ސިޔާސީ

އަލީ ޝާންގެ މައްސަލަ ނިންމާ އަންނަ މަހުގެ ހަތްވަނަދުވަހު ހުކުމްކުރަނީ





 


ރައްޔިތުން މަޖްލިހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ.އަފްރާޝިމް އަލީ އަވަހާރަކޮށްލި ކަމަށްބުނެ ދައުލަތުން ދަޢުވާކުރާ ހ.ހިކޯސްޓް އަލީ ޝާންގެ މައްސަލަ ނިންމާ އަންމަ މަހުގެ ހަތްވަނަދުވަހު ހުކުމްކުރައްވާނެކަމަށް އެ މައްސަލަ ބައްލަވާ ގާޒީ ވިދާޅުވެއްޖެއެވެ.


 
މިއަދު ބޭއްވި ޝަރީއަތުގެ މަޖްލިސް ނިންމަވާލައްވަމުން ގާޒީ ވިދާޅުވީ މި މައްސަލައިގެ ހެކިބަސް ނަންގަވާ ނިމުނީކަމަށާއި މިމަހުގެ އަށާވީސްވަނަ ދުވަހު ދެފަރާތުން  ޚުލާސާ ބަޔާން ހުށައެޅުން އޮންނާނެކަމަށެވެ. އަދި އަންނަ މަހުގެ ހަތްވަނަދުވަހު މައްސަލަ ނިންމަވާނެކަމަށްވެސް ގާޒީ ވިދާޅުވިއެވެ.ދައުލަތުން އަލީ ޝާންއާއި ދެކޮޅަށް އުފުލާފައިވަނީ ގަސްދުގައި މީހަކު މަރާލިކަމުގެ ކުށުގެ ދައުވާއެވެ. މި ދައުވާއަށް ޝާން އިންކާރުކޮށްފައިވާއިރު ދައުލަތުގެ ދައުވާއިން ދިފާއުވުމަށް އޭނާގެ ފަރާތުން ފަސް ހެއްކެތް ހުށައަޅާފައިވެއެވެ. މި ފަސްމީހުންވެސް ހެކިބަސް ދެމުން ބުނެފައިވަނީ އަފްރާޝިމް އަށް ހަމަލާދިން ރޭ ޝާން އިނީ ޖަލަޕީނޯ ރެސްޓޯރެންޓްގައި ކޮފީއެއްގައިކަމަށެވެ. އެރޭ އެނާ އެއްވެސްތާކަށް ނުދާކަމަށްވެސް މި ފަސްމީހުން ބުނެފައިވެއެވެ.


 
ދައުލަތުން ޝާންއާ ދެކޮޅަށް ހުށައަޅާފައިވަނީ އެންމެ ހެއްކެކެވެ. އޭނާގެ ހެކިބަސް ކުރިން ނަގާފައިވާއިރު ހެކިބަސް ދެމުން އެމީހާ ބުނެފައިވަނި ހ.ފުންވިލުގޭގެ ސިޑި ކައިރީގައި ތޫނު އެއްޗަކުން ހަމަލާދީ އަފްރާޝީމް އަވަހާރަކޮށްލާފައި އޮތް އިރު ލޭ ހޭކިފައި އޮތް ވަޅިއެއް ހިފައިގެން އަފްރާޝިމް ހަށިގަޑުކައިރީ ޝާން ހުއްޓާ ފެނުނުކަމަށެވެ.


 
 


ޑރ.އަފްރާޝީމްގެ މަރާ ގުޅިގެން ހ.ލޮބީ ހުސެއިން ހުމާމްގެ މައްޗަށް ދައުލަތުން ކުރި ދައުވާ ސާބިތުވެ އޭނާ މެރުމަށް މިއަހަރުގެ ކުރީކޮޅު ކުރިމިނަލް ކޯޓުން ހުކުމްކޮށްފައިވެއެވެ.