ޚިޔާލު ތަފާތުވި ނަމަވެސް ރާއްޖެ އަންނަ
މެހެމާނުންނަށް ކަމޭހިތަން ދަސްކުރަން ޖެހޭކަމަށް ރައީސުލްޖުމުހޫރިއްޔާ އަބްދުއްﷲ
ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރޭ އައްޑޫސިޓީގެ ފެނުގެ ނިޒާމް ޤާއިމު ކުރުމަށާއި
ފިޝަރީޒް ކޮމްޕްލެކްސްގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި
ވާހަފުޅު ދައްވަކަމުން ރައީސް ޔާމީން ވިދާޅުވީ، ސިޔާސީ ގޮތުން ޚިޔާލު ތަފާތުވި
ނަމަވެސް އެއްގަލަކަށް އެރޭ ކަންތައްތަކެއް ހުންނަން ޖެހޭކަމަށެވެ. ރާއްޖެ އަންނަ
މެހެމާނުންގެ ފުރާނައަށް ގެއްލުންވާފަދަ މެސެޖުތަށް ފެތުރުމަކީ އެކަމުގެ ސަބަބުން
ރައްޔިތުން ކަރުނަ އަޅަން ޖެހިދާނެކަމެއްކަމަށް ވިދާޅުވިއެވެ. ރައީސް ޔާމީންގެ
ވާހަކަފުޅުގައި އެފަދަ އަމަލު ތަކުގެ ސަބަބުން ރާއްޖެއާމެދު ބޭރު ޤައުމުތަކުގެ
މެދުގައި ނުތަނަވަސްކަން އުފެދިދާނެކަމަށް ވިދާޅުވިއެވެ.
ރާއްޖެއަށް އަންނަ އިންވެސްޓަރުންނަށް އަމާންކަން
ނެތްކަމުގެ މެސެޖްތައް ދޭން ފަށައިފިނަމަ، ރާއްޖޭގައި އިންވެސްޓް ކުރަން
ފަސްޖެހެން ފަށާނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ދިވެހިންގެ ބިމަކީ އަމާން
ތަނަކަށް ވާންޖެހޭ ކަމަށާއި ކޮންމެ ސިޔާސީ ފިކުރެއްގައި ހުރި ލީޑަރަކު
ހުރިނަމަވެސް މިހަޤީޤަތާ ދުރައް ނުދެވޭނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ސަރުކާރުގެ
މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ރައްޔިތުންނަށް ޚިދުމަތްކުރުމަށް ލިބުނު
ފަސްއަހަރުގެ ތެރެއިން ފުރަތަމަ އަހަރު ނިމުނުއިރު ގިނަ މަސައްކަތްތަކެއްގެ ބިންގާ
އެޅި މަސައްކަތް ފެށިފައިވާކަމަށެވެ. އައްޑޫ ސިޓީގެ ތަރައްޤީއާ ބެހޭގޮތުން
ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ،
އަންނަ އަހަރު ނިމުމުގެ ކުރިން އައްޑޫ ސިޓީގެ ހިތަދޫގެ ކަރަންޓުގެ 25
އިންސައްތައަކީ އިއާދަ ކުރަނިވި ހަކަތަކައަށް ބަދަލުވެގެން ދާނެކަމަށެވެ. އަދި
2015 ވަނަ އަހަރުގެ ބަޖެޓަކީ، އައްޑޫ ސިޓީއަށް ބޮޑެތި
ތަރައްޤީގެ މަސައްކަތްތައް ހިމެނިފައިވާ ބެޖެޓެއްކަން ރައީސް ފާހަގަ ކުރެއްވިއެވެ.