ޓުއަރިޒަމް

ގއ. އަތޮޅުގައި ތަރައްޤީކުރާ ރެފްލްސް މޯލްޑިވްސް މެރަދޫ ރިސޯޓު މިއަހަރު ފަހުކޮޅު ހުޅުވަނީ


ރެފްލްސް ހޮޓެލްސް އެންޑް ރިސޯޓްސް އިން ރާއްޖޭގައި ހުޅުވާ ފުރަތަމަ ރިސޯޓުކަމުގައިވާ ރެފްލްސް މޯލްޑިވްސް މެރަދޫ ރިސޯޓު މިއަހަރުގެ ފަހުކޮޅު ހުޅުވުމަށް ތައްޔާރުވެއްޖެއެވެ.

މިއީ ރެފްލްސް ހޮޓެލްސް އެންޑް ރިސޯޓްސް އިން ދެކުނު އޭޝިއާ ސަރަޙައްދުގައި ހުޅުވާ ފުރަތަމަ ރިސޯޓެވެ. ރެފްލްސް ހޮޓެލްސް އެންޑް ރިސޯޓްސް އަކީ ހޮސްޕިޓަލިޓީ ދާއިރާ، ވަކިން ޙާއްސަކޮށް ލަގްޒަރީ ރިސޯޓުތަކާއި ހޮޓެލްތައް ހިންގާ ފްރާންސްގެ މަޝްހޫރު ކުންފުންޏެއްކަމަށްވާ އެކޯ ހޮޓެލްސްގެ ލަގްޒަރީ ޗެއިންނެކެވެ.

ދުބާއީ ހޯލްޑިންސްއިން ޖުމެއިރާ ދެވަނަފުށީގެ ނަމުގައި ކުރިން ހިންގަމުން އައި މި ރިސޯޓު އަލުން ރީ-ބްރޭންޑްކޮށް، ރިސޯޓު ހިންގުމާއި އެކޯ ހޮޓެލްސްއިން ހަވާލުވެފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައެވެ. ގާތްގަނޑަކަށް އަހަރު ދުވަހުގެ މަސައްކަތަށްފަހު ރެފްލްސް މޯލްޑިވްސް މެރަދޫ ރިސޯޓު އަލުން ހުޅުވުމަށް ހަމަޖެހިފައިވަނީ 5 ތަރީގެ ރިސޯޓެއްގެ ގޮތުގައެވެ.

2 ޕްރައިވެޓް އައިލެންޑްގެ މައްޗަށް އެކުލެވޭ މި ރިސޯޓުގައި ލަގްޒަރީ ފެންވަރުގައި ހަދާފައިވާ 21 އައިލެންޑް ވިލާ އަދި ޕްރައިވެޓް ޕޫލަކާއެކު ހަދާފައިވާ 16 އޯޝަން ވިލާ ހިމެނެއެވެ. އަދި މި ރިސޯޓުން ޕްރައިވެޓް ޝެފް ސަރވިސްގެ އިތުރުން 24 ގަޑިއިރު ބަޓްލަރ ޚިދުމަތްވެސް ލިބޭނެއެވެ.

އަދި ސެޓިފައިޑް ޑައިވިންގ ސެންޓަރ މެދުވެރިކޮށް ސްނޯކްލިންގއަށް ދިއުމާއި ސްކޫބަ ޑައިވިންގެ އިތުރުން ވޯޓަރ ސްޕޯޓްސްގެ ހަރަކާތްތަކުގައިވެސް ބައިވެރިވުމުގެ ފުރުޞަތު މި ރިސޯޓަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ލިބިގެންދާނެއެވެ.

ރެފްލްސް މޯލްޑިވްސް މެރަދޫ ރިސޯޓު ހުޅުވާނެ ވަކި ތާރީޚެއް ހާމަކޮށްފައިނުވި ނަމަވެސް، ބެލެވޭ ގޮތުގައި މި ރިސޯޓު ހުޅުވުމަށް ހަމަޖެހިފައިވަނީ އަންނަމަހުގެ ތެރޭގައިކަމަށް ފަތުރުވެރިކަމާ ގުޅުން ހުރި ޙަބަރުތައް ގެނެސްދޭ ބައެއް ވެބްސައިޓުތަކުގައި ބުނެފައިވެއެވެ.