރީނަށް ބޮޑު މޮޅެއް!


3 އަހަރަށްފަހު ގޯލްކީޕަރު ލަބާން ކުޅުނު ފުރަތަމަ މެޗުގައި ގްރީނުން ބޮޑު މޮޅެއް ހޯދައިފިއެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މިއަދު ހަވީރު ކުލަބު ގްރީން ސްޓްރީޓްސްއާއި ނިލަންދޫ ވާދަކުރި މެޗު ގްރީނުން ކާމިޔާބުކުރީ ހަޔެއް ސުމަކުންނެވެ. މެޗުގެ ފުރަތަމަ ހާފުގެ 27 މިނެޓުގައި ގްރީނުން ހަތަރު ގޯލް ޖެހިއެވެ. ހަތަރު ގޯލްގެ ތެރެއިން ދެ ގޯލް ޖައިދިނީ ބިދޭސީ ފޯވާޑް ރަސެލްއެވެ. އަނެއް ދެ ލަނޑު ޖަހައިދިނީ އަބްދުﷲ މިސްބާހެވެ.

ދެވަނަ ހާފުގެ ފަށައިގެން މެޗުގައި މޮޅަށް ކުޅުނީ ނިލަންދޫންނެވެ. އެކަމަކު އެޓީމުން ތަނަވަސްކުރި ފުރުސަތުތަކަށް ހުރަށްއެޅީ ތިން އަހަރަށްފަހު ކުޅުމުގެ ތެރެއަށް އައި އިބްރާހިމް ލަބާނެވެ. ފަހު ހާފު ނިމެން ދަނިކޮށް ގްރީނުގެ ފަސްވަނަ ލަނޑު ޖަހައިދިނީ އަލީ ނަސޫހު ރަޝީދެވެ. އަދި ފަހު ލަނޑު ޖަހައި ހެޓްރިކް ފުރިހަމަކުރީ އަބްދުﷲ މިސްބާހެވެ.

މެޗަށްފަހު ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ބުނީ ނަތީޖާއަށް ބަލާއިރު މިއީ ނިލަންދޫއަށް ލިބުނު މާޔޫސްކަމަކަށްވިޔަސް އަތޮޅުތަކުން އައި އެހެން ޓީމްތަކަށް އެމީހުން ދެއްކީ މިސާލެއްކަމަށެވެ. ބޭކާރު ކަންތައްތައް ނުކޮށް ނިލަންދޫން މެޗު ކުޅެން އުޅެ ދެވަނަ ހާފުގެ ވިއްސަކަށް މިނެޓު ގްރީން ހާސްކޮށްލިކަމަށާއި، އެކަމަށް ތައުރީފް ހައްގުކަމަށް ސުޒޭން ބުންޏެވެ.

"އަސްލު ނިލަންދޫން އެ ދެއްކީ ވަރަށް ރަނގަޅު ނަމޫނާއެއް. އެއީ އެމީހުން ފުޓްބޯޅަ ކުޅެން އެ އުޅުނީ އަތޮޅުތަކުން އައި އެހެން ޓީމްތަކާއި ޚިލާފަށް. ހަތަރެއް ސުމަކުން ފަހަތުގައި އޮތްއިރުވެސް އެމީހުން އުޅުނީ ބޭކާރުކަންތައް ނުކޮށް ބޯޅަ ކުޅެން. ފަހު ހާފުގެ ވިއްސަކަށް މިނެޓު އެމީހުން ގްރީން ހާސްކޮށްލި" ސުޒޭން ބުންޏެވެ.

ނިލަންދޫގެ މެނޭޖަރު އަބްދުލް ހަލީމް ހަމީދު ބުނީ މެޗުގައި ފެނުނީ ތަޖުރިބާގެ ތަފާތުކަމަށެވެ. ނަތިޖާގެ ފަރަގު އެހާ ބޮޑުވި މައިގަނޑު ސަބަބަކީ ނިލަންދޫގެ ޒުވާން ކުޅުންތެރިންނަށް މެޗުގެ ކުރީކޮޅު ގޯސްތަކެއް ހެދުންކަމަށައި، ކޮންމެ މެޗެއްގައި މޮޅަށް ނުކުޅެވިދާނެކަމަށްވެސް އޭނާ ބުންޏެވެ.

"އަސްލު މިއަދުގެ މެޗުގައި ނިލަންދޫ ޓީމަށް ދިމާވި މައްސަލައަކީ ތަޖުރިބާގެ މައްސަލަ. މެޗުގެ ކުރީކޮޅު ޒުވާން ކުޅުންތެރިންގެ ފަރާތުން މިސްޓޭކްތަކެއް ހެދިގެން މެޗު ގެއްލުނީ" މެނޭޖަރު ބުންޏެވެ.