ދ.އަތޮޅު ތަޢުލީމީ މަރުކަޒުގައި އަލަށް އިމާރާތްކޮށްފައިވާ 3 ބުރީގެ 9 ކްލާސްރޫމް ހިމެނޭ އިމާރާތުގައި ނުނިމި ހުރި މަސައްކަތްތައް ކުރުމަށް ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
މި މަސައްކަތް ހަވާލުކޮށްފައިވަނި ބްރައުނީ ބްރަދާރސް ޕްރައިވެޓް ލިމިޓެޑާއެވެ. 365 ދުވަހުގެ ތެރޭގައި މި މަސައްކަތް ނިންމުމަށް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ ފަސް މިލިއަން އަށް ލައްކަ ރުފިޔާއަށެވެ.
މި މަސައްކަތް ބްރައުނީ ބްރަދާރސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރުމުގެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކްޓިވް އިބްރާޙިމް އިސްމާއިލް ޢަލީއެވެ. އަދި ބްރައުނީ ބްރަދާރސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއިކޮށްފައިވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޢަލީ ރަޝީދް އިބްރާޙިމްއެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކްޓިވް އިބްރާޙިމް އިސްމާއިލް ޢަލީ ވިދާޅުވީ މި މަސައްކަތަކީ ސްކޫލްތަކުގައި ހުރި ޖާގައިގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ވަރަށް މުހިއްމު މަސައްކަތެއްކަމަށެވެ. އަދި 3 ބްރީގެ 9 ކްލާސް ރޫމް ހިމެނޭގޮތަށް ހަދާފައިވާ މި އިމާރާތުގެ މަސައްކަތް ނިމުމުން އެ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ލިބިގެންދާނެކަމަށެވެ.
ބްރައުނީ ބްރަދާރސް ޕްރައިވެޓް ލިމިޑެޓްގެ މެނޭޖިން ޑިރެކްޓަރ ޢަލީ ރަޝީދް އިބްރާޙިމް ވިދާޅުވީ އަމާޒަކީ އެގްރީމަންޓްގައި ވާގޮތަށް ރަނގަޅު ފެންވަރެއްގައި ކަނޑައެޅިފައިވާ މުއްދަތުގެ ކުރިން މަސައްކަތް ނިންމާ ސަރުކާރާ ހަވާލުކުރުންކަމަށެވެ.
ދ. އަތޮޅު ސްކޫލުގައި މިހާރުވެސް 28 ކްލާސްރޫމާއި، ލައިބްރަރީއަކާއި ކޮމްޕިއުޓަރ ލެބަކާއި ސައިންސް ލެބެއް ހުރެއެވެ. އަދި ހޯލަކާއި، އޭވީ ރޫމެއްގެ އިތުރުން އޮފީސް ބަޔަކާއި، ސްޓާފްރޫމެއްވެސް ހުރެއެވެ. އަދި ދަރިވަރުންނާއި މުވައްޒަފުންނަށް ޚާއްސަކޮށްގެން 20 ފާޚާނާވެސް ހުރެއެވެ. ދ. އަތޮޅު ތަޢުލީމީ މަރުކަޒުގައި 787 ދަރިވަރުން ތަޢުލީމް ހާސިލްކުރަމުންދެއެވެ.