ޚަބަރު

އަންނަ އަހަރު ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދޭން ފަށަނީ


އަންނަ ދިރާސީ އަހަރު ފެށޭއިރު ހެނދުނުގެ ނާސްތާގެ ޕައިލެޓް ޕްރޮޖެކްޓް ފަށާނެކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ކޮންމެ ސްކޫލަކީ ދަރިވަރުންނަށް ހެނދުނުގެ ނާސްތާއެއް ދޭ ސްކޫލެއްގެ ގޮތުގައި ހަމަޖެއްސުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހްގެ ރިޔާސީ ވަޢުދެކެވެ. އަދި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި މީގެ ޕައިލެޓް ޕްރޮޖެކްޓް ފެށުމަށް ހަމަޖެހިފައިވާއިރު، މި މަޝްރޫޢަށް 50 މިލިއަން ރުފިޔާ 2019 ވަނަ އަހަރުގެ ބަޖެޓުގައިވެސް ހިމަނާފައިވެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވިދާޅުވީ، ހެނދުނުގެ ނާސްތާގެ ޕައިލެޓް ޕްރޮޖެކްޓް ކުރިއަށް ގެންދިޔުމަށްޓަކައި އެކަމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުންދާކަމަށެވެ. އެގޮތުން ދުޅަހެޔޮ ސިއްޙަތެއްގައި ކުދިން ތިބުމަށް ބާރުއެޅުމުގެ ގޮތުން ހެލްދީ ލައިފްސްޓައިލް މެނޫއެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ، ހެނދުނުގެ ނާސްތާގެ ޕައިލެޓް ޕްރޮޖެކްޓް އަމާޒުކޮށްފައިވާނީ އެންމެ ސްކޫލެއްގައި ހިންގުމުގެ ބަދަލުގައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގެ އެކި އާބާދީތަކުގެ ސްކޫލްތަކުގައި ހިންގުމަށް ކަމަށެވެ. އަދި މިގޮތަށް ނިންމީ ކުދިންގެ އަދަދަށް އަންނަ ބަދަލާއެކު މި ޕްރޮޖެކްޓް ތަންފީޒުކުރުމުގައި ދިމާވެދާނެ މައްސަލަތަކަކީ ކޮބައިކަން ދެނެގަނެ، އެކަންކަން ހައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތައް ދެނެގަތުމަށްކަމަށްވެސް އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.

"
"މި ޕްރޮޖެކްޓް ކުރިއަށްގެންދިޔުމަށްޓަކައި ކަންތައްތައް ރާވަމުން މިދަނީ. އަޅުގަނޑުމެން ބޭނުންވަނީ ރާއްޖޭގެ ޕޮޕިއުލޭޝަންގެ ރެޕްރިޒެންޓޭޓިވް ސާމްޕަލްއަކަށް ބަލައިގެން ޕްރޮގްރާމް ޕައިލެޓް ކުރަން. އަންނަ އަހަރުގެ ޖަނަވަރީ މަހު ކިޔެވުން ފެށިގެންދާއިރު އެކި ސްކޫލްތަކުގަ ޕައިލެޓް ޕޮރޮޖެކްޓް ހިންގޭނެ. މި ޕްރޮޖެކްޓް ހިނގަމުންދޭތޯ ވަރަށް ގާތުން ބަލަމުންދާނަށް"
އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ޕައިލެޓް ޕްރޮޖެކްޓްގެ ގޮތުގައި ކިޔަވާކުދިންނަށް ހެނދުނުގެ ނާސްތާ ހިލޭ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާއިރު، މި މަޝްރޫޢު ދެމެހެއްޓެނިވިގޮތަކަށް ކުރިއަށްގެންދެވޭނެ ގޮތްތަކަކީ ކޮބައިތޯ ބަލައި، ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި މިކަން ވީއެންމެ އަވަހަކަށް ތަންފީޒުކުރާނެކަމަށް އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.

މިފަދަ މަޝްރޫޢެއް ޤައުމީ ފެންވަރުގައި ކުރިއަށްގެންދިއުމުގެ އެންމެ ބޮޑު މަޤްޞަދަކީ ދަރިވަރުންގެ ސިއްޙީ ދުޅަހެޔޮކަމަކީ، އެދަރިވަރެއްގެ ތަޢުލީމު އުނގެނުމުގެ ޤާބިލުކަން އިތުރުކޮށްދޭ ކަމަކަށްވެފައި، އެކަމަށް ދަރިވަރުންނާއި، ބެލެނިވެރިންނަށް ބާރުއެޅުންކަމަށް ސަރުކާރުން ބުނެއެވެ.