ވިޔަފާރި

އިޝްތިހާރެއްގެ ސަބަބުން ޗައިނާގައި ޑޮލްޗޭ އެންޑް ގަބާނާ ބްރޭންޑް ބޮއިކޮޓްކުރަނީ!


އިސްތިހާރެއްގެ ސަބަބުން ޑޮލްޗޭ އެންޑް ގަބާނާ ބްރޭންޑުގެ ތަކެތި ޗައިނާގެ ފިހާރަތަކުން ވިއްކުން ހުއްޓާލައި، މިބްރޭންޑަށް ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެއްޖެއެވެ.
ރިޕޯޓް
ޗައިނާގެ އީ ކޮމާސް ސައިޓްތަކުންނާއި، ބައެއް ރީޓެއިލް ފިހާރަތަކުންވެސް އިޓަލީގެ މަޝްހޫރު ޑޮލްޗޭ އެންޑް ގަބާނާގެ ތަކެތި މިވަނީ ބޮއިކޮޓްކުރަން ފަށާފައެވެ.
މިކަން ދިމާވީ ޑޮލްޗޭ އެންޑް ގަބާނާއިން އެކުންފުނިން ޗައިނާގައި ބާއްވަން އުޅުނު ޝޯވއެއްގެ އިޝްތިހާރުކުރުމަށް ދެއްކި އެޑެއްގެ ސަބަބުންނެވެ. މިއެޑުގައި ފެނިގެންދަނީ ޗައިނާ އަންހެން ކުއްޖެއް ޗޮޕް ސްޓިކް ބޭނުންކޮށް، ސްޕެގެޓީ އަދި ނޫޑުލްސް ކެއުމަށް މަސައްކަތްކޮށް، އެކަން ނުކުރެވިގެން އުޅޭ ތަނެވެ. މިކަމުގެ ސަބަބުން ޑޮލްޗޭ އެންޑް ގަބާނާއަށް ދުނިޔޭގެ އެންމެ ބޮޑު އެއް ލަގްޒަރީ މާރކެޓުން ބޮޑު ގެއްލުންތަކެއް ވާނެކަމަށް އިޤްތިސާދީ މާހިރުން ބުނެއެވެ.

ޗައިނާގެ އާންމުންނާ، ސަރުކާރުގެ ބައެއް އޮފިޝަލުންނާއި، އަމިއްލަ ކުންފުނިތައް އަދި ފިލްމީ ތަރިންނާ، މޮޑެލުންވެސް ވަނީ މިބްރޭންޑަށް ފާޑުކިއުންތަށް އަމާޒުކޮށްފައެވެ. އަދި އެފަރާތްތަކުން ވަނީ މިބްރޭންޑު ބޮއިކޮޓްކުރުމަށްވެސް ގޮވާލާފައެވެ.
އާންމުން ބުނާގޮތުގައި ޑީ އެންޑް ޖީގެ މި އިޝްތިހާރަކީ ނަސްލީ ތަފާތުކުރުމާ، ޗައިނާގެ އާދަކާދަތަކަށް މަލާމާތްކުރާ ގޮތަށް ތައްޔާރުކޮށްފައިވާ އިޝްތިހާރެކެވެ.

މިމައްސަލަ އިތުރަށް ހޫނުވެފައިވަނީ ޑީ އެންޑް ޖީ ކުންފުނީގެ ކޯ ފައުންޑަރެއްކަމަށްވާ ސްޓެފާނޯ ގަބާނާ މިކަމަށް ރައްދުދީ ޗައިނާ މީހުންނަށް ބަދުބަސް ބުނެފައިވާ މެސެޖެއް އާންމުވި ހިސާބުންނެވެ. މިމައްސަލައިގައި އެކުންފުނިން ރަސްމީކޮށް މާއާފަށް އެދިފައިވާއިރު، މިމެސެޖަކީ އެކުންފުނީގެ އިންސްޓަރގްރާމް އަދި އެހެން އެކައުންޓްތައް ހެކްކޮށް އެހެން ބަޔަކު ލިޔުނު މެސެޖެއްކަމަށް ކުންފުނިން ވަނީ ބުނެފައެވެ.

ޑީ އެންޑް ޖީގެ ކޯ ފައުންޑަރއެއްކަމަށްވާ ޑޮމެނިކޯ ޑޮލްޗޭ ވަނީ، އިޝްތިހާރުގެ މައްސަލައިގައި އަދި ކުންފުނީގެ ވެރިންގެ އެކައުންޓް ހެކްކޮށް، ޗައިނާ މީހުންނަށް ބަދުބަސްބުނެ ލިޔެފައިވާ މެސެޖުގެ މައްސަލައިގައި ވީޑިއޯ މެސެޖެއްގެ ޒަރިއްޔާއިން މައާފަށް އެދިފައެވެ.

ޑޮލްޗޭ ކުންފުނި ހޫނުފެނަށް ވައްޓާލި އިޝްތިހާރު ދައްކަންފެށި ހިސާބުން ޗައިނާގައި ޑޮލްޗޭ އެންޑް ގަބާނާއިން ބޭއްވުމަށް ނިންމާފައިވާ ޝޯވެސް ވަނީ ކެންސަލް ކޮށްފައެވެ.

މިމައްސަލައިގެ ސަބަބުން ޑޮލް ޗޭ އެންޑް ގަބާނާގެ ވިޔަފާރިއަށް ގެއްލުންވިނަމަވެސް، މިކަމުގެ އަސަރު ކުޑަކުރުމުގެ ބާރު އޮތީ އެކުންފުނިން މިކަމުގައި އަމަލުކުރާ ގޮތެއްގެ މައްޗަށް ކަމަށް ތަޖުރިބާކާރުން ބުނެއެވެ.
މިއީ މިފަދަ މައްސަލައެއްގައި ޑޮލްޗޭ އެންޑް ގަބާނާ ފިތުނު ފުރަތަމަ ފަހަރެއް ނޫންކަން ފާހަގަކޮށްލެވެއެވެ. މިގޮތުން މިއަހަރުގެ އޭޕްރިލް މަހުވެސް ޗައިނާގެ އީކޮމާސް ސައިޓް، ވެއިބޯގައި ޑީ އެންޑް ޖީއިން ކުރިޔަށް ގެންދިޔަ ކެންޕެއިނެއްގައިވެސް މިފަދަ މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އެފަހަރު މައްސަލަ ބޮޑުވެފައިވަނީ، ޑޮލްޗޭ ކެންޕެއިންގައި ބެއިޖިން ސިޓީއަށް އައިސްފައިވާ ކުރިއެރުން ނުދައްކާ އެންމެ ފަގީރު ހިސާބުތައް ދައްކުމުގެ ސަބަބުންނެވެ.

މީގެ އިތުރުން 2016ވަނަ އަހަރުވެސް އެކުންފުނީގެ ފައިވާނަކަށް "ސްލޭވް ސެޑަލް"ގެ ނަންދިނުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތައް ޑޮލްޗޭއަށް އަމާޒްވިކަން ފާހަގަކޮށްލެވެއެވެ.