ޚަބަރު

ފުވައްމުލަކު ވިމެންސް ކްރިކެޓް ޝީލްޑް މުބާރާތް ފަށައިފި


ފުވައްމުލަކު ވުމެންސް ކްރިކެޓް ޝިލްޑްގެ މުބާރާތް މިއަދު މެންދުރު ފަށައިފިއެވެ.

އަފުން ފުވައްމުލައް ކްރިކެޓް އެކަޑަމީ އާއި ކްރިކެޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދާ މި މުބާރާތަކީ މިމަހުގެ 18 އިން މިހުގެ 24 ގެ ނިޔަލަށް ކުރިށް ގެންދާ މުބާރާތެކެވެ.

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރ ލިއަމް މެކަމްސްކީ ވިދާޅުވީ މި މުބާރާތަކީ މީ ފުވައްމުލަކުގައި ބާއްވާ މީގެ ދެވަނަ މުބާރާތްކަމަށެވެ. މި މުބާރާތުގައި ފުވައްމުލަކުގައި ތިބި ކްރިކެޓް ކުޅޭ ހުރިހާ އަންހެން ކުދިންނަށް ކުރިއަށް ގެންދާ މުބާރާތެއް ކަމަށެވެ. އަދި މި މުބާރާތުގެ އަނެއް ބޭނުމަކީ މާލޭގައި އޮންނަ ނެޝަނަލް ޓީ 20 ކްރިކެޓް ޓޯނަމެންޓުގައި ކުޅޭނެ 12 ކުޅުންތެރިންގެ ޓީމެއް އެކުލަވާލުން ކަމަށް އޭނާ ވިދާޅުވިއެވެ.

ތިން ޓީމު ވާދަ ކުރާ މިމުބާރާތުގައި ކޮންމެ ޓީމެއް ދެފަހަރު ވާދަކުރަން ވަނީ ހަމަ ޖެހިފައެވެ. އެއަށްފަހު އެންމެ މޮޅު ދެޓީމެއް ހޮވާ އެ ދެ ޓީމް ފޯރިގަދަ ފައިނަލް މެޗްގައި ވާދަކުރާނެކަމަށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން ބުނެއެވެ.

މި މުބާރާތާއި ބެހޭ ގޮތުން ފުވައްމުލަކު ކްރިކެޓް އެކަޑަމީގެ ހެޑް ކޯޗް ޙަސަން މުތީޢު ވިދާޅުވީ މި މުބާރާތުގެ ބޭއްވުމުގެ މައިގަނޑު ބޭނުމަކީ ކުދިންނަށް ކްރިކެޓް ޕްރެކްޓިސްތަކާއި ހާޑް ބޯލް މެޗްގެ ތަފާތު އިހުސާސް ކުރެވޭނެ މާޙައުލެއްގައި ކުދިންނަށް މެޗް އެކްޕީރިއެންސް ކުރުވުން ކަމުގައެވެ. މީގެ އިތުރަށް މި މެޗު ތަކުގެ ސަބަބުން ކުދިން ބޮޑަށް މި ގޭމު ތެރެއަށް ވަދެ ކްރިކެޓް ކުޅުމަށް ޝައުޤުވެރިކަން އުފެދޭނެ ކަމަށެވެ.

އަފުން ފުވައްމުލައް ކްރިކެޓް އެކަޑަމީ އާއި ކްރިކެޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން މިމަހުގެ 11 ވަނަ ދުވަހުން ފެށިގެން 17 ވަނަ ދުވަހާ ހަމަޔަަށް ވަނީ އަންޑަރ ފޯރޓީން ބޯއިސް ކްރިކެޓް ޝީލްޑް މުބާރާތެއްވެސް ބާއްވާފައެވެ. މި ނޫނަސް އެތަކެއް މުބާރާތްތަކާއި ފަރިތަކުރުން ތައްވެސް ކުރިޔަށްގެންދެއެވެ. އޭގެ އިތުރުން ޤައުމީ ފެންވަރުގެ ކުޅުންތެރިން ވެސް އަފުން ފުވައްމުލައް ކްރިކެޓް އެކަޑަމީން އުފެދިފާވާކަން ފާހަގަ ކުރެވެއެވެ.