ޚަބަރު

ޕްލާސްޓިކްފުޅި އެއްކުރުމުގެ ހަރަކާތް ސްކައުޓުން ނިންމާލައިފި


ސްކައުޓް އެސޯސިއޭޝަނުން ކުރިއަށް ގެންދިޔަ "ޕްލާސްޓިކް ބޮޓުލްސް ރިސައިކްލިންގް
ޕްރޮޖެކްޓް" ގެ ދަށުން ތިރީސް ފަސް
ގަޑިއިރުގެ ތެރޭގައި ދެލައްކައަށްވުރެ ގިނަ ޕްލާސްޓިކް ފުޅި އެއްކޮށް އެ ޙަރަކާތް
ނިންމާލައިފިއެވެ.



މާލޭގެ ފެން ކުންފުންޏަށް ދިމާވި
އަލިފާނުގެ ހާދިސާއާ ގުޅިގެން މާލެއިން ފެން ކެނޑުމުން ބޭރު ގައުމުތަކުން އެހީގެ
ގޮތުގައި މާލެއަށް ފޯރުކޮށްދިން ފެން ފުޅިތަށް ރިސައިކަލް ކުރުމަށް ރާއްޖޭގެ
ސްކައުޓް އެސޯސިއޭޝަނުން ކުރިއަށް ގެންދިޔަ ހަރަކާތް ނިންމުމަށް ރޭ އަރަބިއްޔާ
ސްކޫލްގައި ބޭއްވި ރަސްމިއްޔާތު ގައި ސްކައުޓް އެސޯސިއޭޝަނުން ބުނީ ދެލައްކަ
އަށްވުރެ ގިނަ ޕްލާސްޓިކް ފުޅި އެއްކޮށްފައިވަނީ ސްކައުޓް ލިޑަރުންނާއި އަށްޑިހަ
ވަރަކަށް ސްކައުޓުން އެއްހަފްތާވަންދެން ކުރި މަސައްކަތްތުން ކަމަށެވެ. ދެލައްކަ
ފުޅި އެއްކުރެވުނު ނަމަވެސް މާލެއަށް ބަހާފައިވާ ފެން ފުޅީގެ އަދަދު އެއް
މިލިއަނަށް އާރާނެކަމަށް ސްކައުޓް އެސޯސިއޭޝަނުން ފާހަގަކުރެއެވެ.



މިޕްރޮޖެކްޓަކީ އެމްއެންޑީއެފް
އާއި މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނާޖީ އާއި އެންވަޔަރަމެންޓް
ޕްރޮޓެކްޝަން އެޖެންސީ އާއި އެސްޓީއޯ ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮޖެކްޓެކެވެ.



ސްކައުޓުން އެއްކޮށްފައިވާ މި
ފުޅިތައް ރީސައިކަލް ކުރުމަށް ހަވާލުކޮށްފައިވަނީ އިކޯ ފްރެންޑްސް ނަމަކަށް ކިޔާ
ކުންފުންޏަކާއެވެ.



މި ރަސްމިއްޔާތުގައި ވާހަކަ
ދައްކަވަމުން ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޗީފް ކޮމިޝަނަރ ހުސައިން
އަބުދުﷲ ވިދާޅުވީ، ސްކައުޓުން ފުޅި އެއްކުރުމުގެ މަސައްކަތް ކުރަމުން ދިޔަ އިރު
ބައެއް ފަރާތްތަކުން ނުރުހުމުގެ ބަސްތައް އިވުނު ނަމަވެސް ސްކައުޓުން ކުރަމުންދާ
މި ފަދަ ކަންކަމުގެ ބޭނުން މި ޕްރޮގްރާމްގެ ސަބަބުން ފުރިހަމަވެގެން
ހިނަގައްޖެކަމަށެވެ.



ރޭގެ ރަސްމިއްޔާތުގައި ވާހަކަ
ދެއްކެވި ގިނަ ބޭފުޅުން ވަނީ ރާއްޖޭގައި އުކާލެވޭ ހުސްޕްލާސްޓިކް ފުޅި
މަދުކުރެވޭނެ ގޮތެއް ހޯދަންޖެހިފައިވާ ކަމަށް ވިދާޅުވެފައެވެ.



ރޭގެ ރަސްމިއްޔާތު
ޝަރަފްވެރިކޮށްދެއްވީ ތިމާވެއްޓާއި ބެހޭ ވަޒީރު ތޯރިޤް އިބްރާހީމެވެ. މީގެ
އިތުރުން މި ރަސްމިއްޔާތުގައި ސްކައުޓް އެސޯސިއޭޝަންގެ އިސްވެރިންނާއި ބައެއް
ސްކައުޓުން ބައިވެރިވެފައިވެއެވެ.