ގަން އިންޓަނޭޝަނަލް އެއަރޕޯޓާއި ސައުތު އެފްރިކާއާ ދެމެދުގެ ވައިގެ ދަތުރުތައް ފެށުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިމަހުގެ 20 ވަނަ ދުވަހާ ހަމައަށް ނިންމާލެވޭނެކަމަށް އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓުން ބުނެފިއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓުގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ލަޠީފު ވިދާޅުވީ، މި މަހުގެ 24 ވަނަ ދުވަހު ސައުތު އެފްރިކާގެ ޖޮހަނަަސްބާރގާއި އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއަރޕޯޓާ ދެމެދު ސީދާ ދަތުރުތައް ރަސްމީކޮށް ފަށަން ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާކަމަށެވެ. އަދި މަސައްކަތް މިހާރު ދާ ސްޕީޑަށް ބަލާނަމަ މިމަހުގެ ވިހިވަނަ ދުވަހުގެ ނިޔަލަށް ހުރިހައި ކަމެއް ނިންމާލެވޭނެކަމަށް ލަޠީފު ވިދާޅުވިއެވެ.
ލަޠީފު ވިދާޅުވީ ދަތުރުތައް ފެށުމަށް އެއަރޕޯޓަށް ގެންނަން ޖެހޭ ބަދަލުތައް ގެނެ، ކަމާއިބެހޭ އިދާރާތަކުން ނަގަންޖެހޭ ހުއްދަތައް ނަގަމުންދާކަމަށެވެ. ސްޓާފް ރެކްރޫޓްމެންޓް ޕްރޮގްރާމުތަކާއި އެޕްރެންޓިސްޝިޕް ޕްރޮގްރާމުތައް ކުރިޔަށް ގެންދާއިރު މިވަގުތަށް ބޭނުންވާ މުވައްޒަަފުން ނެގުމުގެ މަސައްކަތްވެސް މިހާރު ފަށާފައިވާކަމަށް އައްޑު އިންޓަނޭޝަނަލް އެއަރޕޯޓުން ބުނެއެވެ.
"މިއީ އައްޑޫގެ ރައްޔިތުންނަށް ވަރަށް އުފާވެރި ދުވަހަކަށްވެގެންދާނެ ހަމަ ގައިމުވެސް. 600 މިލިއަން ރުފިޔާގެ ބޮޑު އިންވެސްޓްމަންޓަކާއެކު ގަން އިންޓަނޭޝަނަލް އެއަރޕޯޓް މިހާރުއޮތީ އެންމެ ބޮޑެތި އެއަރލައިންތަކަށްވެސް ޖެއްސޭނެގޮތަށް ތަރައްޤީކޮށްފަ. އުންމީދަކީ އިތުރު އެއަރލައިންތައް ގެނެސް އައްޑޫގައި ބެޑް ކެޕޭސިޓީ އިތުރުކުރުން." ލަޠީފު ވިދާޅުވިއެވެ.
މި ދަތުރުތައް ފެށުމާއެކު ސައުތު އެފްރިކާ ޞަރަހައްދުން ކޮންމެ ހަފުތާއަކު 300 ފަތުރުވެރިން އައްޑޫ ސިޓީއަށް އަންނާނެއެވެ. އަދި މި ދަތުރުތަކުގައި 20 ޓަނުގެ ކާގޯ ރާއްޖެ އިމްޕޯޓްކޮށް އެކްސްޕޯޓުކުރެވޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ.
ސައުތު އެފްރިކާއިން އައްޑުއަށް ސީދާ ދަތުރުތައް ފެށުމުން މީގެ ފައިދާ ލިބިގެންދާނީ ހަމައެކަނި ފަތުރުވެރިކަމުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ނޫންކަމަށްވެސް އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓުގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ލަޠީފު ވިދާޅުވިއެވެ. އަދި ފްލައިމީ އާއި ގަމާއި ދެމެދުގެ ދަތުރުތަށް މިމަހުގެ 15 ގައި ފެށިގެން ދިއުމަކީވެސް ލިބިގެންދާ ކުރިއެރުމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.
ގަމާއި ސްރީލަންކާގެ ކޮލޮމްބޯއާއި ދެމެދު މިހާރުވެސް ސީދާ ފްލައިޓް ދަތުރު ކުރެއެވެ. އޭގެ އިތުރަށް ލަންކާގައި ޓްރާންސިޓްކުރުމަށްފަހު އެހެން މަންޒިލް ތަކައްވެސް ދަނީ ދަތުރުކުރަމުންނެވެ. މީގެ ކުރިން މިއީ މާލެ އައިސްގެން ނޫނީ ނުކުރެވޭ ދަތުރުތަކެކެވެ. މިދަތުރުތަކައް ކުރިން އައްޑޫ ރައްޔިތުން ބޮޑު ހޭދައެއް ކުރަން ޖެހުނު ނަމަވެސް ސްރީލަންކާއާއި އައްޑުއާއި ދެމެދު ސީދާ ފްލައިޓް ފެށުމުން ވަރަށް ބޮޑު ލުޔެއް ލިބިފައިވާކަން އައްޑޫ ރައްޔިތުން ބުނެއެވެ.
އައްޑޫ ސިޓީއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް އީކުއޭޓަރ ވިލެޖާއި ޝެންގްރިއްލާގެ އިތުރުން ހެރެތެރެ ރިސޯޓް އަންނަނީ ހިންގަމުންނެވެ. މިހާރު އައްޑޫގައި 800 ފަތުރުވެރިންނަށް އެއްފަހަރާ ޚިދުމަތްދެވެއެވެ.