ޓުއަރިޒަމް

ސްވިސް އިންޓަރނޭޝަނަލް ހޮލިޑޭ އެގްޒިބިޝަނުގައި ރާއްޖެއިން ބައިވެރިވެއްޖެ


ރާއްޖޭގެ ފަތުރުވެރިކަން ބޭރުގެ މަންޒިލްތަކަށް އިޝްތިހާރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ސްވިސް އިންޓަރނޭޝަނަލް ހޮލިޑޭ އެގްޒިބިޝަނުގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.

މިއީ ފަތުރުވެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކައް ޢަމާޒުކޮށްގެން ސްވިޓްޒަލޭންޑުގައި ބާއްވާ އެންމެ ޝަރަފުވެރި އެއް އެގްޒިބިޝަނެވެ. ހަމައެހެންމެ ޔޫރަޕުގެ އެންމެ މުހިއްމު އެއް ޓޫރިޒަމް ފެއަރވެސްމެއެވެ. މިމަހުގެ 1 އިން 4 އަކަށް ބާއްވާ މި އެގްޒިބިޝަން ކުރިއަށްދަނީ ސްވިޓްޒަލޭންޑުގެ ދެކުނުން އޮންނަ އަވަށެއްކަމަށްވާ ލުގާނޯގެ އެގްޒިބިޝަން ސެންޓަރުގައެވެ.

ސްވިސް އިންޓަރނޭޝަނަލް ހޮލިޑޭ އެގްޒިބިޝަންގައި ދިވެހިރާއްޖޭން ބައިވެރިވެފައިވާއިރު، މި އެގްޒިބިޝަންގައި ރާއްޖެ ތަމްސީލުކުރުމުގައި އެންމެ އިސްކޮށް ޙަރަކާތްތެރިވަނީ އެމް.އެމް.ޕީ.އާރ.ސީގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ ޙާރިޘް މުޙައްމަދެވެ. އެމް.އެމް.ޕީ.އާރ.ސީގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވާ 4 ކުންފުންޏަކުން މިފަހަރުގެ އެގްޒިބިޝަންގައި ބައިވެރިވިއެވެ.

މި އެގްޒިބިޝަންގެ ތެރެއިން ޔޫރަޕް އަދި މެދުއިރުމަތީގެ ޤައުމުތަކަށް ރާއްޖޭގެ ފަތުރުވެރިކަން އިޝްތިޙާރުކުރުމުގެ އިތުރުން ދިވެހިރާއްޖޭގެ ސަޤާފަތާއި، ތާރީޙާ ގުޅޭ މަޢުލޫމާތުވެސް އަންނަނީ ފޯރުކޮށްދެމުންނެވެ. އެގޮތުން ދިވެހި ރަހަތަކާއި، ކެއުންތައް ރާއްޖޭގެ ސްޓޯލަށް ޒިޢާރަތްކުރާ ފަރާތްތަކަށް ޢަމަލީގޮތުން ތަޖުރިބާކޮށްލުމުގެ ފުރުޞަތުވެސް ވަނީ ފަހިކޮށްދީފައެވެ. އަދި ރާއްޖޭގެ ސްޓޯލަށް އެގްޒިބިޓަރުންގެ ފަރާތުން ތަރުޙީބު ލިބެމުން އަންނަކަމަށް އެމް.އެމް.ޕީ.އާރ.ސީން ބުނެއެވެ.

ސްވިޓްޒަލޭންޑަކީ ޔޫރަޕްގެ ޤައުމުތަކުގެ ތެރެއިން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއް ޤައުމެވެ. އެގޮތުން މިދިޔަ އަހަރު 32 ހާސް 6 ސަތޭކައަށްވުރެ ގިނަ ފަތުރުވެރިން ހަމައެކަނި ސްވިޓްޒަލޭންޑުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، މިއަހަރުގެ މިހާތަނަށް 22 ހާހަށްވުރެ ގިނަ ފަތުރުވެރިން އެޤައުމުން ރާއްޖެ އައިސްފައިވާކަމަށް ފަތުރުވެރިކަމާބެހޭ ތަފާސް ހިސާބުތަކުން ދައްކައެވެ.

ސްވިސް އިންޓަރނޭޝަނަލް ހޮލިޑޭ އެގްޒިބިޝަންގެ އިތުރުން، ވޯލްޑް ޓްރެވަލް މާކެޓް 2018 ގައިވެސް ރާއްޖެ ތަމްސީލްކުރުމަށްޓަކާ އެމް.އެމް.ޕީ.އާރ.ސީއާއި ރާއްޖޭގެ ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ތަފާތު ފަރާތްތަކުން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގައި ކުރިއަށްދާ މި ފެއަރ އޮންނަނީ މިމަހުގެ 6 އިން 7 ކަށެވެ.