ޚަބަރު

ރާއްޖޭގެ އެންމެ ބޮޑު ވޮކޭޝަނަލް ޓްރެއިނިން ސެންޓަރު ބ.ކިހާދޫގައި


މަސައްކަތުގެ މާޙާއުލުގައި ޓެކްނިކަލް މަސައްކަތްތައް ދަސްކޮށްދިނުމަށްޓަކައި ޤާއިމްކުރި ރާއްޖޭގެ އެންމެ ބޮޑު ވޮކޭޝަނަލް ޓްރެއިނިން ސެންޓަރު ބ.ކިހާދޫގައި ހުޅުވައިފިއެވެ. ކޯސްޓްލައިން ފައުންޑޭޝަނުން ޤާއިމްކުރި ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރ (ޓިވެކް) ހުޅުވައިދެއްވީ މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.ޢާއިޝަތު ޝިހާމެވެ.

ބ. ކިހާދޫގައި (23500) ތޭވީސް ހާސް އަކަފޫޓްއަށްވުރެ ބޮޑު ބިމުގައި ޤާއިމްކޮށްފައިވާ ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރަކީ ކޯސްޓަލް ފައުންޑޭޝަނުން ޤާތްގަޑަކަށް 4 މިލިޔަން ޑޮލަރު ޚަރަދުކޮށްގެން ޤާއިމްކޮށްފައިވާ ސެންޓަރެކެވެ. މި ސެންޓަރުން ފުރަތަމަ ހިންގަން ހަމަޖެހިފައިވަނީ ތިންކޯހެކެވެ. އެއީ ޑީސަލް އަދި ޕެޓްރޯލް އިންޖީން މަރާމާތުކޮށް ބެލެހެއްޓުމާއި އިލެކްޓްރީޝަން އަދި އެއާ ކޮންޑިޝަންއާއި ރެފްރިޖަރޭޓަ މަރާމާތު ކުރުމުގެ ކޯސްތަކެވެ. މި ކޯސްތަކަށް ކިޔަވައިދިނުން މިދަޔަ މަހުގައި ފަށާފައިވާއިރު 12 އަތޮޅެއްގެ 31 ރަށަކުން 50 ދަރިވަރުން މިހާރު ދަނީ އެ ސެންޓަރުގައި ހިލޭ ކިޔަވަމުންނެވެ.

ނަމަވެސް ކޯސްޓްލައިން ފައުންޑޭޝަންގެ އަމާޒަކީ 200 ދަރިވަރުންނަށް އެއްފަހަރާ ކިޔެވޭނެ ފުރުސަތު ފަހިކޮށްދިނުމެވެ. ސެންޓަރުގައި މިހާރު ސެޓްފިކެޓްލެވެލްގެ ކޯސްތައް ފެށިކަމުގައި ވީނަމަވެސް މުސްތަޤްބަލުގައި އެޑްވާންސް ސެޓްފިކެޓް ލެވެލްގެ ކޯސްތައް ފެށުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ޓިވެކްއިން ބުނެއެވެ.

ޓިވެކް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޝިހާމް ވަނީ ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް މި ސެންޓަރުން ޒުވާނުންނަށް އިތުރު އުއްމީދުތަކެއް ލިބިގެންދާނެކަން ފާހަގަކުރައްވާފައެވެ. މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ދާއިރާއާގުޅިފައިވާ އެހެނިހެން ދާއިރާތައް ދެމެހެއްޓެނެވި ގޮތެއްގައި ކުރިއެރުވުމަށް އެންމެ މުހިއްމު ކަމަކީ އިންސާނީ ވަސީލަތްތައް ބިނާކުރުން ކަމަށާއި ކޯސްޓްލައިންގެ އަގުބޮޑު ހަދިޔާއަކީ އެކަމަށް އެޅިގެންދާ މުހިއްމު ބިންގަލެއްކަމަށެވެ. ކިހާދޫ ހިމެނެނީ މަތީ ފެންވަރުގެ ރިސޯޓްތައް ހިންގަމުން އަންނަ ސަރަހައްދެއްގައި ކަމަށްވުމުން ޓިވެކްގެ ސަބަބުން ގިނަ ވަޒީފާތަކަށް ޒުވާނުން ތަމްރީނުކޮށް މި ސަރަޙައްދު އިތުރައް ތަރައްޤީ ވެގެންދާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"ރާއްޖެ ފަދަ ގުދުރަތީ ވަސީލަތްތައް މަދު ކުޑަކުޑަ ގައުމަކަށް ހުނަރުވެރި އުފެއްދުންތެރި ރައްޔިތެއްގެ ބޭނުންތެރިކަން އަދި މާބޮޑު. ތަރައްގީ އަށް ބޭނުންވާ ހަކަތަ އުފައްދައިދޭނީ އެ ގައުމެއްގެ ރައްޔިތުންގެ ކެރުމާއި ހުނަރުން"

ޑރ.ޢާއިޝަތު ޝިހާމް ވިދާޅުވިއެވެ.

މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ޓިވެކްގެ އެގްޒެކެޓިވް ޑިރެކްޓަރ މުޙައްމަދު ނަޒީފް ވިދާޅުވީ މި ސެންޓަރު އަމާޒުކޮށްފައިވަނީ ރަސްމީ ތަޢުލީމް ނުނިންމައި ނުވަތަ ސެޓްފިކެޓެއް ނެތް ޒުވާނުންނަށްކަމަށެވެ. ނަޒީފް ވިދާޅުވީ މިވަގުތު އެ ސެންޓަރުގައި ކިޔަވައިދިނުމަށް ރާއްޖެއިން ބޭރުން ޓީޗަރުން ގެނައިނަމަވެސް އަމާޒަކީ އެ ސެންޓަރުން ތަޢުލީމް ހާސިލްކުރާ ދަރިވަރުން މުސްތަޤްބަލުގައި އެހެން ކުދިން ތަމްރީން ކޮށްދޭނެ ބަޔަކަށް ހެދުންކަމަށެވެ.

"މިކޯސްތައް އަމާޒުކުރަނީ ސްކޫލް ނުނިންމައި ތިބި ކުދިންނާއި ވަޒީފާގަ އުޅޭ އެހެންނަމަވެސް ސެޓްފިކެޓްއެއް ނެތް މީހުން އަދި ތަޖްރިބާއާއި ތަމްރީން ނެތް ފަރާތްތަކަށް. މިވަގުތު ތިން ކޯހެއް ކުރިއަށްގެންދާތީ ރާއްޖެއިން ބޭރުން ކޮންމެ ކޯހަކަށް 2 ޓީޗަރުން ގެނެސްފައިވާނީ"

ނަޒީފް ވިދާޅުވިއެވެ.

ޓިވެކްގެ ކޮންސަލްޓެންޓް މޫސާ ޝަފީއު ވިދާޅުވީ މި ސެންޓަރު އުފެއްދީ މިފަދަ މަސައްކަތްތަކަށް ރާއްޖެއިން ބޭރުން މީހުން ގެނައުމަށްވުރެ ރާއްޖޭގެ ޒުވާނުންނަށް ވަޒީފާ ފަހިކޮށްދީ ހުނަރުވެރިބަޔަކަށް އެމީހުން ހެދުމަށްކަމަށެވެ. އަދި ގިނަ ފަހަރު ރާއްޖެއިން ބޭރުން ތަޖްރިބާނެތް މީހުން ގެންނައިރު ރާއްޖޭގައި ތިބި މިކަމަށް ޤާބިލް ފަރާތްތަކަށް އެފުރުޞަތު ހޯދައިދިނުމަށްކަމަށެވެ.

" ޓެކްނިކަލް މަސައްކަތްތައް ކުރުމަށް ދިވެހިންނަށް ތަޖުރިބާ ލިބިފައި ނެތުމުން ގިނަ ޢަދަދެއްގެ ބޭރުމީހުން ގެނެސް ރާއްޖެއިން ބޭރަށް އެތައް ފައިސާތަކެއް ބޭރު އެބަކުރެވޭ. ގިނަ ފަހަރު ބޭރުންގެންނަ ފަރާތްތަކަކީވެސް މިކަމުގެ ހުނަރު ލިބިފައި ނެތް މީހުން. އެހެންކަމުން މީގެ ބަދަލުގައި ދިވެހިން ތަމްރީންކޮށް ދިވެހިންނަށް މިފުރުޞަތު ދޭންޖެހޭ."

ޝަފީއު ވިދާޅުވިއެވެ.

މި ސެންޓާރުގައި ކިޔަވަމުންދާ ދަރިވަރުންވަނީ އެކުދިންގެ ކިޔެވުމާ ސެންޓާރުން ލިބެންހުންނަ ޚިދުމަތްކާ ގުޅެގޮތުން ޕީއެސްއެމްއަށް އެކުދިންގެ ޝުއޫރުތައް ހިއްސާކޮށްފައެވެ.

ދަރިވަރުން ހިލޭ ތިބުމަށް ސެންޓަރުގައި ދަނާލެއް އަޅާފައިވާއިރު ކެއުންވެސް ހަމަޖައްސައިދޭނީ އެ ސެންޓަރުންނެވެ. މީގެ އިތުރުން އެ ސެންޓާރުގައި 6 ކްލަސްރޫމްއާއި ކޮމްޕިއުޓަރ ލެބާއި ލައިބްރަރީގެ އިތުރުން ޕްރެކްޓިކަލް ބައި ހިންގާނެ ސަރަޙައްދަކާ ރެކްރިއޭޝަނަލް ސަރަޙައްދެއްވެސް ވަނީ ޤާއިމްކޮށްފައެވެ.