ޚަބަރު

އިޤްތިޞާދު ރަނގަޅުވީ ސުލްޙަވެރިކަން ޤާއިމުވުމުން - މިނިސްޓަރ ޠާރިޤް


މީގެކުރިން ރާއްޖެއަށް ފޮރިން އިންވެސްޓަރުން އައިސްފައިނުވީ ރާއްޖޭގެ ސުލްޙަމަސަލަސްކަން ނަގާލައި ޤައުމުގައި ބިރުވެރިކަން އުފައްދަން އޭރުގެ ސަރުކާރުން މަސައްކަތް ކުރުމުންކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ގދ.ފަރެސްމާތޮޑާ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވީ މިސަރުކާރު އައިފަހުން ރާއްޖޭގެ ފޮރިންރިޒާވް 780 މިލިޔަން ޑޮލަރަށް އިތުރުވެފައިވަނީ ރާއްޖޭގައި ސުލްޙަ މަސަލަސްކަން އޮތުމުގެ ސަބަބުންކަމަށާއި މިކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދު އެތައް ގުނައަކަށް ކުރިއަރައިގެން ގޮސްފައިވާކަމަށެވެ.

ދުނިޔޭގެ އެންމެ މަޝްހޫރު މަންޒިލުގެގޮތުގައި މިއަދު ރާއްޖެ ހިމެނިފައިވާއިރު، ރައީސް ޔާމީންގެ ޒަޢާމަތުގައި ދުނިޔޭގެ ނަންމަޝްހޫރު ކުންފުނިތަކާއި ބޮޑެތި ކުންފުނިތައް ރާއްޖެއަށްއައިސް އިންވެސްޓްކޮށްފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި އެފަދަ އިންވެސްޓަރުން އަދިވެސް އަންނަން ބޭނުންވެފައި އެބަތިބިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިސަރުކާރުން ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށްޓަކައި ގިނަ މަސައްކަތްތަކެއްކޮށް ކާމިޔާބު ހޯދާފައިވީނަމަވެސް މި ކުރިއެރުން ކުރިން ރާއްޖެއަށް އައިސްފައިނުވީ އޭރު އޮތް ސަރުކާރުގެ ސަބަބުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އިދިކޮޅުފަރާތްތަކަށް ފާޑުވިދާޅުވެ ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން މަސައްކަތްކޮށްފައި އޮތީ ރާއްޖޭގައި ސުލްޙަ މަސަލަސްކަން ނަގާލައި ޤައުމު ހަލަބޮލިކޮށް ބިރުވެރިކަމަކަށް ވައްޓަލުމަށްކަމަށެވެ. އަދި އެކަމުގެ ނަތީޖާއަކަށްވީ ރާއްޖެއަށް ފޮރިން އިންވެސްޓަރުންއައުން މަދުވުންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ރިޔާސީ އިންތިޚާބަށް ކެމްޕެއިންކުރައްވަމުންދާ އިދިކޮޅު ރިޔާސީ ކެނޑިޑޭޓް މިހާރު ދައްކަވަމުންދާ ބައެއް ވާހަކަތަކަށްވެސް މިނިސްޓަރ ވަނީ ރައްދުދެއްވާފައެވެ. އެގޮތުން ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމަށް ދެގުނައަށް މަސައްކަތް ކުރައްވާނެކަމަށް އިދިކޮޅު ކެނޑިޑޭޓު ވިދާޅުވެފައިވާއިރު، އިދިކޮޅުފަރާތްތަކުން މިހާތަނަށްކުރި މަސައްކަތަކީ ޤައުމު ބަދުނާމްކޮށް ފަތުރުވެރިން ރާއްޖެ ނައުމަށް ގޮވާލުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ޠާރިޤް ވިދާޅުވީ އޭރުވެސް އަދި މިހާރުވެސް އެމްޑީޕީގައި އޮތީ އެއް ފިކުރެއްކަމަށާއި އެބޭފުޅުންގެ މަސައްކަތަކީ ޤައުމު ތަރައްޤީ ކުރުމުގެ ބަދަލުގައި ޤައުމުގެ ސުލްޙަމަސަލަސްކަން ގެއްލުވާލުންކަމަށެވެ.