ޚަބަރު

އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ޓެސްޓިންގ މަރުހަލާ ނިންމައި ޚިދްމަތްދޭން ތައްޔާރުވެއްޖެ


އައްޑޫ ފިޝަރީޒް ކޮމްޕްލެކެސްގެ ފިނި ކުރި ނިޒާމްގެ ޓެސްޓިންގް މަރުހަލާ ނިމި އޮޕަރޭޝަން ފައްޓަން ތައްޔާރުވެފައިވާކަމަށް އައްޑޫ ފިޝަރީޒް ކޮމްޕްލެކެސްއިން ބުނެފިއެވެ.

ޕީއެސްއެމްއަށް މައުލޫމާތް ދެއްވަމުން އައްޑޫ ފިޝަރީޒް ކޮމްޕްލެކެސްގެ ރީޖަނަލް މެނޭޖަރ މުސްތަފާ ޖަމީލް ވިދާޅުވީ މަސް ފެކްޓަރީގެ ފިނިކުރި ނިޒާމްގެ ޓެސްޓިންގ މަރުހަލާ ނިމި އޮޕަރޭޝަން ފައްޓަން ތައްޔާރުވެފައިވާ ކަމަށާއި އެގޮތުން ކޯލްޑް ސްޓޯރޭޖްތައް މިދިޔަމަހުގެ ދިހަ ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކު ވަކި ވަރަކަށް ފިނި ކުރަމުން ގޮސް މައިނަސް ފަންސަވީސް ޑިގްރީއަށް ފިނިކޮށް ނިންމާލީ މިދިޔަ މަހުގެ 31 ވަނަ ދުވަހުގައިކަމަށެވެ.

އޭނާ ވިދާޅުވީ ބްރައިންއަށް މަސް ފިނިކުރެވެނީ ކިހާ އިރަކުންތޯ ބެލުމަށް 10 ޓަނުގެ މަސް ބްރައިން ތެރެއަށް ލޯޑް ކުރެވިފައިވާ ކަމަށެވެ. ބްރައިންއަށް ލޯޑް ކުރެވުނު މަހުގެ ބެކް ބޯން ޓެމްޕްރޭޗާ މައިނަސް ފަނަރަ ޑިގްރީއަށް ގެނެވުނީ ހަ ގަޑިއިރުތެރޭގައި ކަމަށް އެކޮމްޕްލެކްސްއިން ބުނެއެވެ.

އައްޑޫ ފިޝަރީޒް ކޮމްޕްލެކެސްގެ ފިިނި ކުރާ ނިޒާމްގެ މަސައްކަތް ކުރިއަށް ދިޔައީ ތައިލެންޑްގެ ކުންފުންޏެއް ކަމަށްވާ ސިރަޔޫތް ކުންފުންޏާއި ހަވާލުކުރެވިގެންނެވެ. އައްޑޫ ފިޝަރީޒް ކޮމްޕްލެކްގެ ޚިދުމަތް އަންނަ ޑިސެމްބަރު މަހު ފަށާނެކަމަށް މިފްކޯއިން ބުނެއެވެ.

ދެހާސް ސޯޅަވަނަ އަހަރު މަސައްކަތް ފެށި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އަކީ ހަތް މިލިއަން ޑޮލަރު ހަރަދުކޮށްގެން ގާއިމުކޮށްފައިވާ ތަނެކެވެ. އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަކީ 1،500 ޓަނުގެ ކޯލްޑް ސްޓޯރޭޖް ފެސިލިޓިއަކާ އެކު ދުވާލަކު 100 ޓަނުގެ މަސް ގަނޑުކުރެވޭ ގޮތަށް ހަދާފައިވާ ތަނެކެވެ. އަދި އެތަނުގައި 50 ޓަނުގެ އައިސް ޕްލާންޓަކާއި 200 ޓަނުގެ ތެލާއި 250 ޓަނުގެ ފެން އެއްފަހަރާ ރައްކާ ކުރެވޭނެ ކަމަށް މިފްކޯ އިން ބުންޏެވެ.