33 ވަނަ ޤައުމީ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު މާދަމާ ހަމަވާނެކަމަށް ކީރިތި ޤުރުއާނާބެހޭ މަރުކަޒުން ބުނެފިއެވެ.
އަންނަ މަހުގެ 26 ގައި ބޭއްވުމަށް ހަމަޖެހިފައިވާ 33 ވަނަ ޤައުމީ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ އަތޮޅު ކައުންސިލްތަކާއި، ސިޓީތަކަށާއި، އިސްލާމްދީނަށް ޚިދުމަތް ކުރުން އެ ފަރާތެއްގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭ ޖަމިއްޔާތަކާއި ކުންފުނިތަކުގެ އިތުރުން ކްލަބް ޖަމިއްޔާ ޖަމާއަތްތަކަށެވެ. 18 އަހަރު ފުރިފައިވާ ކޮންމެ މީހަކަށް މުބާރާތުގައި ބައިވެރިވެވޭނެކަމަށް ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުންބުނެއެވެ.
ޤައުމީ ޤުރުއާން މުބާރާތުގައި ފޮތުން ކިޔެވުމުގެ ބައިގައި ވިދިވިދިގެން 10 ފޮތާއި 20 ފޮތް އަދި މުޅި ޤުރުއާން ތަޖުވީދު ހަމަތަކުގެ މަތިން ކިޔެވުން ހިމެނޭއިރު، ހިތުން ކިޔެވުމުގެ ބައިން ވިދިވިދިގެން 5 ފޮތާއި 10 ފޮތް އަދި 20 ފޮތް ތަޖުވީދުގެ ހަމަތަކަށް ކިޔެވުން ހިމަނާފައިވެއެވެ. ކީރިތި ޤުރުއާނާބެހޭ މަރުކަޒުން ބުނީ މި މުބާރާތުގެ ދެބައިގައި ހިމެނޭ ގޮފިތަކުގެ ތެރެއިން ކޮންމެ ގޮތްޕެއްގައިވެސް ބައިވެރިވެވޭނީ ގިނަވެގެން 2 ކެންޑިޑޭޓަށް ކަމަށާއި ކޮންމެ ކެންޑިޑޭޓަކަށްވެސް ބައިވެރިވެވޭނީ ކޮންމެވެސް އެއް ގޮތްޕެއްގައި ކަމަށެވެ.
ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ރައީސް އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ ވިދާޅުވީ، އެހެން އަހަރުތަކެކޭ އެއްގޮތަށް މިފަހަރުގެ މުބާރާތުގައިވެސް އިންސާފުކުރާނީ 6 ފަނޑިޔާރުންގެ ޕެނަލަކުންކަމަށެވެ. އަދި މިފަދަ ފުރުޞަތުތައް ރާއްޖޭގެ ޢިލްމްވެރިންނަށް ދެނީ ރާއްޖޭގައި މިފަދަ މުބާރާތްތަކަށް ޤާބިލް ފަނޑިޔާރުން އުފެއްދުމުމަށްކަން އޭނާ ފާހަގަކުރެއްވިއެވެ.
މިއަހަރުގެ މުބާރާތުގައި ވަނަވަނައަށްދާ ފަރާތްތަކަށް ކީރިތި ޤުރުއާނާބެހޭ މަރުކަޒުން ދޭ އިނަމާއި ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިނާމުގެ އިތުރުން ފައިސާގެ އިނާމް ހުށަހަޅާފައިވެއެވެ. މީގެ އިތުރުން މިއަހަރުގެ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބާއްވާ ޖަލްސާގައި މިދިޔަ އަހަރުގެ އޮގަސްޓް މަހުންފެށިގެން ކީރިތި ޤުރުއާން ހިދުތަސްކުރި މީހުންނަށް ޝަރަފުގެ ފިލާ ދިނުމަށް ހަމަޖެހިފައިވެއެވެ.
މިފަހަރުގެ މުބާރާތުން ވަނަ ހާސިލުކުރާ ފަރާތްތަކަށް ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ލިބޭނެކަމަށް ޤުރުއާނާބެހޭ މަރުކަޒުން މަޢުލޫމާތުދެއެވެ. ޤުރުޢާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ ކީރިތި ޤުރުއާންގެ އިލްމު ރާއްޖޭގައި ފަތުރާ ކީރިތި ޤުރުއާން ކިޔެވުމަށް ބާރުއެޅުމުގެ މަޤްޞަދުގައި ބާއްވާ މުބާރާތެކެވެ. މިދިޔަ އަހަރު ބޭއްވި 32 ވަނަ ޤައުމީ ޤުރުއާން މުބާރާތުގައި 255 މީހުން ބައިވެރިވިއެވެ.