އައްޑޫ ސިޓީ ހިތަދޫގެ 11 މަގެއް ތާރު އަޅައިގެން ޒަމާނީ ފެންވަރަކަށް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފިއެވެ.
ޕީއެސްއެމް ނިއުސްގެ "މެނިފެސްޓޯ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ހައުސިންގ މިނިސްޓްރީން އައްޑޫ ސިޓީއަށް ކަނޑައަޅާފައި ހުންނެވި އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަބްދުﷲ ޒިޔާދު ވިދާޅުވީ އައްޑޫ ސިޓީގައި ހައުސިން މިނިސްޓްރީން ވަރަށް ގިނަ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ކުރީގެ ސަރުކާރުތަކުން ކޮށްފައިވާ ކަންތައްތަކުން ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ޙައްލު ކޮށްދިނުމަށްވެސް މި ސަރުކާރުން ގިނަ މަސައްކަތްތަކެއްކޮށް ބަދަލު ދޭންޖެހޭ ކަންކަމުގައި ރައްޔިތުންނަށް ބަދަލުވެސް ދެމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
"މިހާރު އަޅުގަނޑުމެން 11 މަގެއްގެ މަސައްކަތް އެބަ ކުރަން. އެއީ ހިތަދޫގެ ހުރަސް މަގުތަކެއްގައި ތާރު އެޅުމުގެ ޕްރޮގްރާމެއް ޖެއްސުމުގެ ގޮތުން މިހާރު އެ މަސައްކަތްތައް އެބަ ކުރިއަށްދޭ. އަދި ހަމަ މިގޮތުން ހުޅުމީދޫގައިވެސް ވަރަށް ބޮޑު މަގެއް ހެދުމުގެ މަސައްކަތް ކުރިއަށް އެބަދޭ. އެއީ މާލޭގެ މަޖީދީ މަގު ކަހަލަ ދިގު މަގެއް ތަރައްޤީ ކުރަމުން މިދަނީ. އިރާދަކުރެއްވިއްޔާ އެ މަސައްކަތް ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭތޯ ބަލާނަން،" ޒިޔާދު ވިދާޅުވިއެވެ.
ޒިޔާދު ވިދާޅުވީ ހުޅުމީދޫގައި ދުވަސްތަކެއް ވަންދެން އަލިނުކޮށް ހުރި މަގުތައް އަލި ކުރުމުގެ މަސައްކަތްވެސް ހައުސިން މިނިސްޓްރީން ކުރަމުން އަންނަކަމަށާއި، ތަރައްޤީގެ ބިޔަ ބޮޑެތި މަޝްރޫޢުތަކެއް ހަމައެކަނި އައްޑޫ ސިޓީގައިވެސް ސަރުކާރުން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އައްޑޫ ސިޓީ ހިތަދޫގެ 11 މަގެއް ތާރު އަޅުމަށް ތައްޔާރީތައްވަމުންދާއިރު މިހާރު ހައުސިންގް މިނިސްޓްރީން ކުރަމުންދާ ކަންތައްތަކުގެ ތެރެއިން ތާރު އަޅާ މަގުތައް ލެވެލްކުރުމާއި ޖަންކްޝަން ބަހައްޓާނެ ސަރަހައްދުތައް ކޮނެ ބެހެއްޓުމުގެ މަސައްކަތްކުރަމުން އެބަދެއެވެ.
އައްޑޫ ސިޓީ ހިތަދޫ 11 މަގެއް ތަރައްޤީ ކުރަމުން އަންނައިރު ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ރަށްތަކުގައި ތާރު އަޅައިގެން ޒަމާނީ ފެންވަރަކަށް ތަރައްޤީ ކުރަމުންނެވެ.