ޚަބަރު

ސާފު ސުޒުކީ ތައްޓަށް އައްޑޫ ސިޓީން ހޫނު މަރުޙަބާއެއް


ޤައުމީ ޓީމުގެ އައްޑޫ ސިޓީއަށް ނިޞްބަތްވާ ދެ ކުޅުންތެރިން ސާފް ސުޒުކީ ތަށި ހިފައިގެން ދިއުމުން އެސިޓީން ވަރަށް ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.

ސާފު ސުޒުކީ (ސާފް ޗެމްޕިއަން ޝިޕް 2018) ތަށި ހިފައިގެން އައްޑޫސިޓީގެ މަޝްހޫރު ފުޓްބޯޅަ ދެ ކުޅުންތެރިންކަމަށްވާ މުޙައްމަދު އާރިފު (ބަކާ) އާއި އިބްރާހިމް މަހުދީ ޙުސައިން (ކުދު އިއްބެ) އައުމުން ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ އިންޓަނޭޝަނަލް ޓާމިނަލުގައި އައްޑޫ ސިޓީގެ ގިނަ އަދަދެއްގެ ރައްޔިތުންނާއި އެދެ ކުޅުންތެރިންގެ އާއިލާ މެމްބަރުންގެ ފަރާތުން ހޫނު މަރުޙާބާއެއް ކިއެވެ. މަރުޙަބާ ކިއުމަށް ބޭއްވި ޙަފުލާގައި އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރ ޔަސްރިފް މުޙައްމަދާއި ކައުންސިލް އިދާރާގެ އިސްވެރިންވެސް ބައިވެރިވިއެވެ.

ޕީއެސްއެމްއާ ވާހަކަ ދައްކަމުން މި ދެ ކުޅުންތެރިން ބުނެފައިވަނީ، އައްޑޫސިޓީން މިފަދަ ހޫނު މަރުޙަބާއެއް ކިއުމުން އައްޑޫ ސިޓީގެ ހުރިހާ ރައްޔިތުންނަށްވެސް ވަރަށް ބޮޑަށް ޝުކުރުވެރިވާކަމަށެވެ.

"ތަށި ކާމިޔާބު ކުރެވުނީ ޓީމްގެ ހުރިހާ ކުޅުންތެރިންގެ ސަބަބުން. އައްޑޫގެ ރައްޔިތުންގެ ފަރާތުން މިފަދަ ހޫނު މަރުޙަބާއެއް ކިއުނީމަ ވަރަށް އުފާވޭ އަދި ހުރިހާ ފަރާތްތަކައްވެސް ހިތުގެ ފުންމިނުން ޝުކުރު އަދާ ކުރަން". ބަކާ ބުންޏެވެ.

"ވަރަށް އުފާވޭ އަސްލު. އުއްމީދުކުރަން ތަށި ދައްކާލުމަށް ހަވީރު އޮތް އިވެންޓަށްވެސް ވީހާވެސް ގިނަ އަދަދެއްގެ ރައްޔިތުން އައްނާނެ ކަަަމަށް." އިއްބެ ބުންޏެވެ.

އައްޑޫ ސިޓީގެ ވިހާވެސް ގިނަ ރައްޔިތުންނަށް މި ދެކުޅުންތެރިންނާއި ބައްދަލުކުރުމަށާއި ތައްޓާއެކު ފޮޓޯ ނެގުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން އާންމުކޮށް ހުޅުވާލައިގެން ތައްޓާއިއެކު ފޮޓޯ ނެގުން މިއަދު ހަވީރު ފޭދޫ ސްކޫލުގައި އަދި މާދަމާ ހަވީރު ހިތަދޫ ސްކޫލުގައި ޙަރަކާތްތަކެއް ވަނީ އިންތިޒާމުކޮށްފައެވެ.

ސާފު ސުޒުކީ ތަށި މިފަހަރު ކާމިޔާބު ކުރުމުގައި އިއްބެ އަދި ބަކާގެ ދައުރު ބޮޑެވެ. އެގޮތުން، ފައިނަލް މެޗުގައި ރާއްޖެ އިންޑިއާގެ މައްޗަށް ލީޑު ނަގައި ޓީމަށް ހިތްވަރު ގެނެސްދިނީ އިއްބެއެވެ.
ދިވެހި ޤައުމީ ޓީމުން ސާފް ސުޒުކީ ކަޕް 2018 ކާމިޔާބު ކުރީ ފައިނަލް މެޗުގައި ޞަރަޙައްދީ ފުޓްބޯޅައިގެ ބާރުކަމަށްވާ އިންޑިއާ ބަލިކޮށްގެންނެވެ. މިއީ ރާއްޖެ މިމުބާރާތް ކާމިޔާބު ކުރި ދެވަނަ ފަހަރެވެ.