އައްޑޫ ސިޓީން ކަރަންޓް ކެނޑޭ މައްސަަލައަށް ދާއިމީ ޙައްލެއް ހޯދޭނެ ގޮތްތަކާ ބެހޭގޮތުން އައްޑޫސިޓީ ކައުންސިލުން، ފެނަކަ ކޯޕަރޭޝަނުގެ އިސްވެރިންނާއެކު މަޝްވަރާކޮށްފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން މި މަޝްވަރާތައް ކޮށްފައިވަނީ، އައްޑޫ ސިޓީގެ ކަރަންޓުގެ ހާލަތު ދެނެގަތުމަށް ފެނަކަ ކޯޕަރޭޝަނާއެކު ބޭއްވި ބައްދަލުކުރުމުގައެވެ. މި ބައްދަލުވުމުގައި އައްޑޫސިޓީ ކައުންސިލުން ވަނީ، އެ ސިޓީން ކަރަންޓް ކެނޑޭ މައްސަލައާއި އެ ސިޓީގެ އިންޖީނުގޭގެ ހާލަތާބެހޭގޮތުން މަޢުލޫމާތު ހޯދާފައެވެ.
އައްޑޫ ސިޓީގެ މިހާރުގެ ކަރަންޓުގެ ހާލަތާ ގުޅޭގޮތުން މަޢުލޫމާތުދެމުން، މި ބައްދަލުވުމުގައި ފެނަކަ ކޯޕަރޭޝަނުގެ ޑިރެކްޓަރ އާސިމް ވިދާޅުވީ، އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ފުރިހަމަ ހައްލެއް ލިބިފައިނުވަނީ، މިހާތަނަށް އެ ސިޓީގެ ކަރަންޓަށް މައްސަލަ ދިމާވާ ކޮންމެ ފަހަރަކުވެސް ދާއިމީ ހައްލެއް ގެނައުމުގެ ބަދަލުގައި ވަގުތީ ހައްލުތަކެއް ގެނެސްފައިވާތީކަމަށެވެ.
އެގޮތުން ކަރަންޓުގެ މައްސަލަ ދިމާވުމުން މިހާތަނަށްވެސް ގެނެސްފައިވަނީ ކިރިއާ ބޭނުންވާ ވަރަށް ކަރަންޓް އުފެއްދޭވަރުގެ ކެޕޭސިޓީހުރި ޖަނަރޭޓަރުތަކެއްްކަމަށާ، އެހެންކަމުން، ކިރިޔާ ޖެނެރޭޓަރަކަށް މައްސަލައެއް ދިމާވިޔަސް ސަރވިސްކުރުމަށް ކަރަންޓު ކަނޑާލަންޖެހޭ ކަމަށެވެ. މީގެއިތުރުން މިހާރުގެ ސެންޓްރަލް ޕަވަރ ސްޓޭޝަންގެ ހާލަތުހުރީ ވަރަށްވެސް ދަށްކޮށް ކަމަށާއި، އޭގެ ސަބަބުން އެތަން ހިންގުމުގެ ޚަރަދާއި މެއިންޓަނެންސް ކުރުމަށް ކުރަންޖެހޭ ޚަރަދު އިތުރުވެފައިވާ ކަމަށެވެ.
އާސިމް ވިދާޅުވީ، މިހާރު އިންސްޓޯލްކޮށްފައި ހުރި 1.6 މެގަ ވޮޓްގެ ސޯލާ ސިސްޓަމުން އުފެއްދެނީ ގާތްގަޑަކަށް 800 ކިލޯވޮޓް ގެ ކަރަންޓު ކަމަށެވެ. އަދި ބެޓްރީ ސިސްޓަމެއް ނެތުމުގެ ސަބަބުން އަވި ލިބޭ މިންވަރު މަދުވާ ގަޑިތަކުގައި، އެލޯޑްވެސް ނަގަންޖެހެނީ ޖެނެރޭޓަރުން ކަމަށާ، އެހެންކަމުން ލޯޑް ބޮޑުވާ ވަގުތުތަކުގައި މީގެ ސަބަބުން ކަރަންޓު ކެނޑޭގޮތް ދިމާވާ ކަމަށެވެ. އަދި މިހާރު ހުރި މައި ދެ ޖަނަރޭތަރުގެ ތެރެއިން މައްސަލަ ދިމަވެފައިވާ ޖަނަރޭޓަރު މަރާމާތުކުރުމަށް ބޭނުންވާ ސްޕެއަރ ހޯދައި އެކަން ކުރުމަށް 6 މަސް ވަރު ހޭދަވަނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިބައްދަލުމުގައި ފެނަކައިގެ އިންޖިނިއަރުންގެ ޓީމަކުން އަމިއްލައަށް އިސްނަގައިގެން އައްޑޫގެ ކަރުންޓުގެ ހާލަތު ދިރާސާކޮށް ކުރިއަށްއޮތް 6 އަހަރަށް ކަރަންޓު އުފެއްދޭނެކަމަށް ލަފާކުރާ މިންވަރާއި އެވަރަށް ކަރަންޓު ފޯރުކޮށްދޭނެގޮތުގެ ދިރާސާ ރިޕޯޓެއްވެސް ވަނީ ކައުންސިލަށް ހުށަހަޅާފައެވެ.