ޚަބަރު

ބޮޑެތި ވެހިކަަލްތައް ދުއްވަން އުނދަގުވާތި ހިތަދޫ ވަށްބުރު ނަގައިފި


ބޮޑެތި ވެހިކަަލްތައް ދުއްވަން އުނދަގޫވުމުގެ ސަބަބުން އައްޑޫ ސިޓީ ހިތަދޫ ބޮޑު މަގު ނިމޭ ހިސާބުގައި އޮންނަ ވަށްބުރު ސިޓީގެ ހައުސިންގ މިނިސްޓްރީން ނަގައިފިއެވެ. މި ވަށްބުރު ނެގުމުގެ މަސައްކަތް ހައުސިންގ މިނިސްޓްރީން ފަށާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

އައްޑޫ ސިޓީގައި ހުންނަވާ ހައުސިންގ މިނިސްޓްރީގެ އެގްޒެކްޓިވް ކޯރޑިނޭޓަރ ޢަބްދުﷲ ޒުޙައިރު ޕީއެސްއެމް ނިއުސްއަށް މިއަދު ވިދާޅުވީ ވަށްބަރު ނަގަންޖެހުނީ ބޮޑެތި ވެހިކަލްތައް ވަށްބުރު ކައިރިން ގޯޅި އެޅުމުގައި އުނދަގޫތަކެއް ކުރިމަތިލާންެޖެހޭތީ ކަމަށެވެ. އަދި ބައެއް ފަހަރު އެ ވަށްބުރު ހުރުމުން ނުބައި ފަޅިން ވެހިކަލްތައް ދަތުރުކުރާތީ ލިބިދާނެ ނުރައްކަލަކުން ޢާންމުން ސަލާމަތް ކުރުމަކީވެސް އެ ވަށްބުރު ނެގުމުގެ ބޭނުމެއް ކަމަށް ޒުޙައިރު ވިދާޅުވިއެވެ.

ޒުޙައިރު ވިދާޅުވީ ހިތަދޫ ބޮޑު މަގަކީ ބަސް ދަތުރުވެސް ޢާންމުކޮށް ކޮށް އުޅޭ މަގު ކަމަށާއި ބަސްފަދަ ބޮޑެތި ވެހިކަލްތައް ދަތުރު ކުރުމުގައި ދަތިތަކެއް ކުރިމަތިލާންޖެހޭ ކަމުގެ ޝަކުވާ ބައެއް ޑްރައިވަރުންނާއި ޢާންމުންވެސް ކުރަމުންދާ ކަމަށެވެ.

ޒުހައިރު ވިދާޅުވީ ކުރިންވެސް ބައެއް ޢާންމުންގެ ޝަކުވާ އެ ވަށްބުރާއި ގުޅިގެން ކުރާ ކަމަށެވެ. ނަމަވެސް އެކަމަށް ދާއިމީ ޙައްލެއް ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. ޒުޙައިރު ވިދާޅުވީ ވަށްބުރު ނެގުމުން ވެހިކަލްތައް ދުއްވުމުގައި ކުރިން ކުރިމަތިވި ދަތިތަކަށް ޙައްލު ލިބިގެންދާނެ ކަމަށެވެ.

ޒުހައިރު ވިދާޅުވީ އެތަނުން ވަށްބުރު ނެގިނަމަވެސް ސަރުކާރުން އެތަނުގައި ވަށްބުރެއް ހަދާނެ ކަމަށެވެ. ނަމަވެސް އެ ވަށްބުރު ހުންނާނީ ކުރިން ހުރި ވަށްބުރަށްވުރެ ކުޑަކޮށް ޢާންމުންނަށް އުނދަގޫ ނުވާނެ ގޮތަކަށް ކަމަށް ޒުޙައިރު ވިދާޅުވިއެވެ.