ޒުވާނުންގެ ހިތްތަކުގައި އިސްލާމީ އަޤީދާ ވަރުގަދަކޮށް ދީނީ ވަޙްދަތު ޙިމާޔާތް ކުރުމާއި ޤައުމީރޫޙާއި ޘަޤާފަތް އާލާކުރުމަށްޓަކައި ބާއްވާ "ޒުވާނުންގެ ފޯރަމް" މާދަމާ ފަށާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އެމިނިސްޓްރީން އިންތިޒާމުކޮށްގެން މާދަމާ ހެނދުނު ނެޝަނަލް އާރޓްގެލަރީގައި ބާއްވާ މި ފޯރަމަކީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުލްﷲ ޔާމީން ޢަބަދުލްޤައްޔޫމް ފައްޓަވާފައިވާ "ތަރިކަ" މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ ފޯރަމެކެވެ. އެއް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ މި ފޯރަމްގައި ކޮލްޖު، ޔުނިވަރސިޓީތަކާއި ދަޢުލަތުގެ ކުންފުނިތަކާއި މުއައްސަސާތަކުން 500 އެއްހައި މީހުން ބައިވެރިވާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒިޔާދު ވިދާޅުވީ ޤައުމު އިސްލާޙުކޮށް ހަމަމަގަށް އެޅުވުމާއި ސުލްޙަ މަސަލަސްކަން ޤާއިމްކުރުމާއި އިޖްތިމާޢީ ފޭރާން ރަނގަޅު ކުރުމަށްޓަކައި ޒުވާނުންގެ ދަޢުރު ފުޅާކުރުމަށްޓަކައި ރައީސް ޔާމީން ވަރަށް ގިނަ މަސައްކަތްތަކެއް ފައްޓަވާފައިވާކަމަށެވެ. މިމަސައްކަތުގެ ދަށުން އެ މިނިސްޓްރީންވެސް ޒުވާނުންނަށް ޚާއްސަކޮށްގެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވާކަމަށާއި މިފޯރަމްގެ ސަބަބުންވެސް ޒުވާނުންގެ ހިތްތަކުގައި ޤައުމީލޯބި އާލަވެގެން ދާނެކަމަށް އުއްމީދު ކުރައްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"ޒުވާނުންގެ ފޯރަމް"ގައި ޤައުމިއްޔަތާއި ދިވެހި ޘަޤާފަތާއި އާދަކާދައާއި ދިވެހިންގެ އިސްލާމީ ވަޙްދަތު ދެމެހެއްޓުމަށްޓަކައި ކުރަމުންދާ މަސައްކަތްތައް ބައިވެރިންނަށް ކިޔާދިނުމަށް ހަމަޖެހިފައިވެއެވެ. އަދި ޒުވާނުންނަށްދިމާވާ ތަފާތު މައްސަލަތަކުން ހައްލު ހޯދާނެ ގޮތްތަކާއި ޤައުމު ބިނާ ކުރުމަށް ލީޑަރުންގެ ހައިސިއްޔަތުން ކުރެވޭނެ ކަންކަން ކިޔާދޭނެކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.