އައްޑޫ ސިޓީއަކީ އަމާން ވެއްޓެއް ޤާއިމް ކުރެވިފައިވާ ތަނަކަށް ހެދުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން އައްޑޫ ކައުންސިލާއި ސައުތު ޕޮލިސް ޑިވިޝަންގެ އައު ކޮމާންޑަރު މަޝްވަރާކޮށްފިއެވެ.
މި ބައްދަލުވުމަކީ ސައުތު ޕޮލިސް ޑިވިޝަންގެ އައު ކޮމާންޑަރަކަށް ސްޕްރިޓެންޑަންޓް އޮފް ޕޮލިސް އަޙުމަދު އަޒުހާން ހަމަޖެއްސުމާއިއެކު އައްޑޫ ސިޓީ ކައުންސިލާއިއެކު ބޭއްވި ފުރަތަމަ ބައްދަލުވުމެވެ.
އައްޑޫ ސިޓީ ކައުންސިލްގައި މިއަދު ބޭއްވި މި ބައްދަލުވުމުގައި އަޒްހާން ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކަންކަން ކުރިއަށްދާ މި ދަނޑިވަޅުގައި އައްޑޫ ސިޓީގައި ފުލުހުންގެ ޙަރަކާތްތައް އިތުރުކުރާނެ ކަމަށެވެ. އެގޮތުން މިހާރުވެސް އައްޑޫ ސިޓީގައި ސްޕެޝަލް އޮޕެރޭޝަންސް ޓީމެއް ހަރަކާތްތެރިވަމުންދާ ކަމަށް އަޒްހާން ވިދާޅުވިއެވެ.
އަޒްހާން ވިދާޅުވީ މި ދުވަސްވަރަކީ އައްޑޫ ސިޓީގައި ކުށްކުރުން ގިނަ ދުވަސްވަރެއް ކަމަށާއި އެހެންކަމުން އެކަންކަން ހުއްޓުވުމަށްވެސް އައްޑޫ ސިޓީގައި ފުލުހުން ޚާއްސަ އޮޕަރޭޝަންސްތަކެއް ކުރިއަށް ގެންދާނެ ކަމަށެވެ.
އައްޑޫސިޓީ ކައުންސިލްގެ އިދާރާގައި ބޭއްވުނު ބައްދަލުވުމުގައި ސްޕްރިޓެންޑަންޓް އަޙުމަދު އަޒުހާން ވިދާޅުވީ ކައުންސިލާއި ޕޮލިހާ ދެމެދު އަބަދުވެސް ގާތް ގުޅުމެއް އޮންނަ ކަމަށާއި އަދި އެބޭފުޅާގެ ދައުރުގައި މިގުޅުން އިތުރަށް ވަރުގަދަ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. ސްޕްރިޓެންޑަންޓް އަޙުމަދު އަޒުހާން މިމަޤާމަށް އައްޔަން ކުރެވުނީ ކުރިން ސައުތް ޑިވިޝަން ކޮމާންޑަރުގެ މަޤާމު ފުރުއްވަމުން ގެންދެވި އަޙްމަދު ސާމީގެ ދައުރު ހަމަވުމާ ގުޅިގެންނެވެ.